ރިޕޯޓް

އެންމެ ބޮޑު ހާސްކަމެއްގައި ހޯނޑެއްދޫ، ގުޅިފައިވާ މަޑަވެލީ ރައްޔިތުން ދައްކައިދެނީ އެކުވެރިކަމުގެ ނަމޫނާއެއް

އަލީ ޔާމިން

2

ކޮވިޑް 19ގެ ތޫފާނާއެކު ގިނަ ދިވެހިންގެ ފަރާތުން ފެނުނީ އޯގާތެރިކަމާއި އެކުވެރިކަމެކެވެ. ފުރަމާލެ ލޮކްޑައުންކޮށް، އެތައް ކަމަކަށް އާއްމު ރައްޔިތުންނަށް ދަތިވިއިރު ދިވެހިންގެ ފަރާތުން ފެނިގެން ދިޔައީ އެއް ހަށިގަނޑެއްގެ މިސާލެކެވެ. ގިނަ މީހުން އެމީހުންގެ ދީލަތި އަތްތަކުން އެހީއަށް ބޭނުން ޖެހިފައިވާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނެވެ.

ކޮވިޑް 19 ރާއްޖެއިން ފެނުނުތާ ހަ މަހަށްވުރެ ގިނަ ދުވަސްވެފައިވާއިރު، ބަލި މިހާރު ވަނީ އަތޮޅުތެރޭގެ ގިނަ ރަށްރަށަށްވެސް ފެތުރިފައެވެ. ނަމަވެސް މާލޭ ސަރަހައްދު ފިޔަވައި އެހެން އެއްވެސް ސަރަހައްދެއް ނުވަތަ ރަށެއްގައި ކޮމިޔުނިޓީ ސްޕްރެޑެއް އަދި ނެތެވެ.

މާލެ ފިޔަވައި ރާއްޖޭގެ އެންމެ ގިނައިން ކޮވިޑް 19އަށް ޕޮޒިޓިވް ވެފައި ތިބި މީހުން ތިބީ ގދ. ހޯނޑެއްދޫގަ އެވެ. އެރަށުން ޖުމްލަ 36 މީހަކު މި ބައްޔަށް ޕޮޒިޓިވް ވެފައިވާއިރު، 60 ވުރެ ގިނަ މީހުންނަކީ ޑައިރެކްޓް ކޮންޓެކްޓުންނެވެ. ޖުމްލަ ކޮންޓެކްޓުންގެ އަދަދު 100 އަށް ވުރެ އިތުރެވެ. އެހެންކަމުން އެރަށުން އިތުރު ބަޔަކު ކޮވިޑަށް ޕޮޒިޓިވް ވުމަކީވެސް ގާތް ކަމެކެވެ.

ހޯނޑެއްދޫން އެންމެ ފުރަތަމަ ބައްޔަށް ޕޮޒިޓިވް ވެފައިވަނީ މާލެއިން އެރަށަށް ގޮސް ހޯމް ކަރަންޓީންގައި ތިބި އެއް އާއިލާއެއްގެ ހަތަރު މެންބަރުންވެ. އެމީހުން ބައްޔަށް ޕޮޒިޓިވް ވެފައިވަނީ މިމަހުގެ ދެވަނަ ދުވަހު އެވެ. އޭގެ ފަހުން އެރަށުން ރެންޑަމްކޮށް ސާމްޕަލްތަކެއް ނެގި އިރު ދެ ސާމްޕަލެއް ވަނީ ޕޮޒިޓިވް ވެފަ އެވެ. އެ ދެކޭސް ފެނުމާއެކު އެޗްޕީއޭއިން ވަނީ އެރަށަށް އަރައި ފޭބުން މަަނާކޮށް ރަށް މޮނިޓަރިން ހާލަތަށް ގެންގޮސްފަ އެވެ. އަދި ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ފެށި އެވެ.

މިހާތަނަށް ހާމަކޮށްފައިވާ މައުލޫމާތަށް ބަލާއިރު، އާބާދީގައި 1،314 މީހުން ދިރިއުޅޭ ހޯނޑެއްދޫން ބައްޔަށް ޕޮޒިޓިވް ވެފައިވާ މީހުން ނިސްބަތްވަނީ އެއް ކްލަސްޓާއަކަށެވެ. އެއީ ޕޮޒިޓިވް ކޭސްތައް އެއް ކޭސްއާ އަނެއްކޭސް ގުޅޭތީއެވެ. މިހާތަނަށް އެރަށުން ޕޮޒިޓިވް ވެފައިވަނީ ޑައިރެކްޓް ކޮންޓެކްޓުންނާއި، ސެކަންޑަރީ ކޮންޓެކްޓުންނެވެ. ރަށުތެރެއިން ބައްޔަށް ދެ މީހަކު ޕޮޒިޓިވް ވުމުން އެރަށުގައި އޮތީ "ކޮމިޔުނިޓީ ސްޕްރެޑެއް" ކަމަށް ގިނަ ބަޔަކަށް ގަބޫލު ކުރެވެން ފެށި ނަމަވެސް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވަނީ ހޯނޑެއްދޫގައި މިވަގުތު އޮތީ ލޯކަލް ޓްރާންސްމިޝަންއެއް ކަމަށް ވިދާޅުވެފައެވެ. ހޯނޑެއްދޫއަށް ކޮވިޑް 19 ފެތުރުނު ގޮތް އިތުރަށް ކަށަވަރުކުރުމަށް ހެލްތު މިނިސްޓްރީންނާއި ކަމާގުޅޭ އިދާރާތަކުން ވަނީ ހާއްސަ ތަހުގީގެއް އެރަށުގައި ފަށައިފައެވެ.

ހޯނޑެއްދޫގައި ކޮވިޑް ބަލި ފެތުރެމުންދާއިރު އެރަށާއި ކޯޒްވޭ އަކުން ގުޅާލާފައިވާ މަޑަވެލި ވެސް ވަނީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުގައި ރަށަށް އަރައި ފޭބުން މަނާކޮށް މޮނިޓަރިން ހާލަތަށް ގެންގޮސްފައެވެ. އެރަށުގެ ހޮޓާ ރެސްޓޯރެންޓްތަކާއި ސްކޫލުތައްވެސް ވަނީ ބަންދުކޮށްފައެވެ. މަޑަވެލިން އަދި މިހާތަނަށް މި ބައްޔަށް މީހަކު ޕޮޒިޓިވް ވެފައި ނުވި ނަމަވެސް އެރަށުން 61 މީހެއްގެ ސާމްޕަލް ނަގާފައި ވެއެވެ. އެ އެންމެންގެ ނަތީޖާވެސް ނެގެޓިވްއެވެ.

މަޑަވެލި ކައުންސިލް ރައީސް ހަމީޒް އަހުމަދު "ވަން" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ހޯނޑެއްދޫން ބަލި ފެނުމުން އެރަށް (މަޑަވެލި)ގައި ފިޔަވަޅުތައް ވަރުގަދަކުރި ނަމަވެސް ރައްޔިތުންގެ ފަރާތުން ފެނިގެންދިޔައީ ނަމޫނާއެއް ކަމަށެވެ. އެގޮތުން އަޅާފައިވާ ފިޔަވަޅުތަކަށް ޖުމުލަ ގޮތެއްގައި ހުރިހާ ރައްޔިތުންވެސް ކިޔަމަންވާ ކަމަށް އޭނާ ވިދާޅުވިއެވެ.

"ރަށުގެ އާއްމު ހާލަތު އިރާދަކުރެއްވިއްޔާ ރަނގަޅު. މިރަށުން ޕޮޒިޓިވް ކޭސްއެއް ފެނިފައެއް ނުވޭ. އަދި މިރަށުން ނެގުނު ހުރިހާ ސާމްޕަލްއެއްގެ ނަތީޖާވެސް ﷲ އިރާދަފުޅާއެކު ވަނީ ނެގެޓިވް ވެފައި. މިރަށު މަގުމަތިން ވެސް މީހަކު ނުފެނޭ. ފިޔަވަޅުތަކަށް މިރަށު ރައްޔިތުން ވަރަށް ބޮޑަށް ތަބާވޭ." ހަމީޒް ވިދާޅުވި އެވެ.

ހޯނޑެއްދޫއަކީ ގާތް އެކުވެރިއެއް، އެދޭ ކޮންމެ އެހީއަކަށް މަޑަވެލިން ތައްޔާރު

ހޯނޑެއްދޫއާއި މަޑަވެއްޔަކީ ވަކި ދެރަށެއްގެ ގޮތުގައި އޮތް ނަމަވެސް އެ ދެރަށުގެ މީހުންވެސް ދެކެނީ އެއީ އެއްރަށެއްގެ ގޮތުގައެވެ. ހޯނޑެއްދޫން ބަލި ފެނި އެރަށް ބިރުވެރިކަމެއްގެ ތެރޭގައި އޮތްއިރު، އެންމެ ކައިރީގައިވާ މަޑަވެލީގެ ރައްޔިތުން ތިބީ ހޯނޑެއްދޫން ގޮވާލި ކޮންމެ ކަމެއްގައި އެހީތެރިކަމުގެ އަތްތައް ފޯރުކޮށްދިނުމަށް ތައްޔާރަށެވެ. އެގޮތުން މިހާރުވެސް، މަޑަވެލިން ވަނީ ހޯނޑެއްދޫއަށް ކާޑުގެ ބައެއް ބާވަތްތަކާއި ގޭހާއި ކެއިންބުއިމަށް ބޭނުންވާ އެހެނިހެން ބައެއް ތަކެތި ފޯރުކޮށްދީފައެވެ.

"ﷲގެ އިރާދަފުޅުން މިރަށަށް (މަޑަވެއްޔަށް) އަދި ކާޑުގެ އެއްވެސް ދަތިކަމެއް ނެތް. ގޭހުގެ ދަތިކަމެއްވެސް ނެތް. މިއީ އުނދަގޫ ހާލަތެއް. ހޯނޑެއްދޫ މިވަނީ އަދި މާ އުނދަގޫ ހާލަތެއްގައި. އަޅުގަނޑު ބުނެލަން ބޭނުންވަނީ، އަޅުގަނޑުމެން މިތިބީ ހޯނޑެއްދޫން ބުނި ކޮންމެ ކަމެއްގައި އެހީވުމަށް ތައްޔާރަށޭ. އަޅުގަނޑުމެންނަށް ވެދެވެން އޮތް އެހީތެރިކަމެއް ފޯރުކޮށްދޭނެ ކަމުގެ ޔަގީންކަން އަރުވަމޭ. އެކިވެރި ހޯނޑެއްދޫގެ ރައްޔިތުންނަށް ވަރަށް ހެޔޮ ދުއާ ސަލާމް." ހަމީޒް ވިދާޅުވިއެވެ.

ކާޑާއި ގޭސް އެކަންޏެއް ނޫނެވެ. މަޑަވެލިން ސިއްހީ އެހީތެރިން ހޯދުމަށް ހޯނޑެއްދޫން އެދިއްޖެނަމަ އެކަމަށްވެސް މަޑަވެލީގެ ސިއްހީ އެހީތެރިން ތިބީ ތައްޔާރަށެވެ. ފެޔަށް ޖެހުމުގެ ވިސްނުމެއް އެވެރިންގެ ނެތެވެ.

ހޯނޑެއްދޫން 36 މީހަކު ބައްޔަށް ޕޮޒިޓިވް ވެފައިވާއިރު، މުޅި އެރަށަށް ވެރިވެފައިވަނީ ބިރުވެރިކަމާއި މޮޅިވެރިކަމެވެ. އެރަށުން ޕޮޒިޓިވް ވި މީހުންގެ ތެރޭގައި ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުންވެސް ހިމެނެއެވެ. އެރަށުން ޕޮޒިޓި ވި މީހުންގެ ތެރެއިން ހާލު ދެރަވި އުމުރުން ދުވަސްވީ ދެމީހަކަށް އަންނަނީ ގއ. ވިލިނގިލީގައި ހުންނަ ކޮވިޑް ފެސިލިޓީއަށް ބަދަލުކޮށް ފަރުވާދެމުންނެވެ. ކޮވިޑާ ދެކޮޅަށް ހޯނޑެއްދޫން ކުރަމުން އަންނަ މަސައްކަތަށް އެހީވުމަށް ސިއްހީ ހިދުމަތްތެރީންގެ ހާއްސަ ޓީމެއްވެސް އެރަށުގައި އަންނަނީ ހަރަކާތްތެރިވަމުންނެވެ. ހޯނޑެއްދޫއަށް އެހީވުމަށް، އެންމެ ކައިރީގައިވާ މިތުރު، މަޑަވެލިންވެސް އޮތީ ތައްޔާރަށެެވެ. މި ނަމޫނާ އިސްނެގުމެކެވެ. މި ފަދަ ހާލަތްތަކުން އަރައިގަނެވޭނީ އެންމެން ގުޅިގެން ކުރެވޭ މަސައްކަތުންނެވެ. ހާލުގައި ތިބޭ މީހުން އެކަހެރިކޮށް ނިކަމެތިކުރުމަކީ މި ހާލަތުގައި ދެވޭނެ އެންމެ ބޮޑު ހިތާމަ އެވެ.