ކޮވިޑް 19އާ ގުޅިގެން ވަޒީފާ ގެއްލުނު މީހުންނާއި ވަޒީފާއަށް އަސަރު ކޮށްފައިވާ މީހުންނަށް އެލަވަންސްގެ ގޮތުގައި 59.1 މިލިއަން ރުފިޔާ ދޫކޮށްފި އެވެ.

ކޮވިޑުގެ ސަބަބުން ކުރިމަތި ވި އިގްތިސޯދީ ކާރިސާއާ ގުޅިގެން ވަޒީފާ ގެއްލި، ވަޒީފާގެ ހާލަތަށް އަސަރު ކޮށްފައިވާ މީހުންނަށް އެހީގެ ގޮތުގައި ދޭ "އިންކަމް ސަޕޯޓް" ރިޕޯޓުގައިވާ ގޮތުން މިދިޔަ ހަފްތާގެ ބުރާސްފަތި ދުވަހުގެ ނިޔަލަށް 14105 މީހަކަށް 59.1 މިލިއަން ރުފިޔާ ވަނީ ދޫކޮށްފަ އެވެ.

އިންކަމް ސަޕޯޓު އެލަވެންސްގެ ގޮތުގައި ފައިސާ ދޫކުރަން ފެށީ މެއި 20 ވަނަ ދުވަހުން ފެށިގެންނެވެ. މި އެހީ ދެނީ ކޮވިޑް 19 އާ ގުޅިގެން އިގްތިސޯދަށް އެހީވާން ސަރުކާރުން އިއުލާނު ކުރި 2.5 ބިލިއަން ރުފިޔާގެ ރިލީފް ޕެކޭޖުގައި ހިމަނައިގެނެވެ.

އިންކަމް ސަޕޯޓް އެލަވެންސްގެ ތެރެއިން މިދިޔަ ޖުލައި، އޮގަސްޓް އަދި މިމަހުގެ އެލަވަންސަށް އެދި ހުށަހެޅުމުގެ މުއްދަތު އިކޮނޮމިކް މިނިސްޓްރީން މިދިޔަ މަހުގެ ފަހުކޮޅު ވަނީ އިތުރުކޮށްފަ އެވެ.

އެގޮތުން ޖުލައި މަހުގެ އެލަވަންސަށް އެދި ހުށަހެޅުމުގެ އެންމެ ފަހު ތާރީހަކީ މިމަހުގެ 15 ވަނަ ދުވަހެވެ. އަދި އޮގަސްޓު މަހުގެ އެލަވަންސަށް މިމަހުގެ ކުރިން ހުށަހަޅަންޖެހޭ އިރު، މިމަހުގެ އެލަވެންސަށް އެދި ހުށަހެޅުމުގެ އެންމެ ފަހު ތާރީހަކީ 30 އޮކްޓޫބަރު ކަމަށް އިކޮނޮމިކް މިނިސްޓްރީން ކުރިން ވަނީ ބުނެފަ އެވެ.

ސަރުކާރުން އެންމެ ފުރަތަމަ އާންމުކުރި އިންކަމް ސަޕޯޓް އެލަވަންސް އުސޫލުގައި ބުނެފައިވާ ގޮތުން އެ އެލަވެންސް ލިބޭނީ މިއަހަރުގެ މާޗު މަހުން ފެށިގެން އާމްދަނީ އަށް ނުވަތަ ވަޒީފާއަށް އަސަރުކޮށްފައިވާ މީހުންނަށެވެ. ނަމަވެސް ސަރުކާރުން މިހާރު ވަނީ މިދިޔަ އަހަރުގެ ޑިސެމްބަރުގެ ފަހުން ވަޒީފާއަށް އަސަރުކޮށްފައިވާ މީހުންނަށް ވެސް އިންކަމް ސަޕޯޓް އެލަވެންސް ދޭން ނިންމައިފަ އެވެ.

އެލަވަންސް ދޭނީ ވަޒީފާއިން ވަކިކޮށްފައިވާ ނުވަތަ މުސާރަ ނުލިބޭގޮތަށް ސަސްޕެންޑް ކޮށްފައިވާ މީހުންނަށާއި މުސާރަ ނުލިބޭ ގޮތަށް ނޯޕޭއަށް ފޮނުވާފައިވާ މީހުންގެ އިތުރުން މުސާރައިގެ ގޮތުގައި ލިބޭ އެއްޗަކުން ބައެއް އުނިކޮށްފައިވާ މީހުންނަށެވެ.

އަލަށް އެކުލަވާލި އުސޫލުގައި ވެސް ވަޒީފާއިން ވަކިކޮށްފައިވާ މީހުން ނުވަތަ ސަސްޕެންޑް ކޮށްފައިވާ މީހުންނާއި ނޯޕޭގައި ތިބި މީހުންނަށް ދޭން ނިންމާފައިވަނީ 5،000 ރުފިޔާގެ އެލަވެންސެކެވެ. މުސާރައިން އުނިކޮށްފައިވާ މީހުންގެ ތެރެއިން 5،000 ރުފިޔާއަށްވުރެ ކުޑަ މުސާރައެއް ލިބޭ މީހުންނަށް 5،000 ރުފިޔާއިން މިހާރު ލިބޭ އަދަދެއް އުނިކުރުމުން ޖެހޭ އަދަދު ލިބޭނެއެވެ.

މީގެ އިތުރުން އެލަވެންސް ދިނުމުގައި ހުށަހަޅާފައިވާ ފަރާތަކީ އެހެން އާމްދަނީއެއް ލިބޭ ފަރާތެއް ނަމަ، އެފަދައިން ލިބޭ އިތުރު އާމްދަނީން މަހެއްގެ މައްޗަށް ލިބޭ އަދަދަކީ 5000 ރުފިޔާއަށްވުރެ ދަށް އަދަދެއް ނަމަ، 5،000 ރުފިޔާއިން އެ އަދަދު އުނިކުރުމުން ބާކީ އޮންނަ އަދަދާ އެއްވަރުގެ އަދަދެއް ލިބޭނެ އެވެ. ނަމަވެސް އެލަވަންސް ހޯދުމަށް ހުށަހަޅައިފައިވާ ފަރާތަކީ އެހެން އާމްދަނީއެއް ލިބޭ ފަރާތެއް ނަމަ، އެފަދައިން ލިބޭ އިތުރު އާމްދަނީން މަހެއްގެ މައްޗަށް ލިބޭ އަދަދަކީ 5000 ރުފިޔާ އަށްވުރެ ބޮޑު އަދަދެއްނަމަ އެ މީހަކަށް އެލަވެންސް ނުލިބޭނެ ކަމަށްވެސް އުސޫލު ބުނެ އެވެ.

އުސޫލު ބުނާ ގޮތުން، އަމިއްލަ މަސައްކަތްކުރާ މީހުންގެ ތެރެއިން އާމްދަނީ އަށް އަސަރުކޮށްފައިވާ މީހުންނަށްވެސް 5،000 ރުފިޔާގެ އެލަވެންސް ލިބޭނެ އެވެ. އަމިއްލަ މަސައްކަތްކުރާ މީހުންގެ ތެރެއިން އެލަވެންސް ލިބޭނީ އިތުރު ވަޒީފާއެއް އަދާނުކުރާ މީހުންނަނަށެވެ. މި އެލަވެންސް ދޭނެ މީހުންގެ ތެރޭގައި އަމިއްލަ މަސައްކަތްތެރިން ރަޖިސްޓަރީކޮށްގެން ހިންގާ ވިޔަފާރިތަކެއް ނުހިމެނެ އެވެ.

އެލަވެންސް ލިބުމުގެ ޝަރުތުތަކުގެ ތެރޭގައި އުމުރުން 18 އަހަރާއި 65 އަހަރާ ދެމެދުގެ ދިވެއްސަކަށްވުމާއި ޑިސެމްބަރު 1، 2019 އިން ފެށިގެން އެލަވަންސަށް އެދި ހުށަހަޅާ ތާރީހާ ހަމއަށް އޮންނަ މުއްދަތުގެ ތެރެއިން އެއްވެސް އިރެއްގައި ވަޒީފާއެއްގައި ހުރި މީހަކަށް ނުވުމާއި ސަރުކާރުން ހިންގާ ސްކިލްސް ޑިވެލޮޕްމަންޓް ޕްރޮގްރާމްތަކުގެ ތެރެއިން ކަނޑައެޅޭ ޕްރޮގްރާމެއްގައި ބައިވެރިވެ، އެ ޕްރޮގްރާމް ފުރިހަމަކުރުމަށް އެއްބަސްވާ ފަރާތެއް ކަމުގައި ވުން ހިމެނެ އެވެ.