ކޮޗިން–ކުޅުދުއްފުށި–މާލެ ކާގޯ ފެރީގެ ހިިދުމަތް މިމަހު ފަހުކޮޅު ފަށަން ތައްޔާރުވެއްޖެއެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ ކުޅުދުއްފުއްޓާއި ކޮޗިންއާ ދެމެދު ކާގޯ ފެރީގެ ހިދުމަތްތައް މިމަހުގެ ފަހުކޮޅު ފެށުމަށް އެންމެ ފަހުގެ ތައްޔާރީތައް މިހާރު ވަމުން އަންނަ ކަމަށެވެ. އެގޮތުން މަހަކު ދެ ފެރީ ދަތުރު އޮންނާނެ ކަމަށެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ ކާގޯ ފެރީގެ ގޮތުގައި ބޭނުން ކުރާނީ ބޮޑެތި ފެރީތައް ކަމަށާއި އެފެރީތައް ކުޅުދުއްފުށީ ބަނދަރަށް ނުވެއްދޭނެ ކަމަށެވެ. އެގޮތުން ލޯކަލް އެޖެންޓު ސްޓޭޓް ޝިޕިން ކޮމްޕެނީ އިން ނިންމާފައިވަނީ މުދާ އަރުވާ ބޭލުމުގައި ބޭނުން ކުރާނީ ޓަގުބޯޓާއި ބާޖު ކަމަށްވެސް ޓްރާންސްޕޯޓް މިނިސްޓްރީން ބުންޏެވެ.
މިނިސްޓްރީން ބުނީ ކޮޗިން އިން އަންނަ ބޯޓު ފުރަތަމަ ކައިރިކުރާނީ ކުޅުދުއްފުއްޓަށް ކަމަށާއި އެރަށު ބަނދަރަށް މުދާ ބޭލުމަށްފަހު މާލެ ބަނދަރަށްވެސް ކައިރިކުރާނެ ކަމަށެވެ. އަދި މިވަގުތު ހަމައެކަނި ނިިންމާފައިވަނީ ކާގޯ މުދާ އުފުލުމަށް އެކަނި ކަމަށެވެ.
ރާއްޖެ އާއި އިންޑިއާއާ ދެމެދު ފެރީގެ ހިދުމަތް ފަށަން އެއްބަސްވެފައިވަނީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ޖުލައި 2019 ގައި ރާއްޖެއަށް ކުރެއްދި ދަތުރުފުޅުގައެވެ. އެ އެމްއޯޔޫގައި އެއްބަސްވެފައިވަނީ ކޮޗިން އާއި ކުޅުދުއްފުށި ސިޓީއާ ދެމެދު ފަސިންޖަރުންނާއި ކާގޯ އުފުލާ ފެރީގެ ނިޒާމެއް ގާއިމުކުރަން މަަސައްކަތް ކުރުމަށެވެ.
ކާގޯ ފެރީގެ ހިދުމަތާއެކު ރާއްޖެ އާއި އިންޑިއާއާ ދެމެދު އޮތް ޒަމާންވީ ވިޔަފާރީގެ ގުޅުން އިތުރަށް ހަރުދަނާވެގެންދާނެ ކަމަށް ފޮރިން މިނިސްޓްރީން ވަނީ މީގެ ކުރިން ބުނެފައެވެ. އަދި ކުޅުދުއްފުއްޓަކީ ފެރީގެ އެއް މަންޒިލް ކަމަށްވުމާއެކު މިއީ އުތުރުގެ ރަށްތަކަށް ވިޔަފާރީގެ ގޮތުން ކުރިއެރުން ލިބި، ރާއްޖޭގެ އުފެއްދުންތައް އިންޑިއާގެ މާކެޓަށް އަދި އިންޑިއާ މެދުވެރިކޮށް ބައިނަލްއަގުވާމީ މާކެޓަށް ނެރުމަށް ފަސޭހަ ވެގެންދާނެ ކަމެއް ކަމަށެވެ.
ކާގޯ ފެރީ ސާވިސްގެ ސަބަބުން ވިޔަފާރިވެރިންނަށް ލޮޖިސްޓިކް ހަރަދާއި ވަގުތުގެ ދަތިކަން ލުއިވެ ދިވެހި އިމްޕޯޓަރުންނާއި އިންޑިއާގެ އެކްސްޕޯޓަރުންނަށް ސަޕްލައިގެ ލުއިތައް އިތުރު ވެގެންދާނެ ކަމަށް އިންޑިއާ ހައި ކޮމިޝަނުން ވެސް ވަނީ ބުނެފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު