ކޮވިޑް ބަލިން ރަނގަޅުވިޔަސް ބައެއް އަލާމާތްތައް ގިނަ ދުވަހަށް ދެމިގެންދާ ކަމަށް ހޯދުންތަކުން ދައްކާ ކަމަށް ޑރ. މޫސާ މުރާދު ވިދާޅުވެއްޖެއެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. މުރާދު ވިދާޅުވީ، ކޮވިޑް ޖެހުމަށް ފަހު ރަނގަޅުވުމުންވެސް ކޮވިޑްގެ ބައެއް އަލާމާތްތައް ގިނަ ދުވަސްތަކެއް ވަންދެން ދެމިގެންދާކަން ހޯދުންތަކުން ފާހަގަވެފައިވާ ކަމަށެވެ. އަދި ރާއްޖޭގައި މި ބަލިން ފަސޭހަވި ބައެއް މީހުންގެ ފަރާތުންވެސް އަލާމާތްތައް ފެނިފައިވާ ކަމަށް ވިދާޅުވިއެވެ.

"ކޮވިޑް 19ގެ ބަލި މީހުންނަށް ފެންނަ އަލާމާތްތަކުގެ ތެރެއިން ވަރުބަލިވުން މިއީ ވަރަށް ގިނައިން ވަރަށް ގިނަ ދުވަހަށް ދިގުދެމިގެންދާ އަލާމާތެއްގެ ގޮތުގައި ފާހަގަވެފައި އެބަހުރި. އޭގެ އިތުރުން މި ބަލިން ރަނގަޅުވިޔަސް ހަމަ ކޮންމެވެސް ވަރަކަށް ނޭވާލާން އުނދަގޫވުމުގެ އަލާމާތްވެސް އެބަ ދިމާވޭ. އޭގެ އިތުރަށް މޭގަ ރިއްސުން، ގައިގައި ރިއްސުން، ހުޅުހުޅުގައި ރިއްސުން ފަދަ ކަންކަންވެސް އެބަ ދިމާވޭ ވަކި ޕަސަންޓޭޖެއްގެ މީހުންނަށްވެސް،" ޑރ. މުރާދު ވިދާޅުވިއެވެ.

މީގެ އިތުރުން ޑރ. މުރާދު ވިދާޅުވީ، ރާއްޖެއިން ބައްޔަށް ޕޮޒިޓިވްވުމަށްފަހު ރަނގަޅުވެފައި ތިބި ބައެއް މީހުންގެ ކިބައިން ވަރުބަލިވުމާއި، ތަންތަނުގައި ރިއްސުމާއި، އައްސިވުމާއި، ކާހިތްނުވުމާއި، ވަސް ނުދުވުން ފަދަ އަލާމާތްތައް ފެންނަ ކަމަށެވެ.

ޑރ. މުރާދު ވިދާޅުވީ ކޮވިޑް ޖެހުމަށް ފަހު ހަށިގަނޑަށް އަންނަ ބަދަލުތަކާ ބެހޭ މާބޮޑު މައުލޫމާތެއް އަދިވެސް ސިއްހީ މާހިރުންނަށް ހޯދިފައި ނުވާ ކަމަށާއި ނަމަވެސް ބަލީގެ އިމިއުނިޓީ ވަކި މުއްދަތެއް ވަންދެން ހުންނަކަން ކަށަވަރު ކުރެވިފައިވާ ކަމަށެވެ. އެގޮތުން މިހާރުގެ ހޯދުންތަކުން ދައްކާ ގޮތުގައި ތިން މަސް ދުވަސް ވަންދެން ބަލީގެ އިމިޔުނިޓީ ހުންނަ ކަމަށް އޭނާ ވިދާޅުވިއެވެ.

ރާއްޖޭގައި 8،000 އަށްވުރެ ގިނަ މީހުންނަށް ބަލި ޖެހިފައިވާ އިރު، އޭގެ ތެރޭގައި އެއްވެސް އަލާމާތެއް ނެތި ބަލި ޖެހޭ މީހުންގެ ނިސްބަތްވެސް ވަރަށް ގިނައެވެ. ރާއްޖެއިން ކޮވިޑް ޖެހިގެން މިހާތަނަށް 31 މީހަކު ވަނީ މަރުވެފައެވެ.