ހުޅުމާލޭ ހޮސްޕިޓަލުގައި މާދަމާ ޕީސީއާރު ޓެސްޓު ކުރަން ފެށުމަށް ނިންމައިފިއެވެ.

މާލެ ސަރަހައްދުގައި މިހާރު ޕީސީއާރު ޓެސްޓުކުރެވެނީ އައިޖީއެމްއެޗް، އޭޑީކޭ އަދި ފުލުހުންގެ ލެބޯޓަރީގައެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވީ، މާދަމާ ހުޅުމާލެ ހޮސްޕިޓަލުގައި ޕީސީއާރު ޓެސްޓު ކުރަން ފެށިގެންދާނެ ކަމަށެވެ. އަދި މި މަހުގެ ތެރޭގައި ފުޑް އެންޑް ޑްރަގް އޮތޯރިޓީގައި ވެސް ޕީސީއާރު ޓެސްޓު ކުރަން ފެށުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް ނަޒްލާ ވިދާޅުވިއެވެ.

"މާދަމާ ހުޅުމާލޭ ހޮސްޕިޓަލުގައި ކޮވިޑްގެ ޕީސީއާރު ޓެސްޓު ކުރެވެން ފެށޭނެ،" ޑރ. ނަޒްލާ ވިދާޅުވިއެވެ.

މާލެ ސަރަހައްދުގެ އިތުރުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވެސް މިހާރު ވަނީ ކޮވިޑަށް ޓެސްޓު ކުރެވޭނެ އިންތިޒާމު ހަމަޖައްސައިފައެވެ. ޑރ. ނަޒްލާ ވިދާޅުވީ، މިހާރު ރާއްޖޭގެ ޓެސްޓިން ކެޕޭސިޓީއަކީ ދުވާލަކު ގާތްގަނޑަކަށް 1،700 ޓެސްޓު ކަމަށެވެ. ނަމަވެސް ކެޕޭސިޓީ އިތުރުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް ޑރ. ނަޒްލާ ވިދާޅުވިއެވެ.

މީގެ އިތުރުން ޑރ. ނަޒްލާ ވިދާޅުވީ، ރާއްޖޭގައި މިހާރު ސްޓޮކް ކުރެވިފައި ހުރީ 45،000 ޕީސީއާރު ޓެސްޓު ކިޓުގެ އިތުރުން ޖީން އެކްސްޕާޓް މެޝިނަށް ލައްވާ 11،000 ކާޓްރިޖް ކަމަށެވެ.

ރާއްޖެއިން މިހާތަނަށް 8834 މީހުން ކޮވިޑަށް ޕޮޒިޓިވް ވެފައިވާ އިރު، މިހާރު ފަރުވާދެމުން އަންނަނީ 2509 މީހަކަށެވެ. އަދި 6288 މީހުން ބަލިން ރަނގަޅުވެފައިވާ އިރު، 31 މީހަކު ވަނީ ރާއްޖެއިން މި ބަލީގައި މަރުވެފައެވެ.