ބޯޑަރު ހުޅުވާލި ފަހުން މިހާތަނަށް 19،602 މީހަކު ރާއްޖެ އައިސްފައިވާ ކަމަށާއި ރާއްޖެއިން ފުރީ 20،181 މީހުން ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ)ގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވެއްޖެއެވެ.

ކޮވިޑް 19 ފެތުރުން ކޮންޓްރޯލްކުރުމަށް ގިނަ ދުވަސްތަކެއް ވަންދެން ބޯޑަރުތައް ބަންދުކޮށްފައި ބޭއްވުމަށްފަހު، ބޯޑަރުތައް ހުޅުވާލައިފައިވަނީ ޖުލައި މަހުގެ 15 ވަނަ ދުވަހުއެވެ.

އެޗްއީއޯސީގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނަޒްލާ ވިދާޅުވީ ބޯޑަރު ހުޅުވާލުމާއެކު މިހާތަނަސް 19،602 މީހުން ރާއްޖެ އައިސްފައިވާ ކަމަށެވެ. އަދި މިދިޔަ 24 ގަޑިއިރު ތެރޭގައި 480 މީހުން ރާއްޖެ އައިސްފައިވާ ކަމަށެވެ.

ނަޒްލާ ވިދާޅުވީ މިދިޔަ 24 ގަޑިއިރު ތެރޭގައި 561 މީހުން ފުރާފައިވާ ކަމަށާއި ބޯޑަރު ހުޅުވާލި ފަހުން މިހާތަނަށް 20،181 މީހުން ރާއްޖެއިން ފުރާފައިވާ ކަމަށެވެ.

"މިއަދު އައި މީހުންގެ ތެރޭގައި އެއްވެސް ބަލީގެ އަލާމާތެއް ހުރި މީހަކު ނެތް،" ނަޒްލާ ވިދާޅުވިއެވެ.

ބޯޑަރުތައް ހުޅުވާލުމާއެކު ރާއްޖެއަށް އައި މީހުންގެ ތެރޭގައި އެންމެ ގިނައިން ހިމެނެނީ ފަތުރުވެރިންނެވެ. އެގޮތުން މިދިޔަ މަހު އެކަނިވެސް ރާއްޖެއަށް 7،000 އަށްވުރެ ގިނަ ފަތުރުވެރިން އައިސްފައިވެއެވެ. ފަތުރުވެރިންގެ އިތުރުން ދެން އެންމެ ގިނައިން ރާއްޖެ އައިސްފައިވަނީ ބިދޭސީ މަސައްކަތްތެރީންނެވެ.