ގދ. ހޯނޑެއްދޫން އިތުރު މީހަކު ޕޮޒިޓިވްވެ، އެ ރަށުން ޕޮޒިޓިވްވީ މީހުންގެ ޖުމުލަ އަދަދު 36 އަށް އަރައިފިއެވެ.
އެރަށުން ފުރަތަމަ ޕޮޒިޓިވްވީ ހޯމް ކަރަންޓީނުގައި ތިބި އާއިލާއެއްގެ ހަތަރު މެންބަރެކެވެ. ކަރަންޓީނުން ދޫކޮށްލުމަށް ނެގި ރިލީސް ސާމްޕަލުން އެމީހުން ޕޮޒިޓިވްވިކަން އެނގުނީ މިމަހުގެ ތިންވަނަ ދުވަހުއެވެ.
ނަމަވެސް މިދިޔަ ހުކުރު ދުވަހު ފުރަބަންދުގައި ތިބި މީހުންނާ ގުޅުމެއް ނެތް ދެ މީހެއްގެ ފަރާތުން ބަލީގެ އަލާމާތްތަކެއް ފެނިގެން ޓެސްޓު ކުރި އިރު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ. އަދި މިދިޔަ ހޮނިހިރު ދުވަހު އެރަށުން އިތުރު 19 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ.
ހެލްތު އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވީ މިއަދު ހޯނޑެއްދޫން އެކަކު ޕޮޒިޓިވްވެފައިވާ ކަމަށާއި ޖުމްލަ 36 މީހަކު އެރަށުން ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ.
"ޖުމްލަ 36 މީހަކު އެރަށުން ޕޮޒިޓިވްވެފައިވޭ. އެއީ އެންމެ ފުރަތަމަ 3 ސެޕްޓެމްބަރުގައި ޕޮޒިޓިވްވި ފުރަބަންދު ރިލީޒް ހަތަރު ކޭސްއާއެކު،" ނަޒްލާ ވިދާޅުވިއެވެ.
ނަޒްލާ ވިދާޅުވީ އަލާމާތްތައް ހުރި އިތުރު މީހުންނާއި ކޮވިޑަށް ޕޮޒިޓިވްވެފައިވާ މީހަކާ ކޮންޓެކްޓްވެފައިވާ މީހުންގެ ސާމްޕަލްތައް މިހާރުވެސް އެރަށުގައި ނަގަމުންދާ ކަމަށެވެ.
މިއަދު އެކަކު ޕޮޒިޓިވްވެފައިވާ އިރު، އިއްޔެ ވަނީ އެރަށުން 10 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައެވެ. އޭގެ ތެރޭގައި ހިމެނެނީ ފަސް އަންހެނުންނާއި ފަސް ފިރިހެނުންނެވެ.
ހޯނޑެއްދުއަށް ކޮވިޑް ބަލި ދިޔައީ ކިހިނެއްކަން ދެނެގަތުމުގެ މަސައްކަތް ފަށާފައިވާ އިރު، ހޯނޑެއްދޫއާ ކޯސްވޭއަކުން ގުޅިފައި އޮންނަ މަޑަވެލި ވަނީ މޮނީޓަރިންގެ ހާލަތަށް ގެނެސް ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަކޮށްފައެވެ.
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު