މާލޭ ސިޓީ ކައުންސިލްގެ ކުރީގެ ޑެޕިއުޓީ މޭޔަރު އިބްރާހިމް ސުޖާއުއަށް ދައުވާ ކުރުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފިއެވެ.
އޭސީސީން ބުނީ ސުޖާއުގެ މައްޗަށް ދައުވާ ކޮށްފައިވަނީ މާލޭ ސިޓީގެ ގޯއްޗަކުން އަމިއްލަ ފަރާތަކަށް ލިބިފައިވާ 250 އަކަފޫޓުގެ ބިމުގައި މާލޭ ޕްލޭނިން ގަވާއިދުގައިވާ މިނަށްވުރެ އުސްކޮށް އިމާރާތްކުރުމަށް ކުރެހުން ފާސްކޮށް، އިމާރާތްކުރުމުގެ ހުއްދަ މާލޭ ސިޓީ ކައުންސިލުން ދީފައިވާ މައްސަލައިގައި ކަމަށެވެ.
އެ މައްސަލައިގައި ސުޖާއުގެ މައްޗަށް ދައުވާ ކުރުމަށް އިއްޔެ ޕީޖީއަށް ފޮނުވާފައިވާ ކަމަށާއި ދައުވާކުރުމަށް ފޮނުވާފައިވަނީ ކޮރަޕްޝަން ހުއްޓުވުމާ މަނާކުރުމުގެ ގާނޫނުގެ 12 ވަނަ މާއްދާގެ (ހ) ގެ ދަށުން މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާއެއް ހޯދައިދިނުމުގެ ކުށުގެ ދައުވާ ކުރުމަށް ކަމަށްވެސް އޭސީސީން ބުންޏެވެ.
"މި މައްސަލައިގައި ކަންހިނގާފައިވާގޮތަށް ބަލާއިރު، މާލޭ ސިޓީގައި އިމާރާތް ކުރުމުގެ ހުއްދައަށް އެދޭ ބިމުގެ ބޮޑުމިނަކީ 250 އަކަފޫޓުކަމާއި އެ ބިމުގައި، މާލޭ ޕްލޭނިން ގަވާއިދާ އެއްގޮތަށް އިމާރާތް ކުރުމުގެ ހުއްދަ ދެވޭނީ 6.27 މީޓަރަށް ކަން މައްސަލައިގެ ލިޔުންތަކުން އެނގޭ. ހަވާލާދެވުނު ބިމުގައި މާލޭ ޕްލޭނިން ގަވާއިދާ ހިލާފަށް 12 މީޓަރަށް އިމާރާތް ކުރުމުގެ ހުއްދަދީ 15 ޖަނަވަރީ 2014 މާލޭ ސިޓީ ކައުންސިލްގެ އިދާރާއިން އިމާރާތުގެ ކުރެހުން ފާސްކުރިކަމުގެ ލިޔުން އަދި އިމާރާތް ކުރުމުގެ ހުއްދަ ދޫކޮށްފައިވޭ. ހަވާލާދެވުނު ހުއްދަތަކަކީ މާލޭ ސިޓީ ކައުންސިލްގެ ކުރީގެ ޑެޕިއުޓީ މޭޔަރު އިބްރާހީމް ސުޖާއު ސޮއިކޮށް ދޫކޮށްފައިވާ ހުއްދަތަކެއް،" އޭސީސީން ބުންޏެވެ.
އޭސީސީން ބުނީ އެ ބިމުގައި އިމާރާތް ކުރުމުގެ ހުއްދަ ދޫކޮށްފައިވަނީ "4 ބުރިއަށް އިމާރާތް ކުރުމަށް މާލޭ ސިޓީ ކައުންސިލްގެ އިދާރާއިން 1995 ވަނަ ހުއްދަ ދީފައިވާކަމަށް" ސުޖާއު، 14 ޖަނަވަރީ 2014 ސޮއިކޮށްފައިވާ ލިޔުމަކަށް ބިނާކޮށް ކަމަށެވެ.
ނަމަވެސް އެ ބިމުގައި އިމާރާތްކުރުމަށް އެފަދަ ހުއްދައެއް ދީފައިނުވާ ކަމަށާއި އެ ލިޔުމަކީ މާލޭ ޕްލޭނިން ގަވާއިދާ އެއްގޮތަށް އެ ބިމުގައި އިމާރާތް ކުރެވޭ އުސްމިނަށްވުރެ އުސްކޮށް އިމާރާތް ކުރުމުގެ ހުއްދަ ދިނުމަށް ސުޖާއު ސޮއިކޮށްފައިވާ ލިޔުމެއްކަން ތަހުގީގަށް އެނގިފައިވާ ކަމަށްވެސް އޭސީސީން ބުންޏެވެ.
އެ ބިމުގައި ހަތަރު ބުރިއަށް އިމާރާތްކުރުމަށް 1995 ވަނަ އަހަރު ހުއްދަ ދީފައިވާކަމަށް ބުނެ ލިޔުމެއް ދޫކޮށް، މާލޭ ޕްލޭނިން ގަވާއިދުގައިވާ މިނަށްވުރެ އުސްކޮށް އިމާރާތްކުރުމުގެ ހުއްދަދީފައިވަނީ ސުޖާއުއަށް އެނގި ހުރެ، މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ވަކި ފަރާތަކަށް ފައިދާ ހޯދައިދިނުމަށްކަން ޝައްކެއް ނެތް މިންވަރަށް މި ކޮމިޝަންގެ ތަހުގީގަށް ސާބިތުކުރެވޭ ކަމަށް އޭސީސީން ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު