ރައްޔިތުންގެ މަޖިލިހުގެ ގަވާއިދުގައި ބުނެފައިވާ، މުއްދަތުފައި މާލީބަޔާން ހުށަހަޅާފައި ނުވާ ދެ މެންބަރުން ކަމުގައިވާ، ކާށިދޫ ދާއިރާގެ މެންބަރު އަބުދުﷲ ޖާބިރާއި، މުލަކު ދާއިރާގެ މެންބަރު އިބްރާހިމް ނަސީރު، 15 ދުވަހުގެ ތެރޭގައި އެބޭފުޅުންގެ މާލީ ބަޔާން ހުށަހަޅަން ރައްޔިތުންގެ މަޖިލީހުން އަންގައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މީޑިއާ ޑައިރެކްޓަރު ހަސަން ޒިއާއު "ވަން އޮންލައިން" އަށް މިއަދު ވިދާޅުވީ، ގަވައިދުގައިވާ ގޮތުން މަޖިލީހުގެ ހުރިހާ މެންބަރުން އެބޭފުޅުންގެ މާލީ ބަޔާން ހުށަހަޅުއްވަން ޖެހިވަޑައިގަންނަވަނީ، ހުސްވި އޯގަސްޓް މަހުގެ 31 އަށް ކަމަށެވެ. ދެ މެންބަރުން ފިޔަވައި އެހެން ހުރިހާ މެންބަރުން މާލީބަޔާން ހުށަހަޅުއްވާފައިވާ ކަމަށާއި، ބަޔާން ހުށަނާޅުއްވާ، ދެމެންބަރުން ކަމަށްވާ، ޑީއާރުޕީގެ ލީޑަރު ޖާބިރުގެ އިތުރުން ބަޔާން ހުށަހަޅުއްވާފައި ނުވާ ހަމައެނި އެމްޑީޕީގެ މެންބަރު ނަސީރަށް މަޖިލީހުގެ ގަވައިދުގައިވާ ގޮތުގެ މަތިން ބަޔާން ހުށަހަޅުއްވަން އަންގާފައިވާ ކަމަށެވެ.
ޒިއާއު ވިދާޅުވީ 31 އޯގަސްޓުން ފެށިގެން މާލީ ބަޔާން ހުށަހެޅުއްވުމަށް އެބޭފުޅުންނަށް މިހާރު ދީފައިވާ 15 ދުވަހުގެ މުއްދަތު ހަމަވާއިރު، ބަޔާން ހުށަނާޅުއްވައިފިނަމަ މަޖިލިސް ގަވާއިދުގައި ދެން ބުނާގޮތަށް އެބޭފުޅުންނާ މެދު ކަންތައް ކުރާނެ ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގެ 68 ވަނަ މާއްދާގައި ބުނެފައިވަނީ، މަޖިލިސް މެންބަރުންގެ މުދަލާއި ފައިސާގެ ބަޔާން ނުވަތަ މާލީ ބަޔާން، އަނބިން/ފިރިން އަދި 18 އަހަރު ނުފުރޭ ދަރިންވެސް ހިމެނޭ ގޮތުން ތައްޔާރުކޮށް، ކޮންމެ މީލާދީ އަހަރެއްގެ އޮގަސްޓު މަހުގެ 31 ވަނަ ދުވަހުގެ ކުރިން އަމީން އާންމަށް ހުށަހަޅަންވާނެ ކަމަށެވެ.
ގަވާއިދުގެ 70 ވަނަ މާއްދާގައި ބުނެފައިވަނީ، 68 ވަނަ މާއްދާގައި ބުނެފައިވާ މުއްދަތުގެ ނިޔަލަށް މުދަލާއި ފައިސާގެ ބަޔާން، ނުވަތަ މާލީ ބަޔާން ހުށަނާޅައިފިނަމަ 15 ދުވަހުގެ ތެރޭގައި މާލީ ބަޔާން ހުށަހެޅުމަށް މަޖިލީހުގެ އަމީން އާއްމު އެ މެންބަރަކަށް އަންގަންވާނެ ކަމަށެވެ. އަދި އެ މުއްދަތުގައިވެސް މާލީ ބަޔާން ހުށަހަނާޅައިފިނަމަ، އެ މެންބަރެއްގެ ނަން މަޖިލީހުގެ ޖަލްސާގައި މަޖިލިސް ރައީސް އިއްވަން ވާނެ ކަމަށް ބުނެފައި ވެއެވެ. އެއަށްފަހު އެ މެންބަރަކަށް މަޖިލީހުގެ ޖަލްސާއެއްގައި ނުވަތަ ކޮމެޓީގެ ބައްދަލުވުމެއްގައި ބައިވެރިވެވޭނީ ބަޔާން ހުށަހެޅުއްވުމަށްފަހުގައި ކަމަށްވެސް ބުނެފައި ވެއެވެ. ބަޔާން ހުށަހަނާޅައިގެން ނަން އިއްވުމަށްފަހު މާލީ ބަޔާން ހުށަހެޅުމާ ހަމަޔަށް ހިނގާ ކޮންމެ ދުވަހަކަށް އެ މެންބަރެއްގެ މުސާރައިން ދުވާލަކަށް ޖެހޭ އަދަދު ކެނޑެމުންދާނެ ކަމަށްވެސް ގަވައިދުގައި ބުނެފައި ވެއެވެ.
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް