ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެނބަރު އަދި މަޝްހޫރު ވިޔަފާރިވެރިޔާ ގާސިމް އިބްރާހިމް އަށް، މިދިޔަ އެއް އަހަރު ދުވަހުގެ ތެރޭގައި އާމްދަނީގެ ގޮތުގައި ލިބިފައިވަނީ، 11 މިލިޔަން ރުފިޔާ ކަމަށް ގާސިމްގެ މާލީ ބަޔާނުން ދައްކައިފިއެވެ.
ހުސްވި 2019 ވަނަ އަހަރުގެ މެއި 28 އިން މިއަހަރުގެ މެއި މަހުގެ 27 ގެ ނިޔަލަށް، ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފައިވާ މާލީ ބަޔާނުގައިވާ ގޮތުން، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމަށް ފައިސާ ލިބިވަޑައިގަތީ މަޖިލިސް މެންބަރުކަމުގެ މުސާރައިންނާއި ބައެއް ކުންފުނިތަކުގެ މުސާރައިންނެވެ.
ތަފްސީލުގައިވާ ގޮތުުން، މަޖިލިސް މެންބަރު ކަމުގެ މުސާރައިގެ އިތުރުން ބައެއް ކުންފުނިތަކުގެ ނެޓް މުސާރައިން 9.5 މިލިޔަން (9،564،438.34) ރުފިޔާ ލިބިވަޑައިގެންފައިވާއިރު، ކުލީގެ ގޮތުގައި މާފަންނު ވިލާ ގުދަނާއި، ފުޅޮއި ގަރާޖު ކުއްޔަށްދީގެން 1.7 މިލިޔަން (1،740،000.00) ރުފިޔާ އާއި ކުންފުންޏާއި ޕާޓްނާޝިޕް ހިއްސާގެ ފައިދާ ނުވަތަ ޑިވިޑެންޑްގެ ގޮތުގައި ހިއްސާ އޮންނަ އެކި ކުންފުނިތަކުން 188،200.00 ރުފިޔާ ލިބިފައި ވެއެވެ.
ގާސިމްގެ ނަން މަތީގައި 24 ކުންފުންޏެއް ހިންގަވާކަމަށް ބަޔާނުގައި ވެއެވެ.
މާލޭގެ އިތުރުން ގާސިމްގެ އުފަން ރަށް އދ. މާމިގިލީގެ ބިމާއި އިމާރާތްކަކާއެކު ނުވަ ތަނެއް ހިމެނޭ ކަމަށްވެސް ބަޔާނުގައި ބުނެފައިވެއެވެ.
މީގެ އިތުރުން އެއްމިލިޔަން ސިންގަޕޫރު ޑޮލަރުގެ ފުލެޓެއް ރާއްޖޭން ބޭރުން ބައްލަވައިގަންނަވާފައިވާ ކަމަށްވެސް ބަޔާނުގައި ވެއެވެ. އެތަންތަނަކީ ވިޔަފާރީގެ ނަފާ އާއި ހިއްސާގެ ފައިދާ އާއި މުސާރައާއި ލޯނު ނަގައިގެން ހޯދާފައިވާ ތަންތަން ކަމަށްވެސް ބަޔާނުގައި ވެއެވެ.
ގާސިމްގެ ކާރުތަކަށް ބަލާއިރު، މިލްކިއްޔާތުގައި 1.3 މިލިޔަން ރުފިޔާގެ ބީއެމްޑަބްލިއު ކާރަކާއި ހަމަ އެ އަގަށް ގަނެފައިވާ މާސިޑީޒް ބެންޒް ކާރެއްގެ އިތުރުން އަށް ލައްކަ ރުފިޔާއަށް ގަނެފައިވާ ޕިއުގޮޓް ބްރޭންޑްގެ ކާރެއް ހިމެނެއެވެ.
ގާސިމް އިބްރާހިމް
ގާސިމް އިބްރާހިމް
ގާސިމް އިބްރާހިމް