މިދިޔަ 24 ގަޑިއިރު ތެރޭ 74 މީހަކު ޕޮޒިޓިވްވެ، ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވީ މީހުންގެ ޖުމްލަ އަދަދު 8741 އަށް އަރައިފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ މިދިޔަ 24 ގަޑިއިރުގެ ތެރޭގައި (އިއްޔެ ހަވީރު 6:00 އިން މިއަދު ހަވީރު 6:00 އަށް) ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ 59 ދިވެއްސަކާއި 15 ބިދޭސީން ކަމަށެވެ.

މިދިޔަ މަހުން ފެށިގެން ދުވާލެއްގެ މައްޗަށް އެވްރެޖްކޮށް 100 އަށްވުރެ ގިނަ ކޮވިޑް ކޭސް ފެނިފައިވެއެވެ. ނަމަވެސް މިދިޔަ އާދީއްތަ ދުވަހުން ފެށިގެން ކޭސްތަކުގެ އުޅެނީ 100 އިން ދަށުގައެވެ. އާދީއްތަ ދުވަހު 98 ކޭސް ފެނިފައިވާ އިރު، އިއްޔެ ފެނިފައިވަނީ 83 ކޭސްއެވެ.

ރާއްޖޭގައި ކޮވިޑަށް ފަރުވާ ހޯދަމުންދިޔަ މީހުންގެ ތެރެއިން މިދިޔަ 24 ގަޑިއިރުގެ ތެރޭގައި ބަލިން ރަނގަޅުވީ 105 މީހެކެވެ. އެއާއެކު ބަލިން ފަސޭހަވީ މީހުންގެ އަދަދު 6157 އަށް އަރާފައިވާ އިރު، މިހާރު ރާއްޖޭގައި ބައްޔަށް ފަރުވާދެމުން އަންނަނީ 2549 މީހަކަށް ކަމަށް އެޗްޕީއޭ އިން ބުނެއެވެ.

އެޗްޕީއޭ އިން ހާމަކޮށްފައިވާ މައުލޫމާތަށް ބަލާއިރު އައިސޮލޭޝަން ފެސިލިޓީތަކުގައި 1096 މީހަކު އެބަ ތިއްބެވެ. އަދި ހޮސްޕިޓަލުތަކުގައި 139 މީހަކު އެބަ ތިއްބެވެ.

ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 29 މީހަކު ވަނީ މަރުވެފައެވެ. އެއީ 23 ދިވެއްސަކާއި ބަންގުލަދޭޝްގެ ފަސް މީހަކާއި ފިލިޕީންސްގެ މީހެކެވެ.