އައްޑޫ ސިޓީގައި ހިމެނޭ ތިމާވެށީގެ ގޮތުން ހާއްސަ ހަތަރު ސަރަހައްދެއް ހިމާޔަތްކުރުމަށް ވަޒީރުންގެ މަޖިލީހުން މިއަދު ނިންމައިފިއެވެ.
ވަޒީރުންގެ މަޖިލީހުގެ މެންބަރުންގެ ލަފާފުޅާއެކު ރައީސް އިބްރާހީމް މުހައްމަދު ސޯލިހު، އައްޑޫ އިން ހިމާޔަތް ކުރުމަށް ނިންމަވާފައިވާ ސަރަހައްދުތަކަކީ ކޮޑަ ކަނޑަ އާއި ކަނޑިހެރަ، ހިތަދޫ މާކިޅި އާއި މެދެއާރަ އަދި ފެހެލެ ކިޅި، ހުޅުދޫ މާފިށި ކިޅި އާއި ކޭވަކާ ގޮނޑޮ، ހުޅުދޫ އަދި މީދޫގެ މެދަށް އޮންނަ މަތިކިޅި ސަރަހައްދެވެ.
މިއަދު މެންދުރުފަހު އޮންލައިންކޮށް ބޭއްވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި އެންވަޔަރަންމަންޓް މިނިސްޓްރީން ހުށަހެޅި ކަރުދާހަކަށް ވަޒީރުން މަޝްވަރާކުރެއްވުމަށްފަހު ހިމާޔަތްކުރެއްވުމަށް ނިންމެވި ހަތަރު ސަރަހައްދަކީ އައްޑޫ ސިޓީ ބަޔޮސްފިއަ ރިޒާވަކަށް ހެދުމަށް މިދިޔަ އަހަރުގެ 30 ސެޕްޓެންބަރުގައި ޔުނެސްކޯއަށް ހުށަހަޅާފައިވާ ތިމާވެށީގެ ގޮތުން ހާއްސަ ސިފަތަކެއް ލިބިގެންވާ ސަރަހައްދުތަކެވެ.
އައްޑޫ ސިޓީ ބަޔޮސްފިއަ ރިޒާވަކަށް ހެދުމަށް ޔުނެސްކޯއަށް ހުށަހަޅާފައި ވަނީ އާންމުންގެ ހިޔާލު ހޯދުމުގެ ސާވޭއިން އައްޑޫ ސިޓީގެ 97 ޕަސެންޓް ރައްޔިތުން ބޭނުންވާ ކަމަށް އެންވަޔަރަންމަންޓް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަން މިއަދު ކަރުދާސް ހުށަހަޅުއްވަމުން ވަނީ ވިދާޅުވެފައެވެ. އަދި މި ސަރަޙައްދުތައް ހިމާޔަތްކުރުމަށް ހުށަހެޅީ ކަމާބެހޭ މިނިސްޓްރީތަކާއި އިދާރާތަކާއި އެކި ސިނާއަތްތަކާވެސް މަޝްވަރާކުރެއްވުމަށްފަހު ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
ރައީސް އޮފީހުން ބުނީ މި ތަންތަން ހިމާޔަތްކުރުމުގެ ކަންކަން ކުރިއަށްގެންދާ އިރު، އައްޑޫ ސިޓީގެ އުމްރާނީ ތަރައްގީއާ ގުޅޭ މަޝްރޫއުތަކަށް ހުރަސްނޭޅޭނެ ފަދަ ގޮތަކަށް ކަންކަން ހަމަޖެއްސެވުމަށް ވަޒީރުންގެ މަޖިލީހުން މިއަދު ނިންމަވާފައިވާ ކަމަށެވެ.
ރާއްޖޭގެ ކޮންމެ އަތޮޅެއްގައި މަދުވެގެން އެއް ރަށާއި އެއް ފަރާއި އެއް ކަނޑޫފާ ރައްކާތެރިކުރުމަށް ސަރުކާރުން ވެފައިވާ ވައުދުގެ މަތިން މި މަސައްކަތުގެ ފުރަތަމަ ފިޔަވަހީގެ ދަށުން ތިލަދުންމަތީގެ (ހއ، ހދ، ށ އަދި ނ އަތޮޅުގެ) 11 ސަރަހައްދަކާއި ފުވައްމުލަކު އިރުދެކުނު ފަރާތުގައިވާ ފަރިކެޑަ ސަރަހައްދު ވަނީ ރާއްޖޭގެ ތިމާވެށި ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން ހިމާޔަތްކޮށްފައިވާ ސަރަޙައްދުތަކެއްގެ ގޮތުގައި ކަނޑައަޅައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު