ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރުސީއެމް)ގެ މެންބަރު ކަމަށް ތިން ބޭފުޅަކު މިއަދު އައްޔަންކުރައްވައިފިއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެޗްއާރުސީއެމްގެ މެންބަރު ކަމަށް އައްޔަން ކުރައްވާފައިވަނީ އާމިނަތު ޝިފާއަތު އަބްދުއްރައްޒާގު، ޑޯރެންސީވިލާ ސ. ފޭދޫ އާއި މުއުމިނާ ވަހީދު، މ. ޖިއެނާ އަދި ޑރ. އަހުމަދު އަދުހަމް އަބްދުالله، މއ. މާވެޔޮގެއެވެ.

މި ތިން ބޭފުޅުންނަށް މަޖިލީހުން ރުހުން ދީފައިވަނީ މިދިޔަ އާދިއްތަ ދުވަހު ބޭއްވި މަޖިލީހުގެ މި ދައުރުގެ އެންމެ ފަހު ޖަލްސާގައެވެ. އެގޮތުން މަޖިލީހުގެ 58 މެންބަރުން ޝިފާއަތު އެޗްއާރުސީއެމަށް އައްޔަން ކުރެއްވުމަށް ވޯޓު ދެއްވި އިރު، މުއުމިނާއަށް ވޯޓު ދެއްވީ 61 މެންބަރުންނެވެ. އަދި އަދުހަމަށް ވޯޓު ދެއްވީ 59 މެންބަރެކެވެ.

މިއަދު އެޗްއާރުސީއެމަށް އައްޔަންކުރެއްވި ތިން ބޭފުޅުންގެ ތެރެއިން އާމިނަތު ޝިފާއަތަކީ އޮސްޓްރޭލިއާގެ ޔުނިވާސިޓީ އޮފް ސިޑްނީ އިން މާސްޓާސް އޮފް ކްރިމިނޮލޮޖީ ހާސިލުކޮށްފައިވާ ބޭފުޅެކެވެ. އޭނާ އެންމެ ފަހުން އަދާކުރައްވާފައިވަނީ ހިއުމަން ރައިޓްސް ކޮމިޝަންގެ އެކްޓިން ސެކްރެޓަރީ ޖެނެރަލްގެ މަގާމެވެ.

މުއުމިނާ ވަހީދަކީ އޮސްޓްރޭލިއާގެ ޔުނިވާސިޓީ އޮފް ސިޑްނީއިން މާސްޓާސް އޮފް ހިއުމަން ރައިޓްސް އެންޑް ޑިމޮކްރަޓައިޒޭޝަން (އޭޝިއާ ޕެސިފިކް) ފުރިހަމަކޮށްފައިވާ ބޭފުޅެކެވެ. މުއުމިނާ މިއަދާ ހަމައަށް ހުންނެވީ އިކޮނޮމިކް މިނިސްޓްރީގެ ކޮންސަލްޓަންޓެއްގެ މަގާމުގައެވެ.

ޑރ. އަދުހަމް ޑޮކްޓްރޭޓް އޮފް ފިލޯސޮފީ އިން ލޯ (އިންޓަނޭޝަނަލް ލޯ) ފުރިހަމަކޮށްފައިވަނީ އޮސްޓްރޭލިއާގެ ވޭލްސްގެ ޔުނިވަސިޓީ އޮފް ވޮލޮންގޮންގް އިންނެވެ. އެނާ ވަނީ ވިލާ ކޮލެޖުގައި ޕަބްލިކް އިންޓަނޭޝަނަލް ލޯ ގެ ލެކްޗަރާއެއްގެ މަގާމުވެސް އަދާކުރައްވައިފައެވެ. މީގެ އިތުރުން މަތީ ތައުލީމާއި ތަމްރީނުގެ ކޯހަކުން ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހޯއްދެވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ އިނާމު ވެސް އޭނާއަށް ވަނީ ލިބިވަޑައިގެންފައެވެ.