ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓަށް މިއަދު ޖެއްސި އިންޑިއާ އަސްކަރިއްޔާގެ ދެ ބޯޓު ރާއްޖެ އައިސްފައިވަނީ އިމިގްރޭޝަނުން ހޯދަން ޖެހޭ ހުއްދަތައް ހޯދައިގެން ކަމަށް އިމިގްރޭޝަނުން ބުނެފިއެވެ.
އިމިގްރޭޝަންގެ ހުއްދައަކާ ނުލައި ހަނިމާދޫ އެއާޕޯޓަށް އަސްކަރީ ބޯޓެއް ޖެއްސިކަމަށް ބުނެ ބައެއް މީޑިއާތަކުން ހަބަރު ފެތުރުމާ ގުޅިގެން އިމިގްރޭޝަނުން ކުރި ޓުވީޓެއްގައި ބުނީ، އެ ބޯޓު ހަނިމާދުއަށް ޖައްސާފައިވަނީ އިމިގްރޭޝަނަށް އެނގިގެން ނަގަން ޖެހޭ ހުއްދަތައް ނަގައިގެން ކަމަށެވެ.
"މި އުޅަނދަށް އިމިގްރޭޝަންގެ ކްލިއަރެންސް ދީފައިވަނީ އިމިގްރޭޝަނަށް ހުށަހަޅަން ޖެހޭ ލިޔެކިޔުންތައް ފުރިހަމަކޮށް، ހޯދަން ޖެހޭ ހުއްދަތައް ހޯދައިފައިވުމުންނެވެ..،" އިމިގްރޭޝަނުން ކުރި ޓުވީޓުގައިވެއެވެ.
މީގެ އިތުރުން ބައެއް މީޑިއާތަކުން ވަނީ، އިންޑިއާގެ އަސްކަރިއްޔާގެ ދެ ބޯޓުގެ ފޮޓޯ އާއި ވީޑިއޯ ހިއްސާކުރި ކަމަށް ތުހުމަތުކޮށް ބަޔަކު ހައްޔަރުކޮށް ފޮޓޯއާއި ވީޑިއޯ ޑިލީޓްކުރި ކަމަށް ބުނެ ހަބަރު ފަތުރައިފައެވެ.
އެކަމާ ގުޅިގެން ފުލުހުން ބުނީ، ބޯޓުގެ ފޮޓޯ ނެގި މައްސަލައިގައި އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެފަދަ މައްސަލައަކާއި ގުޅިގެން އެއްވެސް ފަރާތަކާ ފުލުހުން އެއްވެސް ކަހަލަ މުއާލަމާތެއްކޮށްފައި ނުވާ ކަމަށާއި އެއްވެސް މީހަކު ފުލުހުން ހައްޔަރުވެސް ކޮށްފައި ނުވާނެ ކަމަށެވެ.
މި ދެ ބޯޓު ރާއްޖެ އައިސްފައިވަނީ އެމްއެންޑީއެފް ކޯސްޓްގާޑާއި އިންޑިއަން ނޭވީ ގުޅިގެން ހިންގާ ސަވައިލަންސް ޕެޓްރޯލުގައި ބައިވެރިވުމަށެވެ.
މިއަދުން ފެށިގެން މިމަހުގެ 16 ގެ ނިޔަލަށް ރާއްޖޭގެ ހާއްސަ އިގުތިސާދީ ކަނޑުގެ ސަރަޙައްދުގައި އެމްއެންޑީއެފް ކޯސްޓްގާޑާ ގުޅިގެން އޭރިއަލް ސަވައިލަންސް ޕެޓްރޯލް ކުރާގޮތަށް ހަމަޖައްސާފައިވާ ކަމަށް އެމްއެންޑީއެފުން ބުނެއެވެ. މިއީ އެމްއެންޑީއެފް ކޯސްޓްގާޑާއި އިންޑިއާ ނޭވީ ގުޅިގެން ހިންގާ 54 ވަނަ އޭރިއަލް ސަވައިލަންސް ޕެޓްރޯލެވެ.
ޚަބަރު
ޚަބަރު
ޚަބަރު