ރާއްޖޭގެ ދަރަނި 74 ބިލިއަން ރުފިޔާއަށް އަރައިގެން ދިޔައިރު، ރާއްޖެއިން ދަރަންޏަށް ނަގާ ފައިސާއިން ކުރާ ކަމެއް ރައްޔިތުންނަށް ސާފުވާން ޖެހޭ ކަމަށް ކުރީގެ އޮޑިޓާ ޖެނެރަލް ނިޔާޒް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ފިނޭންސް މިނިސްޓްރީން މިދިޔަ ބުރާސްފަތު ދުވަހު އާއްމު ކުރި ތަފާސްހިސާބުތައް ދައްކާ ގޮތުގައި މި އަހަރުގެ ޖޫން މަހުގެ ނިޔަލަށް ރާއްޖޭގެ ދަރަނި 73.9 (ގާތްގަނޑަކަށް 74) ބިލިއަން ރުފިޔާ އަށް ވަނީ އަރައިފައެވެ.

ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ރާއްޖޭގެ ދަރަނި ހުރީ 69.4 ބިލިއަން ރުފިޔާގައެވެ. ދެވަނަ ކުއާޓަރުގައިވެސް ރާއްޖޭގެ ދަރަނި ވަނީ އިތުރުވެފައެވެ.

ރާއްޖޭގެ ދަރަނި 74 ބިލިއަން ރުފިޔާއަށް އެރުމާ ގުޅިގެން ކުރީގެ އޭޖީ، ނިޔާޒް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ރައްޔިތުންގެ ބޮލުގައި 74 ބިލިއަން ރުފިޔާގެ ދަރަންޏެއް އެޅުވިއިރު، އެ ފައިސާއިން ކުރި ކަންކަން ރައްޔިތުންނަށް އެނގެން ޖެހޭ ކަމަށާއި، އެކަމުގެ ސަބަބުން ރައްޔިތުންގެ ދިރިއުޅުމަށް އައި ހެޔޮ ބަދަލުތަކަކީ ކޮބައިކަންވެސް އެނގެން ޖެހޭ ކަމަށެވެ.

"މި ފައިސާ ދަރަންޏަށް ނެގުމުގެ ނަތީޖާއެއްގެ ގޮތުން އާއްމު ރައްޔިތު މީހާގެ ދިރިއުޅުމުގެ ހާލަތަށް އައި ހެޔޮ ބަދަލުތަކަކީ ކޮބައިތޯ ކޮންމެ ދިވެހި ރައްޔިތަކު މިއަދު ސުވާލުކުރަން ޖެހޭ. އަންނަން އޮތް ޖީލުތަކުގެ ބޮލުގައި މިވަރުގެ ބޮޑު ނަރަންޏެއް އެޅުވިއިރު އަންނަން އޮތް ޖީލުތަކަށް މިފައިސާއިން ކުރީ ކޮން ކަމެއްތޯވެސް އެނގެން ޖެހޭ" ނިޔާޒް ވިދާޅުވިއެވެ.

ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުގައި މި އަހަރު ސަރުކާރުން ވަނީ 12 ލޯނެއް ނަގައިފަ އެވެ. މީގެ ތެރޭގައި އޯޕެކް ފަންޑް ފޯ އިންޓަނޭޝަނަލް ޑެވެލޮޕްމަންޓް (އޯފިޑް) އާއި އިސްލާމިކް ޑިވްލޮޕްމަންޓް ބޭންކް (އައިޑީޕީ) އާއި އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް އެސޯސިއޭޝަން (އައިޑީއޭ) އާއި ޔޫރަޕިއަން އިންވެސްޓްމަންޓް ބޭންކާއި އޭޝިއަން ޑިވެލޮޕްމަންޓް ބޭންކާއި ސައުދީ ފަންޑު ފޯ ޑިވެލޮޕްމަންޓް އާއި އޭޝިއަން އިންފްރާސްޓަކްޗާ އިންވެސްޓްމަންޓް ބޭންކް (އައިއައިއައިބީ) އިން ނަގާފައިވާ ލޯނުތައް ހިމެނެ އެވެ. މީގެ ތެރެއިން ބައެއް ތަންތަނުން ދެ ފަހަރަށް ވެސް ލޯނު ނަގާފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކަ އެވެ.

ރާއްޖޭގެ ދަރަނި އިންތިހާއަށް ބޮޑުވެފައިވާއިރު، ފިނޭންސް މިނިސްޓްރީ އަށް ދައުލަތުގެ ދަރަނި މެނޭޖް ނުކުރެވޭ ކަމަށް ބުނެ މިދިޔަ މަހު ރައްޔިތުންގެ މަޖިލީހަށް ފިނޭންސް މިނިސްޓަރާއި އެ މަގާމުގައި ކުރިން ތިއްބެވި ބައެއް ވަޒީރުން ވަނީ ހާޒިރުކޮށް ސުވާލުކޮށްފައެވެ. ނަމަވެސް ވަޒީރުން ވިދާޅުވީ، ދަރަނި މެނޭޖުކުރުމުގެ ގާބިލްކަން ފިނޭންސް މިނިސްޓްރީގައި ހުންނާނެ ކަމަށެވެ.