ކުރީގެ އޮޑިޓަ ޖެނެރަލް ނިޔާޒް އިބްރާހިމަށް މަގުމަތިން މީހަކު ދިމާކޮށްލައި ފުރައްސާކޮށް އިންޒާރު ދިން ކަމަށް ބުނާ މައްސަލައެއް ފުލުހަށް ހުށަހަޅަން ނިންމައިފިއެވެ.

ނިޔާޒް މިއަދު ކުރި ފޭސްބުކް ޕޯސްޓެއްގައި ވިދާޅުވީ، އޭނާ ބޭންކަށް ދިޔަ މަގުމަތީގައި އޭނާއާ މީހަކު ދިމާކޮށްލައި ފުރައްސާރަކޮށް އިންޒާރުދީފައިވާ ކަމަށެވެ. އަދި އޭނާގެ ވީޑިއޯކޮށްފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

.

ނިޔާޒަށް ފުރައްސާރަކޮށް ވީޑިއޯކުރި އަހުމަދު އިބްރާހިމް (ޕޮކްމަން) ވަނީ އޭނާގެ ސޯޝަލް މީޑިއާގައި އެ ވީޑިއޯ އާންމުކޮށްފައެވެ.

"ޕީޕީއެމްގެ އަސްލު ސިފަ މިދަނީ ފެންނަމުން. ވެރިކަން ލިބިއްޖެއްޔާ ކަންތައްތައް ހުންނާނެގޮތް އަންދާޒާކޮށްލައްވާ" ނިޔާޒް ވިދާޅުވިއެވެ.

ނިޔާޒް ވަނީ ޕޮކްމަން އޭނާއަށް ފުރައްސާރަކުރި މައްސަލަ ފުލުހުންނަށް ހުށަހަޅާނެ ކަމަށް ވިދާޅުވެފައެވެ.

ޕީޕީއެމުން ރައްޔިތުންނާ މެދު އަދުލުވެރިވާނެ ކަމަށް ހީކުރުމަކީ މޮޔަކަމެއް ކަމަށް ވިދާޅުވެ ނިޔާޒް ވަނީ ސޯޝަލް މީޑިއާގައި ޕޯސްޓެއްކުރައްވައިފައެވެ. އޭގެ ފަހުން ނިޔާޒް ވަނީ އޭނާގެ އޮޑިޓަ ޖެނެރަލް ކަމުގައި ޕީޕީއެމްގެ ވެރިކަމުގައި އެމްއެމްޕީއާރުސީގެ ހިޔާނާތް ހިންގި ގޮތާއި އެ ނޫން ވެސް ގޯސްކޮށް ކުރި ކަންކަމުގެ ތަފްސީލް ބައެއް މީޑީއާތަކުގައި ހިއްސާކުރައްވައިފައެވެ.

ވީޑިއޯގައި ނިޔާޒަށް ފުރައްސާރަ ކުރި ކަމަށްބުނާ ޕޮކްމަން ވަނީ، ހަގީގަތް އޮޅޭ ގޮތެއް ނޫސްތަކަށް އިންޓަވިޔުދީ ޕޯސްޓްތައް ކުރަނީ ކީއްވެތޯ ނިޔާޒާ ސުވާލުކޮށް ނުހައްގު މުއްސަނދިކަމުގެ ތުހުމަތު ކޮށްފައެވެ. އެ ސުވާލުތަކަށް ނިޔާޒު ވަނީ ޖަވާބުދާރީވާން ނުޖެހޭނެ ކަމަށް ވިދާޅުވެ އޭނާއަށް ރައްދު ދެއްވައިފައެވެ.