ކުރީގެ ރައީސް އަދި ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުގެ ސްޕެޝަލް އެޑްވައިޒަރު، ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު މާދަމާ ފުލުހަށް ހާޒިރުވުމަށް ޗިޓް ފޮނުވައިފިއެވެ.

"ވަން" އަށް އެނގިފައިވާ ގޮތުގައި ފުލުހުން ޑރ. ވަހީދަށް ފޮނުވި ޗިޓުގައި ވަނީ މާދަމާ ހަވީރު 4:00 އަށް ފުލުހުންގެ އިދާރާއަށް ހާޒިރުވުމަށެވެ.

އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ބޭއްވި ސައިކަލް ބުރާ ގުޅިގެން ރައީސް ވަހީދު ވަނީ މީގެ ކުރިން ވެސް ފުލުހަށް ހާޒިރު ކޮށްފައެވެ. އެ ސައިކަލް ބުރު ނިންމާލުމުގެ ގޮތުން ޕީޕީއެމް އޮފީސް ކުރިމަތީ އެއްވެފައި ތިބި މީހުންނާ މުހާތަބުކޮށް ރައީސް ވަހީދު ވަނީ ވާހަކަފުޅުދައްކަވައި ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. ވާހަކަ ދެއްކެވިއިރު، ރައީސް ވަހީދު ހުންނެވީ މާސްކް ތިރިކުރައްވައިގެންނެވެ.

މިދިޔަ މަހުގެ 30 ވަނަ ދުވަހު ހަވީރު ފުލުހުންގެ އިދާރާއަށް ހާޒިރުވެ ވަޑައިގަތުމަށް ފަހު ނޫސްވެރިންނާ ވާހަކަފުޅުދައްކަވަމުން ރައީސް ވަހީދު ވިދާޅުވީ، އެމަނިކުފާނު ފުލުހަށް ހާޒިރުކުރެއްވީ އާންމު ސިއްހަތުގެ އުސޫލާ ހިލާފަށް މާސްކު ނާޅުއްވައި ހުންނެވި ކަމަށް ތުހުމަތުކޮށެވެ.

ރައީސް ވަހީދު ވިދާޅުވީ، އިހުތިޖާޖުގައި މާސްކު ތިރިކޮށް ލެއްވީ ވާހަކަފުޅުދައްކަވަން ފަސޭހަފުޅަށް ކަމަށާއި ފުލުހަށް ހާޒިރުކުރީ ސިޔާސީ ބޭނުމެއްގައި ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

ޑރ. ވަހީދުގެ އިތުރުން އިދިކޮޅު ކޯލިޝަންގެ ލީޑާޝިޕްގެ ގިނަ ބޭފުޅުން ވަނީ ސައިކަލް ބުރާ ގުޅިގެން ފުލުހަށް ހާޒިރުކޮށްފައެވެ. އަދި ބައެއް ބޭފުޅުން ޖޫރިމަނާވެސް ކޮށްފައިވެއެވެ.