ގދ. ހޯނޑެއްދޫން ޕޮޒިޓިވްވި 21 މީހެއްގެ ކޮންޓެކްޓުންގެ އަދަދު 111 އަށް އަރައިފިއެވެ.
އެރަށުން ފުރަތަމަ ޕޮޒިޓިވްވީ ހޯމް ކަރަންޓީނުގައި ތިބި އާއިލާއެއްގެ ހަތަރު މެންބަރެކެވެ. ކަރަންޓީނުން ދޫކޮށްލުމަށް ނެގި ރިލީސް ސާމްޕަލުން އެމީހުން ޕޮޒިޓިވްވިކަން އެނގުނީ މިދިޔަ ބުދަ ދުވަހުއެވެ.
ނަމަވެސް މިދިޔަ ހުކުރު ދުވަހު ފުރަބަންދުގައި ތިބި މީހުންނާ ގުޅުމެއް ނެތް ދެ މީހެއްގެ ފަރާތުން ބަލީގެ އަލާމާތްތަކެއް ފެނިގެން ޓެސްޓު ކުރި އިރު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ. އަދި ހޮނިހިރު ދުވަހު ވަނީ އެރަށުން އިތުރު 19 މީހަކު ޕޮޒިޓިވްވެފައެވެ.
ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާން ޑރ. ނަޒްލާ ރަފީގު ވިދާޅުވީ ހޮނިހިރު ދުވަހު ޕޮޒިޓިވްވި 19 މީހުން ގުޅިފައިވަނީ އެރަށުގެ ހަތަރު އާއިލާއަކާ ކަމަށެވެ.
"މިހާތަނަށް އަޅުގަނޑުމެންނަށް 111 ކޮންޓެކްޓުން ވަނީ ހޯދިފައި މި ޖުމްލަ 21 މީހުންގެ. ދެން މީގެ ތެރޭގައި ބަލީގެ އަލާމާތްތައް ހުރި 60 ފަރާތެއް ހިމެނޭ. އުމުރުން 50 އަހަރުން މަތީގެ ހަ ފަރާތެއް އަދި އެއް އަހަރުން ދަށުގެ ދެ ކުދިން އެބަ ހިމެނޭ،" ނަޒްލާ ވިދާޅުވިއެވެ.
ނަޒްލާ ވިދާޅުވީ މަޑަވެލިން 51 މީހެއްގެ ސާމްޕަލް ނަގާފައިވާ ކަމަށާއި އޭގެ ތެރޭގައި 10 މީހެއްގެ ފަރާތުން އަލާމާތްތައް ފެނިފައިވާ ކަމަށެވެ.
ނަޒްލާ ވިދާޅުވީ ކޮންޓެކްޓުން މިހާރު ކަރަންޓީނު ކުރެވިފައިވާ ކަމަށާއި އެމީހުންގެ ސާމްޕަލް ނަގައި ޓެސްޓް ކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށެވެ.
ނަޒްލާ ވިދާޅުވީ މަޑަވެއްޔާއި ހޯނޑެއްދޫގައި މި ކޭސްތަކާ ގުޅިގެން ފިޔަވަޅުތަކެއް އަޅާފައިވާ ކަމަށާއި ހޯނޑެއްދުއަށް ބަލި ދިޔަގޮތް ހޯދުމުގެ މަސައްކަތް އަދިވެސް ކުރެވެމުން އަންނަ ކަމަށެވެ. ސީދާ އެރަށަށް ބަލި ދިޔަގޮތް އަދިވެސް ސާފު ނުވާ ކަމަށް ވިދާޅުވިއެވެ.
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު