މޯލްޑިވިއަން

މިމަހު މޯލްޑިވިއަންއިން މެލޭޝިއާއަށް ފުރާ ފްލައިޓުން 30 ކިލޯގެ ހިލޭ ބެގެޖް އެލަވަންސް ދެނީ

މަރިޔަމް ޝަހުދާ

މިމަހު 20 ގައި މޯލްޑިވިއަން އިން މެލޭޝިއާގެ ވެރިރަށް، ކުއަލަލަމްޕޫރަށް ފުރާ ފްލައިޓުން 30 ކިލޯގެ ހިލޭ ބެގޭޖް އެލަވަންސް ދިނުމަށް ނިންމައިފިއެވެ.

ގައުމީ އެއާލައިން، މޯލްޑިވިއަން އިން ކުރި ޓުވީޓެއްގައި ބުނެފައިވަނީ ކުއަލަލަމްޕޫރަށް ފުރާ ފްލައިޓުގެ ޓިކެޓު ނެގުމަށް މިހާރު ހުޅުވާލާފައިވާ ކަމަށެވެ. ބޭނުންވާ ހުރިހާ ޓްރެވަލް ޑޮކިއުމަންޓުތައް ހުރި ކޮންމެ މީހަކަށްވެސް މި ފްލައިޓުން ޓިކެޓް ނެގުމުގެ ފުރުސަތު އޮތް ކަމަށް މޯލްޑިވިއަން އިން ބުނެއެވެ.

އެގޮތުން މޯލްޑިވިއަންގެ ވައިބަރު ޕްލެޓްފޯމް ނުވަތަ [email protected] އަށް މެއިލް ކޮށްގެން ޓިކެޓުގެ ކަންކަން ހަމަޖެއްސޭނެ ކަމަށް މޯލްޑިވިއަން އިން ބުނެއެވެ.

ކުއަލަ ލަމްޕޫރަށް މޯލްޑިވިއަން އިން ދާ ފްލައިޓްގެ ފަސެންޖަރުންނަށް ހަތް ކިލޯގެ ކެރީ-އޮން ލަގެޖް ގެންދެވޭނެ ކަމަށް މޯލްޑިވިއަން އިން މައުލޫމާތު ދެއެވެ. ޗެކް-އިން ބެގޭޖުގެ ލިމިޓަކީ 30 ކިލޯ ކަމަށްވެސް މޯލްޑިވިއަން އިން ބުނެއެވެ.

މޯލްޑިވިއަންގެ ޕަބްލިކް ރިލޭޝަންސް (ޕީއާރު) އެންޑް ކޮމިއުނިކޭޝަން މެނޭޖަރު މޫސާ ވަސީމް "ވަން" އަށް ވިދާޅުވީ 30 ކިލޯގެ ހިލޭ ބެގޭޖް އެލަވަންސް ދިނުމަށް ނިންމާފައިވަނީ ހަމައެކަނި މި ފްލައިޓަށް ކަމަށެވެ.

މެލޭޝިއާގައި ގިނަ އަދަދެއްގެ ދިވެހިން ދިރިއުޅެމުން އަންނަ އިރު، އޭގެ ތެރޭގައި ގިނައީ ކިޔަވާ ދަރިވަރުންނެވެ. މެލޭޝިއާގައި ތިބި ގިނަ އަދަދެއްގެ ދިވެހީން ވަނީ ކޮވިޑް 19ގެ ހާލަތާ ގުޅިގެން އެނބުރި ރާއްޖެ އައިސްފަ އެވެ. މޯލްޑިވިއަން އިން ކުއަލަލަމްޕޫރަށް ހަމަޖައްސާފައިވާ ފްލައިޓު މީގެ ކުރިން މިމަހު 10 އަކަށް ހަމަޖެއްސި ނަމަވެސް، މިމަހު 20 އަށް ފްލައިޓު ބަދަލުކޮށްފައިވަނީ ގިނަ އަދަދެއްގެ ކިޔަވާ ކުދިންގެ އެދުމުގެ މަތީން ކަމަށްވެސް މޯލްޑިވިއަންއިން ބުނެފައި ވެއެވެ.

ކޮވިޑް 19 ފެތުރޭތީ މެލޭޝިއާގެ ބޯޑަރު ބައިނަލްއަގުވާމީ ދަތުރުތަކަށް އަދިވެސް ހުޅުވައެއް ނުލައެވެ. ނަމަވެސް ހާއްސަ ހުއްދައަކާއެކު އެގައުމަށް ބައެއް ގައުމުތަކުން އަންނަނީ ފްލައިޓުތައް ބާއްވަމުންނެވެ.