ހައްޖާއި އުމްރާގެ އަޅުކަމަށް މީހުން އުފުލުމަށްޓަކައި ގައުމީ އެއާލައިން، މޯލްޑިވިއަނުން ޖުމްލަ 26 ފުލައިޓް އޮޕަރޭޓްކޮށް، 6،000 އަށްވުރެ ގިނަ މީހުންނަށް ހިދުމަތް ދީފައިވާކަން އެ އެއާލައިނުން ބުނެފިއެވެ.
މޯލްޑިވިއަނުން މިއަދު ބުނީ މިދިޔަ އަހަރުގެ މޭއި މަހުން ފެށިގެން މިއަހަރުގެ މޭއި މަހާއި ހަމައަށް މޯލްޑިވިއަނުން ވަނީ ހައްޖު އަދި އުމްރާއަށް މީހުން ގެންދިއުމަށް 26 ފުލައިޓް އޮޕަރޭޓްކޮށްފައި ކަމަށެވެ. އެ ފުލައިޓްތަކުގައި ޖުމްލަ 6،073 ފަސިންޖަރުންނަށް ވަނީ ހިދުމަތް ދީފައެވެ.
މޯލްޑިވިއަނުން ހައްޖު އަދި އުމްރާ ދަތުރުތަކަށް ބޭނުންކުރަމުން އަންނަނީ ވައިޑް ބޮޑީ މަތިންދާބޯޓެވެ. މޯލްޑިވިއަނުން މި ދަތުރުތައް ފެށުމާއެކު، އުމްރާ އަދި ހައްޖަށްދާ ދިވެހިންނަށް ވަނީ ދަތުރުފަތުރުގެ ބޮޑެތި ލުއިތަކެއް ލިބިގެން ގޮސްފައެވެ.
އުމްރާއާއި ހައްޖަށް މީހުން ގެންދިއުމަށް ބޭއްވި 26 ފުލައިޓްގެ ތެރެއިން ހަތަރު ފުލައިޓަކީ ހާއްސަކޮށް ހައްޖަށް މީހުން ގެންދިއުމަށް އަޅާފައިވާ ފުލައިޓުތަކެއްކަމަށް މޯލްޑިވިއަނުން ބުންޏެވެ.
އެ ފުލައިޓްތަކުގައި މިހާރު ހައްޖަށް ގޮސްފައިވާ މީހުން އަނބުރާ ގެނައުމާއެކު، ޖުމްލަ 1،016 މީހުންނަށް ހިދުމަތް ދެވޭނެކަމަށް މޯލްޑިވިއަނުން ބުންޏެވެ.
މޯލްޑިވިއަނުން އަބަދުވެސް މަސައްކަތް ކުރަމުންދަނީ ދަތުރުވެރިންނަށް ދީފައިވާ ވަގުތުތަކަށް ސީދާ ދަތުރުތައް ކުރިއަށް ގެންދިއުމަށާއި، ހާއްސަ ފުލައިޓްތަކާއި ގްރޫޕްތަކުން ކުރާ ދަތުރުތަކަށް އެކަމަށް ހާއްސަ މުވައްޒަފުން މެދުވެރިކޮށް އެކަށީގެންވާ ހިދުމަތެއް ފޯރުކޮށްދިނުމަށްކަމަށް މޯލްޑިވިއަނުން ބުންޏެވެ.
މީގެ ސަބަބުން ހައްޖާޖީންނަށާއި އުމްރާވެރިންނަށް އަމިއްލަ އެއާލައިނެއްގައި، ފަސޭހަ މާހައުލެއްގައި މުގައްދަސް ބިމަށް ދަތުރުކުރުމުގެ ފުރުސަތު ވަނީ ލިބިފައިކަމަށް މޯލްޑިވިއަނުން ބުންޏެވެ.
މުހައްމަދު އިޝާން
މޯލްޑިވިއަން
މޯލްޑިވިއަން
މޯލްޑިވިއަން
މޯލްޑިވިއަން