ގައުމީ އެއާލައިން، މޯލްޑިވިއަންގެ ފްލައިޓުތަކުގައި ފަސިންޖަރުންނަށް ރާ ވިއްކަން އުޅޭ ކަމަށް ދެކެވޭ ވާހަކަތައް އެ އެއާލައިނުން ދޮގުކޮށްފިއެވެ.

ރާ ވިއްކަން އުޅޭ ކަމަށް ދެކެވޭ ވާހަކަތައް މޯލްޑިވއަނުން ދޮގުކޮށްފައިވަނީ، އެ ހިދުމަތް ފަށަން އެ އެއާލައިނުން މަސައްކަތްކުރާ ކަމަށްބުނެ ސޯޝަލް މީޑިއާގައި ދެކެވެމުންދާ ވާހަކަތަކާ ގުޅިގެންނެވެ.

މޯލްޑިވިއަނުން މިއަދު ނެރުނު ދެންނެވުމުގައި ބުނީ އެ އެއާލައިންގެ އެއްވެސް ފްލައިޓެއްގައި ރާ ވިއްކުމުގެ ހިދުމަތް ދެމުންނުދާ ކަމަށެވެ.

"މޯލްޑިވިއަންގެ ފްލައިޓްތަކުގައި އަލްކަހޯލް ސާވިސް ދޭން ފަށަން ރާވާފައިވާ ކަމަށްބުނެ މީސްމީޑިއާގައި ދައުރުވަމުންދާ މައުލޫމާތަކީ ހަގީގަތާ ހިލާފު މައުލޫމާތެއް ކަމުގައި ދަންނަވަން،" މޯލްޑިވިއަނުން ބުންޏެވެ.

މޯލްޑިވިއަނުން ބުނީ ސައްހަކަން ކަށަވަރު ނުކުރެވޭ އެފަދަ މައުލޫމާތުތައް ހިއްސާ ނުކުރުމަށް ހުރިހާ ފަރާތްތަކަށް އިލްތިމާސްކުރާ ކަމަށެވެ.