ކޮވިޑް ފެތުރުން ކޮންޓްރޯލް ކުރުމަށް މިހާރު އަޅާފައިވަނީ ބައިކުޅަބައި ފިޔަވަޅުތަކެއް ކަމަށާއި އެހެންކަމުން ފިޔަވަޅުތަކުގެ ނަތީޖާ ފެންނަން ދުވަސް ނަގާނެ ކަމަށް ޕަބްލިކް ހެލްތު އެކްސްޕާޓް ޑރ. ޝީނާ މޫސާ ވިދާޅުވެއްޖެއެވެ.
ކޮވިޑް ހުއްޓުވާނީ އަހަރެން"ގެ ނަމުގައި ދިވެހި މީޑިއާ އިން އިސްނަގައިގެން ކުރިއަށްގެންދާ ގައުމީ ކެމްޕޭނުގެ ދަށުން ކުރިއަށްގެންދިޔަ ޕެނަލް ޑިސްކަޝަނެއްގައި ވާހަކަދައްކަވަމުން ޑރ. ޝީނާ ވިދާޅުވީ މިހާރު އަޅާފައިވާ ފިޔަވަޅުތަކަކީ ލުއިތަކާއެކު އުޅެވޭނެ ގޮތަށް އަޅާފައިވާ ފިޔަވަޅުތަކެއް ކަމަށެވެ.
"މިހާރު މި ގެނެވުނު ރެސްޓްރިކްޝަންތަކަކީ ދުވާލުގެ ވަކި ގަޑިއެއްގައި ގެނެސްފައިވާ ރެސްޓްރިކްޝަންތަކެއް. މާސްކު އެޅުން މަޖުބޫރުކޮށްފި ނަމަވެސް މޫވްމަންޓުން ބޮޑަށް އެކްސްޕޯސް މިވަނީ. އެހެންކަމުން ދެބައިކުޅަ އެއްބައި މެޝާއެކޭ މިއެޅުނީ އަސްލުގައި. މުޅިން ކޮންޓްރޯލް ކުރަން އެޅުނު މެޝާސްއެއް ނޫނޭ މީއަކީއެއް،" ޑރ. ޝީނާ ވިދާޅުވިއެވެ.
ޑރ. ޝީނާ ވިދާޅުވީ، އެންމެ ހަރުކަށި ފިޔަވަޅުތައް ނާޅައި ވަނީ، އިގުތިސޯދީ ހަރަކާތްތައް ކުރިއަށްގެންދާން ޖެހޭތީ ކަމަށެވެ.
"އަޅުގަނޑުމެން މިހާރު މި ނަގާ މެޝާސްގެ އެފެކްޓް މި ފެންނަނީ ކުޑަކޮށް. އޭގެ އެންމެ މެކްސިމަމް ނަތީޖާއެއް ނުފެނޭ. އެއީ ދެބައިކުޅަ އެއްބައި މެޝާސްއެއްވީމައޭ،" ޑރ. ޝީނާ ވިދާޅުވިއެވެ.
މީގެ އިތުރުން ޑރ. ޝީނާ ވިދާޅުވީ، އަމާޒަކީ ސިއްހީ ނިޒާމުގެ ތެރޭގައި ހިފާއްޓާލެވޭ ވަރަށް ބަލި ކޮންޓްރޯލް ކުރުން ކަމަށެވެ. އަދި ރާއްޖެއިން ބަލި ފެނުނު ފުރަތަމަ ދުވަސްތަކުގައި ބޮޑެތި ފިޔަވަޅުތަކެއް އެޅީވެސް ބައްޔަށް ތައްޔާރުވުމަށް ދުވަސް ދިނުމުގެ ގޮތުން ކަމަށް ވިދާޅުވިއެވެ.
ޑރ. ޝީނާ ވިދާޅުވީ، ފިޔަވަޅުތައް ކިތަންމެ ގިނައިން އެޅިނަމަވެސް އެ ފިޔަވަޅުތަކަށް ރައްޔިތުންގެ އެއްބާރުލުން ނުލިބޭނަމަ ބަލި ކޮންޓްރޯލް ކުރުން ވެގެންދާނީ އުނދަގޫ އަދި ބުރަބޮޑު މަސައްކަތަކަށް ކަމަށެވެ.
ކޮވިޑުން ރައްކާތެރިވުމަށް މި ފަހުން ވަނީ ބައެއް ފިޔަވަޅުތައް އަޅައިފައެވެ. އެގޮތުން ބަލި ފެތުރިފައިވާ ރަށްރަށުގައި މާސްކު އެޅުން މަޖުބޫރު ކުރުމާއި، މާލޭ ސަރަހައްދުގައި ރޭގަނޑު 8:00ގެ ފަހުން ވެހިކަލް ދުއްވުމާއި ރޭގަނޑު 10:00 އިން ފަތިހު 5:00 އަށް ބޭރުގައި އުޅުމާއި ވިޔަފާރި ކުރުން ވަނީ މަނާކޮށްފައެވެ.
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު