ޗެނަލް 13 އިން ގެނެސްދިން ލައިވް ޕްރޮގްރާމެއްގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ހަށިކޮޅުގައި ހުޅުޖަހަން ޖެހޭ ކަމަށް ބުނި މީހާ ހައްޔަރުކޮށް އޭނާގެ ބަންދަށް 15 ދުވަސް ޖަހައިފި އެވެ.

އެ މައްސަލައިގައި ކޯޓު އަމުރެއްގެ ދަށުން ހައްޔަރު ކޮށްފައިވަނީ 47 އަހަރުގެ ދިވެހި ފިރިހެނެކެވެ. ފުލުހުން ބުނީ، ރައީސްގެ ހަށިކޮޅުގައި ހުޅުޖެހުމަށް ގޮވާލި މައްސަލައާ ގުޅިގެން މިއަދު ހައްޔަރުކުރި މީހާގެ ބަންދަށް ކޯޓުން 15 ދުވަސް ޖަހާފައިވާ ކަމަށެވެ،

ބުރާސްފަތި ދުވަހު ޗެނަލް 13 އިން ގެނެސްދިން "ރައްޔިތުންގެ އަޑު" ކިޔާ ޕްރޮގްރާމަކަށް ގުޅި އެ މީހާ ބުނީ، "އަޅުގަނޑަށް ފެންނަނީ މިހާރުން މިހާރަށް ވެސް އިބްރާހިމް މުހައްމަދު ސޯލިހުގެ ގައިގައި އަލިފާން ޖަހަން،" މިހެންނެވެ.

އެމީހާ އެހެން ބުނެފައިވަނީ މި ސަރުކާރުން އަމަލުކުރާ ގޮތާ ގުޅޭގޮތުން ޕްރޮގްރާމް ހުށަހަޅައިދޭން އިން ޕްރެޒެންޓަރު ކުރި ސުވާލަކަށް ޖަވާބުދެމުންނެވެ.

މި މައްސަލަ ފުލުހުންގެ އިތުރުން ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އިން ވެސް އަންނަނީ ބަލަމުންނެވެ.