ލ. ގަމުގައި ހޯމް ކަރަންޓީނުގައި ހުރި އުމުރުން ދުވަސްވީ މީހަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެއެވެ.
މިކަން ލ. ގަމު ރީޖަނަލް ހޮސްޕިޓަލުގެ މެނޭޖަރު އަލީ ނަޝީދު ވަނީ "ވަން" އަށް ކަށަވަރުކޮށްދެއްވައިފައެވެ.
ނަޝީދު ވިދާޅުވީ ކޮވިޑަށް ޕޮޒިޓިވްވެފައިވަނީ އުމުރުން 62 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.
ޕޮޒިޓިވްވި މީހާގެ ކިބައިން ބަލީގެ އެއްވެސް އަލާމާތެއް ނުފެންނަ ކަމަށާއި، އެމީހާގެ ހާލު ރަނގަޅު ކަމަށް ނަޝީދު ވިދާޅުވިއެވެ. އަދި އެމީހާ އަދިވެސް ހުރީ ހޯމް ކަރަންޓީނުގައި ކަމަށާއި، އެމީހާއަކީ ހައި ރިސްކު ކެޓަގަރީގެ މީހެއް ކަމުން ލ. ގަމުގައި ގާއިމުކޮށްފައިވާ ކޮވިޑް މެނޭޖްމަންޓް ފެސިލިޓީއަށް އެމީހާ ބަދަލުކުރުމަށް މަޝްވަރާ ކުރަމުން އަންނަ ކަމަށް ނަޝީދު ވިދާޅުވިއެވެ.
މީގެ އިތުރުން ޕޮޒިޓީވްވި މީހާއާއެކު ހޯމް ކަރަންޓީނުގައި އިތުރު މީހެއް ނެތް ކަމަށް ނަޝީދު ފާހަގަކުރެއްވިއެވެ. އަދި މި މީހާގެ ނަތީޖާ ލިބިފައިވަނީ މިއަދު ކަމަށް ނަޝީދު ވިދާޅުވިއެވެ.
މިއަދު ގަމުން ޕޮޒިޓީވްވި މީހާގެ އިތުރުން ގަމުގައި ހުންނަ ކޮވިޑް ފެސިލިޓީގެ އައިސީޔޫގައި ކޮވިޑަށް ޕޮޒިޓިވްވެފައިވާ އެއް މަހުގެ ކުއްޖަކަށް އަންނަނީ ފަރުވާ ދެމުންނެވެ. އަދި ކޮވިޑަށް ޕޮޒިޓިވްވެފައިވާ އެ ކުއްޖާގެ މަންމަވެސް ހުރީ އެ ފެސިލިޓީގައި ކަމަށް އިއްޔެ ނަޝީދު "ވަން" އަށް މައުލޫމާތު ދީފައިވެއެވެ. ނަމަވެސް ކުޑަ ކުއްޖާއާއި އޭނާގެ މަންމައަކީ ދ. ކުޑަހުވަދޫ ހޯމް ކަރަންޓީނުގައި ތިއްބައި ޕޮޒިޓިވްވި ދެމީހުން ކަމަށާއި އެމީހުން ގަމު ކޮވިޑް ފެސިލިޓީއަށް ބަދަލު ކުރީ ކުއްޖާއަށް ބޭނުންވާ އިތުރު ފަރުވާއަށް ކަމަށް މީގެ ކުރިން ނަޝީދު މައުލޫމާތުދެއްވާފައިވެއެވެ.
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު