ކޮވިޑާ ގުޅިގެން ރާއްޖޭގައި މިހާރު އަޅާފައިވާ ފިޔަވަޅުތައް އުވާލައި، ދިވެހިންނަށް މި ރޯގާއާއެކު އުޅެވޭނެ ފަސޭހަ ގަވާއިދުތަކެއް ވަގުތުން ހެދުމަށް ގޮވާލައި ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު، ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފިއެވެ.

ޖާބިރު ހުށަހެޅި ކުއްލި މައްސަލައިގައި ވަނީ ކޮރޯނާގެ ސަބަބުން ގައުމުގެ ބޯޑަރު ބަންދުކޮށް، ނެޝަނަލް ސްޓޭޓް އޮފް ހެލްތު އިމަޖެންސީގެ ހާލަތަށް ގައުމު ގެނެސް، ޖަޒީރާވަންތަ ރަށްތަކެއްގެ މައްޗަށް އުފެދިފައިވާ މި ގައުމުގެ އެއް ރަށުން އަނެއް ރަށަށް އެރުން މަނާ ކުރެވުނު ކަމަށެވެ. އަދި ފުރަބަންދުގައި މީހުން ބައިތިއްބައި ގެތައް މޮނިޓަރިންގެ ހާލަތަށް ގެނެސް، ފަތުރުވެރިކަމާއި މަސްވެރިކަމާއި ދަނޑުވެރިކަމުގެ އިތުރުން ދިވެހި އިގްތިސޯދުގެ އެންމެހާ ސިނާއަތްތައް ކުރިއަރައިދާން ހުރި ފަސޭހަ މަގުތައް ބަންދުކޮށްފައިވާ ކަމަށެވެ.

"ދިވެހިންގެ ވަޒީފާތައް ގެއްލި، ދިވެހި އާއިލާތައް ބިކަވެ، ދުވަހުން ދުވަހަކަށް ދިވެހި ރައްޔިތުންގެ ދިރިއުޅުމުގެ ހާލަތު ދަށްވަމުންދާ މަންޒަރު ގާތުން ފެނިގެންދާ ދަނޑިވަޅެއްގައި، ނިއު ނޯމަލްއެއްގެ ނަމުގައި ނިމިދިޔަ ޖުލައި މަހުގެ އެއް ވަނަ ދުވަހުން ފެށިގެން ގައުމުގެ ކޮވިޑް ހާލަތާއި ގުޅިގެން ނިންމާ އެންމެހާ ނިންމުންތައް ނިންމުމަށް ދިވެހި ސަރުކާރުން ކަނޑައަޅުއްވާފައިވާ އިދާރާ ކަމުގައިވާ، ހެލްތު ޕްރޮޓެކްޝަން އެޖެންސީ އިން ލުއިތަކެއް ދިނުމުގެ ނަމުގައި ދިން ލުއިތަކަކީ ގައުމުގެ ހާލަތަށް ރިއާޔަތްކުރުމަކާއި ނުލައި، ދިން ލުއިތަކެއް،" ގަރާރުގައި ވެއެވެ.

ގަރާރުގައި ވަނީ އެކަމުގެ ސަބަބުން އަނެއްކާވެސް ގައުމުގެ އިގްތިސޯދު އަލުން އިއާދަ ކުރުމަށާއި ނެގެހެއްޓުމަށް ހުރި ދޮރުތައް ބަންދުވެގެން ގޮސްފައިވާ ކަމަށެވެ. އަދި އެޗްޕީއޭގެ އެ ފިޔަވަޅުތަކުގެ ސަބަބުން ދިވެހިންގެ ދަރަނިތައް ބޮޑުވެ، ދިރިއުޅުމުގެ އެންމެ އަސާސީ ހައްގުތަކުން މަހުރޫމް ވެފައިވާ ކަމަށެވެ.

"އެގޮތުން ދިވެހި ރައްޔިތުންނަށް މާސްކު ލިބޭނެ ފަސޭހަ އަދި ރައްކާތެރި ގޮތެއް ކަނޑަނާޅައި ޖުލައި 30 ވަނަ ދުވަހުން ފެށިގެން މާސްކު ނާޅައި މަގުމަތީގައި އުޅޭ ފަރާތްތައް 1000 ރުފިޔާއިން ޖޫރިމަނާކުރާ ގޮތަށް ނިންމާފައިވާ ނިންމެވުމާއި ބަލި ކޮންޓްރޯލް ކުރުމުގެ ނަމުގައި އޮގަސްޓް މަހުގެ ހަތަރު ވަނަ ދުވަހުން ފެށިގެން ރޭގަނޑު 10:00 އިން ފެށިގެން 5:00އާ ހަމައަށް ބޭރުގައި މީހުން އުޅުން މަނާކޮށްފައި އޮންނަ އޮތުމާއި އޮގަސްޓް 22 ވަނަ ދުވަހުން ފެށިގެން މާލެ، ހުޅުމާލެ، އަދި ވިލިމާލޭގައި އެއްގަމު އުޅަނދުތައް ދުއްވުން ރޭގަނޑު އަށެއްގެ ފަހުން މަނާކޮށް، ވެހިކަލް ދުއްވާ މީހުން ހުއްޓުވައި ޖޫރިމަނާކޮށް އަދި ކުށް ތަކުރާރު ވެއްޖެނަމަ ވެހިކަލް ޓޯކޮށް އަދި ވެހިކަލް ދޫކުރެވޭނީ ޖޫރިމަނާ ދެއްކުމުން ކަމަށް ކަނޑައަޅައި،" ގަރާރުގައިވެއެވެ.

މި ނިންމުންތަކަށް 14 ދުވަސް ފާއިތުވެގެން ދިޔައިރުވެސް، އެކަންތައް މުރާޖައާ ނުކުރާ ކަމަށާއި ކޮވިޑާއެކުގައި ނޯމަލައިސް ވެގެން ދިވެހިންގެ ދިރިއުޅުން ބައްޓަން ކުރުމަށް ހުރަސްއަޅާފައިވާ ކަމަށެވެ. އަދި ދުނިޔޭގެ އެހެން ގައުމުތަކުގައިވެސް އެ ގައުމެއްގެ ހާލަތަށް ރިއާޔަތްކޮށް ރައްޔިތުންނަށް ދިރިއުޅުވޭނެ ފަސޭހަ މެކޭނިޒަމްއެއް ގާއިމުކުރެވޭނެ ފަދަ ގޮތަކަށް ގަވާއިދުތައް ކަނޑައެޅުމުގެ އިހްތިޔާރު ވާލްޑް ހެލްތު އޮގަނައިޒޭޝަން އިން ދީފައިވީ ނަމަވެސް ކުދި އަދި މެދު އަދި ފުޅާ ދާއިރާއެއްގައި ކުރާ ވިޔަފާރިތައް މަޑުޖެހިފައިވާ ކަމަށާއި ދިވެހި އިގްތިސޯދު އަލުން އިއާދަނުކުރެވޭނެ ފައްތަރަކަށް ހިނގައިދާނެކަމުގެ ބިރުހީވެފައިވާ ކަމަށްވެސް ގަރާރުގައިވެއެވެ.

"ދިވެހި ރައްޔިތުންނަށް ހިތްހަމަޖެހޭ ފަސޭހަ ދިރިއުޅުމެއް އުޅުނަ ދިނުމަށް މިހާރު އެޗްޕީއޭ އިން ކަނޑައަޅާފައިވާ ގަވާއިދުތައް ތަންނުދޭތީ، ކޮވިޑާގުޅިގެން ތަންފީޒު ކުރަމުންދާ އެންމެހާ ގަވާއިދުތައް އުވާލައި، ދިވެހި ރައްޔިތުން މި ރޯގާއާއެކުގައި އުޅެވޭނެ ނޯމަލައިސްޑް ދިރިއުޅުމަކަށް އެކަށީގެންވާ ގަވާއިދުތަކެއް ވަގުތުން ވަގުތަށް ހެދުމަށް ދިވެހި ސަރުކާރަށް ގޮވާލަން،"" ޖާބިރު ހުށަހެޅުއްވި ގަރާރުގައި ވެއެވެ.