އެއް މަހުގެ ކުއްޖަކަށް ލ. ގަމުގައި ގާއިމުކޮށްފައިވާ ކޮވިޑް މެނޭޖްމަންޓް ފެސިލިޓީގެ އައިސީޔޫގައި ފަރުވާ ދޭން ފަށައިފި އެވެ.
މިކަން ލ. ގަމު ރީޖަނަލް ހޮސްޕިޓަލުގެ މެނޭޖަރު އަލީ ނަޝީދު ވަނީ "ވަން" އަށް ކަށަވަރު ކޮށްދެއްވައިފައެވެ.
ނަޝީދު ވިދާޅުވީ މި ކުޑަ ކުއްޖާއަކީ ދ. ކުޑަހުވަދޫ ހޯމް ކަރަންޓީނުގައި އޮތް ކުއްޖެއް ކަމަށާއި، އެ ކުއްޖާ ކޮވިޑަށް ޕޮޒިޓިވް ވެފައި ވަނީ ހޯމަ ދުވަހުކަމަށެވެ. އަދި އެ ކުއްޖާ އިތުރު ފަރުވާ ދިނުމަށް ގަމަށް ގެންގޮސްފައި ވަނީ މިއަދު ހެނދުނު 8:30 ހާއިރު ކަމަށާއި، މިހާރު އެ ކުއްޖާގެ ހާލަތު ސްޓޭބަލް ކަމަށް ނަޝީދު ވިދާޅުވިއެވެ.
އެ ތުއްތުކުއްޖާގެ އިތުރުން ގަމުގެ ކޮވިޑް ފެސިލިޓީގައި މިވަގުތު ހުރީ ކުއްޖާގެ މަންމަ ކަމަށް ނަޝީދު ވިދާޅުވިއެވެ. އަދި ކުއްޖާގެ މަންމަވެސް ކޮވިޑަށް ޕޮޒިޓިވް ކަމަށް ނަޝީދު ވިދާޅުވިއެވެ.
ނަމަވެސް މަންމަގެ ކިބައިން ބަލީގެ އެއްވެސް އަލާމާތެއް ނުފެންނަ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އެކުއްޖާގެ ހާލަތާ މެދު އިތުރަށް މައުލޫމާތު ދެއްވަމުން ނަޝީދު ވިދާޅުވީ ކޮވިޑަށް ޕޮޒިޓިވްވިކަން އެނގުނު ފަހުންވެސް އެކުއްޖާއަށް ފަރުވާ ދެމުން އައީ ގޭގައި ކަމަށެވެ. އަދި ގަމު ކޮވިޑް ފެސިލިޓީއަށް ކުއްޖާ ބަދަލު ކުރީ ބައެއް ފަހަރު ހޮޑުލާތީ، އިތުރަށް ހާލަތު ގޯސްވެދާނެތީ ކަމަށް ނަޝީދު ވިދާޅުވިއެވެ.
އެއްމަހުގެ ތުއްތު ކުއްޖާ އާއި އެކުއްޖާގެ މަންމަ (24 އަހަރު) ގެ އިތުރުން ތިން އަހަރުގެ ކުއްޖަކާއި 34 އަހަރުގެ ފިރިހެނަކުވެސް ކުޑަހުވަދޫއިން ކޮވިޑަށް ޕޮޒިޓިވްވެފައި ވެއެވެ. ހޯމް ކަރަންޓީނުގައި ހުރި މި ހަތަރު މީހުން ކޮވިޑަށް ޕޮޒިޓިވް ވުމާއި ގުޅިގެން މިދިޔަ އަންގާރަ ދުވަހު އެޗްޕީއޭއިން ވަނީ ކުޑަހުވަދޫ މޮނީޓަރިންގެ ހާލަތަށް ގެނެސްފައެވެ. އަދި ބުދަ ދުވަހު ކުޑަހުވަދޫގެ މޮނީޓަރިންގެ ހާލަތު އުވާލައި، އެރަށް އާންމު ހާލަތަށް ގެނެސްފައިވެއެވެ.
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު