ގާނޫނު އަސާސީން އުފެއްދި އެންމެ މުހިންމު އަދި ބާރުގަދަ މަގާމަކީ ޕްރޮސެކިއުޓާ ޖެނެރަލްގެ މަގާމު ކަމަށް އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތު ވިދާޅުވެއްޖެއެވެ.

އެކަމާ ގުޅޭގޮތުން އޭޖީ ރިފްއަތު ވާހަކަދައްކަވާފައިވަނީ ޕީޖީ އޮފީހުގެ 12 ވަނަ އަހަރީ ދުވަހާ ގުޅިގެން ޕީޖީ ހުސައިން ޝަމީމް ކުރެއްވި ޓުވީޓެއް ރީޓުވީޓުކުރައްވަމުންނެވެ.

ރިފްއަތު ވަނީ ހައްގުތަކާއި މިނިވަންކަން ހިމާޔަތްކުރުމުގެ ބޮޑު އަދި ބުރަ މަސްއޫލިއްޔަތު އަދާކުރުމަށް ޕީޖީ ޝަމީމާއި މުވައްޒަފުން ކުރައްވާ މަސައްކަތަށް ތައުރީފުކުރައްވައިފައެވެ.

"ނުހައްގު ދައުވާއާއި ބޭއިންސާފުން ރައްޔިތުން މިންޖުކުރަން ގާނޫނު އަސާސީ އުފެއްދި އެންމެ މުހިންމު/ބާރުގަދަ މަގާމަކީ ޕްރޮސެކިއުޓާ ޖެނެރަލް. ހައްގުތަކާއި މިނިވަންކަން ހިމާޔަތްކުރުމުގެ ބޮޑު/ބުރަ މަސްއުލިއްޔަތު އަދާކުރުމަށް ޕީޖީ ހުސައިން ޝަމީމް އަދި މުވައްޒަފުން ކުރައްވާ މަސައްކަތަށް ސާބަސް." ރިފްއަތު ކުރެއްވި ޓުވީޓުގައި ވިދާޅުވިއެވެ.

ޝަމީމް މިއަދު ކުރެއްވި ޓުވީޓުގައި ވިދާޅުވީ މަސައްކަތްކުރަނީ ޕީޖީ އޮފީހަކީ އަބަދުވެސް ހުރިހާ ހާލަތެއްގައި ވެސް ގާނޫނާ އެއްގޮތަށް އަމަލުކުރާ، އިތުބާރާއެކު ދުނިޔޭގެ ފެންވަރުގެ ހިދުމަތްދޭ ދުޅަހެޔޮ މުވައްޒަފުންތަކެއް މަސައްކަތްކުރާ މުއައްސަސާއެއްގެ ގޮތުގައި އެ މުއައްސަސާ ދެމެހެއްޓުމަށް ކަމަށެވެ.