ގަޟާ ގަދަރަށް އީމާންވާ މީހަކު ފިތުނައިގެ ސަބަބުން ގުޑުގުޑު އަޅައިގެންނެއް ނުދާނެ ކަމަށް ހުކުރު ހުތުބާގައި ބުނެފިއެވެ.

މިއަދުގެ ހުކުރު ހުތުބާގައި ބުނެފައިވަނީ މާތްﷲ އާއި އެކަލާނގެ ރަސޫލާ އަންގަވާފައިވާ ގޮތަށް އީމާންވެ، އަގީދާ ވަރުގަދަކޮށްފި މީހާގެ ހަށިގަނޑާއި ގުނަވަންތަކުން އެކަން ފާޅުވެގެންދާނެ ކަމަށެވެ.

"ގަޟާ ގަދަރަށް އީމާންވާ މީހަކު އޭނާގެ ހަޔާތް ހޭދަކުރަމުންދާނީ ހިތްހަމަޖެހުމާ އެކުގައެވެ. ފިތުނައިގެ ސަބަބުން އެފަދަ މީހަކު ގުޑުގުޑު އަޅައިގެން ނުދާނެއެވެ. ދަތި އުނދަގޫކަމެއް ދިމާވުމުން އެފަދަ މީހަކު ބަލިކަށިވެގެން ނުދާނެއެވެ. މިންވަރަށް އީމާންވުމުގެ ސަބަބުން އަޅާއަށް، ސުވަރުގެ ވަނުމަށް މަގުފަހިވެގެން ދާނެއެވެ..،" ހުތުބާގައި ބުނެފައިވެއެވެ.

ހުތުބާގައި ބުނެފައިވަނީ މާތްﷲ އީ ހުރިހާ ކަމެއް އައްސަވާ އަދި ބައްލަވާ ވޮޑިގެންވާ ކަލާނގެކަން އަބަދުމެ ހަނދާންކުރުމަކީ ނަފުސުތަކަށް ހިތްހަމަޖެހުން ލިބިގެންދާނެ ކަމެއް ކަމަށާއި ހުރިހާ ކަމެއް މެދުވެރިވެގެންދަނީ މާތް ﷲގެ އިލްމުފުޅާއި އެކަލާނގެ އިރާދަފުޅުންކަން އިއުތިގާދު ކުރާ ބަޔަކު ބިރުގަނެ، ހިތް ނުތަނަސްވެ މާޔޫސްވާކަށް ނުޖެހޭނެ ކަމަށެވެ. އަދި އީމާންކަން ހަރުދަނާވެ ތާޒާވުމަކީ ހިތުގެ ސާބިތުކަން ވަރުގަދަވެ، ހަޔާތަށް އާރޯކަން ލިބި، އަމާންކަމާއި އުފާވެރިކަން ވެރިވެގެންދާ ކެމެއް ކަމަށް ވެސް ހުތުބާގައި ބުނެފައިވެއެވެ.

"ދުނިޔޭގައި ހިނގާ ހުރިހާ ކަމެއް ހިނގަނީ މާތްﷲގެ ކުޅަދުންވަންތަކަމާއި އެކަލާނގެ އިރާދަފުޅުން ކަމަށް އަޅުގަނޑުމެން އީމާންވާ އިރު، އެކަލާނގެ ޝަރުއު ކުރައްވާފައިވާ ކަންތައްތަކަށް އަޅުގަނޑުމެން ކިޔަމަން ގަންނަން ޖެހޭނެއެވެ. މާތްﷲ އަޅުގަނޑުމެންނަށް އަމުރު ކުރައްވާފައިވާ ކަންތައްތައް ދޫކޮށްލައިގެން ނުވާނެއެވެ. ހެޔޮ ކަންތަކަށް ގޮވާލުމާއި ނުބައި ނޭދެވޭ ކަންތައް ހުއްޓުވުމަށް މަސައްކަތް ކުރަންވޭނެއެވެ. އިސްލާމީ ޝަރީއަތުގައިވާ ގޮތަށް ހަރާމް ކަންތައް ހަރާމްކަމުގައި ބަލައިގަންނަން ޖެހޭނެއެވެ. ހަލާލު ކަންތައް ހަލާލު ކަންތައް ކަމުގައި ބަލައިގަންނަން ޖެހޭނެއެވެ..،" ހުތުބާގައި ބުނެފައިވެއެވެ.

ހުތުބާގައި ބުނެފައިވަނީ މާތްﷲ މި ކައުނުގައި ލައްވާފައިވާ ހުރިހާ ކަމެއް ލައްވާފައިވަނީ އަޅުތަކުންގެ މަސްލަހަތަށްޓަކައި ކަމަށާއި އެކަލާނގެ ހައްދަވާފައިވާ ތަކެއްޗާއި އެތަކެއްޗަށް މިންވަރު ކުރައްވާފައިވާ ގޮތް ދެނެވޮޑިގެންވަނީ ހަމަ އެކަލާނގެ ކަމަށެވެ. އަދި އެކަލާނގެއީ ހުރިހާ އުނި ސިފަތަކަކުން ހުސްދުރުވެ ވޮޑިގެންވާ ރަސްކަލާނގެ ކަމަށް ވެސް ހުތުބާގައި ބުނެފައިވެއެވެ.