ކުޑަކުދިންނާއި އަންހެނުންނާ ދެކޮޅަށް ކުރާ ކުށްތައް ހުއްޓުވުމަށް "ޕްރޮޖެކްޓް ގާޑިއަން"ގެ ނަމުގައި މޯލްޑިވްސް ޕޮލިސް ސާވިސް އިން ކެމްޕެއިނެއް ލޯންޗުކޮށްފިއެވެ.

ފުލުހުން މި ކެމްޕެއިން ލޯންޗުކޮށްފައިވަނީ މިއަދުއެވެ. އެގޮތުން މި ކެމްޕެއިނަކީ ފަހަކަށް އައިސް ޖިންސީ ގޯނާ ކުރުމާއި، އެނޫންވެސް އަންހެނުންނާއި ކުޑަކުދީންގެ ކަރާމާތަށް އުނިކަން އަންނަ ފަދަ ކަންކަން އިތުރުވެފައިވާކަން ފާހަގަވެފައިވާ ކަމަށް ފުލުހުން ބުނެއެވެ. އަދި މިފަދަ ކަންކަމަކީ އެކަމާ ގުޅުވައިގެން މުޖުތަމައުގެ ކަންބޮޑުވުން މަތީ ދަރަޖައަކަށް އޮތް ކަމެއް ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ވަނީ ފުލުހުންގެ ސްޓްރެޓީޖިކް ޕްލޭން އެކުލަވައިލުމަށް ކުރެވުނު މަޝްވަރާތަކުގައި ބައިވެރިވި 1400 އަށްވުރެ ގިނަ މީހުން މިފަދަ މައްސަލަތަކަކީ އެކަންކަމަށް އިސްކަންދޭންޖެހޭ ކަންކަން ކަމުގައި ފާހަގަކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ. އަދި ޕްރޮޖެކްޓު ގާޑިއަންއަކީ ރައްޔިތުންގެ ހުރި މި ކަންބޮޑުވުންތަކަށް ހައްލު ހޯދައިދިނުމުގެ މަސައްކަތް ފެށުމުގެ ގޮތުން ފުލުހުން ލޯންޗު ކުރި ކެމްޕެއިނެއް ކަމަށް ފުލުހުން މައުލޫމާތުދެއެވެ.

https://www.youtube.com/watch?v=ogxdMKo7AYk

ޕްރޮޖެކްޓު ގާޑިއަން ކެމްޕެއިނަކީ ފުލުހުންގެ ސްޓްރެޓީޖިކް ޕްލޭނާއި ސަރުކާރުގެ ސްޓްރެޓިޖިކް އެކްޝަން ޕްލޭނާއި އެއްގޮތުގެ މަތިން ކުޑަކުދިންނާއި، އަންހެނުންނާއި، އާއިލާތަކާ ގުޅޭގޮތުން ހިންގުމަށް ހަމަޖައްސާފައިވާ ޕްރޮގްރާމްތަކާއި ހަރަކާތްތަކުގެ މައްޗަށް އެކުލެވޭ ކެމްޕެއިނެއް ކަމަށް ފުލުހުން މައުލޫމަތުދެއެވެ.

އެގޮތުން މި ކެމްޕެއިނުގައި އިސްކަން ދޭނީ ކުޑަކުދިންނާއި އަންހެނުންނާ ދެކޮޅަށް ކުރާ ކުށުގެ އަމަލުތައް ހުއްޓުވުމަށް ކަމަށް ފުލުހުން މައުލޫމާތުދެއެވެ. އަދި މިފަދަ ކުށްތަކާ ގުޅޭ ހާއްސަ ރިސާޗް ސެލްއެއް ގާއިމުކޮށް، އެފަދަ ކުށްތަކާ ބެހޭ ދިރާސާތައް ކުރުމާއި، މުޖުތަމައުއަށް ބޭނުންވާ އެކި ބާވަތްތަކުގެ ހޭލުންތެރިކަމުގެ ޕްރޮގްރާމުތައް ކުރިއަށްގެންދާނެ ކަމަށް ފުލުހުން މައުލޫމާތުދެއެވެ. އަދި ކުށްކުރާ ސަބަބުތަކާއި، ކުށް ކުރުމަށް ފުރުސަތު ލިބޭ ސަބަބުތައް ދެނެގަނެ އަޅަންޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅާނެ ކަމަށް ފުލުހުން މައުލޫމާތުދެއެވެ.

މީގެ އިތުރުން މަސްތުވާތަކެއްޗާއި، އޭގެ ވަށައިގެން ހިނގާ ކުށްތަކުގެ އިތުރުން ހަރުކަށި ފިކުރުގެ ތެރެއިން ކުޑަކުދިންނާއި އާއިލާތަކުގެ ހައްގުތައް ގެއްލޭ ގޮތަށް ކުރާ މަސައްކަތް ހުއްޓުވުމުގެ އިތުރުން އެފަދަ ފިކުރުތަކަށް ހުށަހެޅުން ހުއްޓުވުމުގެ މަސައްކަތްތައް މި ކެމްޕެއިންގެ ދަށުން އިތުރަށް ފުޅާކުރާނެ ކަމަށް ފުލުހުން މައުލޫމާތުދެއެވެ. އަދި އޮންލައިން ޕްލެޓްފޯމުތަކުގައި ކުޑަކުދިން އެކްސްޕްލޮއިޓް ކުރުން ހުއްޓުވުމަށް މަސައްކަތް ކުރުމުގެ އިތުރަށް ޗައިލްޑް ސޭފް ފަތުރުވެރިކަމަށް ހާއްސަ ތަމްރީނުތައް ހިންގާނެ ކަމަށް ފުލުހުން މައުލޫމާތުދެއެވެ.

ފުލުހުން ވަނީ މި ކެމްޕެއިނުގެ ދަށުން މިހާރަށްވުރެ މިފަދަ މައްސަލަތަކުގެ ތަހުގީގުތަކުގެ ފެންވަރު ރަނގަޅު ކުރުމަށް ހާއްސަ އިސްކަމެއް ދޭނެ ކަމަށެވެ. އެގޮތުން މިފަދަ މައްސަލަތަކުގެ އެކި މަރުހަލާތަކުގެ އިސް ސަފުގައި މަސައްކަތް ކުރާ ފުލުހުން، ތަހުގީގު ކުރާ ފަރާތްތައް، ސުޕަވައިޒަރީ އަދި މެނޭޖްމަންޓްގެ ރޯލުތަކުގެ އިތުރުން ސިޔާސަތުތައް ކަނޑައަޅާ މީހުންނަށް ބޭނުންވާ ތަމްރީނު ލިއްބައިދިނުމަށް ބޭނުންވާ ވަސީލަތްތައް މި ކެމްޕެއިނުގެ ދަށުން ހަމަކޮށްދޭނެ ކަމަށް ފުލުހުން ބުނެއެވެ.