ކޮމިއުނިޓީ ބްރޯޑްކާސްޓިން ހިދުމަތަކީ ރާއްޖޭގައި ދެމެހެއްޓެނިވި ގޮތެއްގައި ދެވިދާނެ ހިދުމަތެއްތޯ ބެލުމަށްޓަކައި މޯލްޑިވސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އިން ހިންގާ ޕައިލެޓް ޕްރޮޖެކްޓުގެ ދަށުން އެކަމުގެ ހުއްދަ ފުރަތަމަ ފަހަރަށް ދޫކޮށްފި އެވެ.

ޕައިލެޓް ޕްރޮޖެކްޓުގައި ބައިވެރިވުމަށް މިދިޔަ ޖޫން މަހު ހުޅުވާލި ފުރުސަތުގައި ބައިވެރިވި ފަރާތްތަކުގެ ތެރެއިން އެ ހުއްދަ ދޫކޮށްފައިވަނީ ރ. ދުވާފަރު ޕްރައިމަރީ ސްކޫލަށެވެ. އެ ސްކޫލުން ކޮމިއުނިޓީ ބްރޯޑްކާސްޓިން ޗެނަލް ހިންގާނީ "ދުވާފަރު ޕްރައިމަރީ ސްކޫލް ޗެނަލް"ގެ ނަމުގަ އެވެ. އެ ހުއްދައިގެ ދަށުން ހިދުމަތް ދޭނީ ރ. ދުވާފަރު ސަރަހައްދަށެވެ.

އެ މަޝްރޫއު އިފްތިތާހުކުރުމުގެ ގޮތުންނާއި ދުވާފަރު ޕްރައިމަރީ ސްކޫލަށް އެ ހުއްދަ ލިބުމާއި ގުޅިގެން އެކަމަށް މަރުހަބާ ކިޔުމުގެ ގޮތުން އެ ސްކޫލާއެކު މިއަދު ކޮމިޝަނުން ބޭއްވި ޒޫމް މީޓިންއެއްގައި ވާހަކަ ދައްކަވަމުން ކޮމިޝަންގެ ރައީސް މަރިޔަމް ވަހީދާ ވިދާޅުވީ، ރާއްޖެ ފަދަ ކުޑަ ޖަޒީރާ ގައުމަކަށް މިއީ ވަރަށް ފައިދާ ހުރި މުހިންމު ހިދުމަތެއް ކަމަށެވެ. އަދި މި ހިދުމަތް ދޭ ފަރާތްތަކަށް ކޮމިޝަނުން ފަންނީ އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް ވެސް ވިދާޅުވި އެވެ.

ބައްދަލުވުމުގައި ކޮމިޝަންގެ ނައިބު ރައީސް އަހުމަދު ގައިސް ވިދާޅުވީ، މި ހިދުމަތަކީ ރާއްޖެއަށް ވަރަށް ބޭނުންތެރި ހިދުމަތެއް ކަމަށާއި ކުރިއަށް އޮތްތަނުގައި އެހެން ދާއިރާތަކުން ވެސް އެ ހިދުމަތް ދިނުމަށް ފުރުސަތު ހުޅުވާލެވޭނެ ކަމަށެވެ.

ދުވާފަރު ޕްރައިމަރީ ސްކޫލުގެ ޕްރިންސިޕަލް އަހުމަދު ޝުކުރީ ވިދާޅުވީ، އެ ހިދުމަތަކީ ރާއްޖެއަށް ވަރަށް މުހިންމު ހިދުމަތެއް ކަމަށާއި ހާއްސަކޮށް މިފަދަ ދަނޑިވަޅެއްގައި ދަރިވަރުންނަށް އެންމެ އެދެވިގެންވާ ގޮތުގައި ތައުލީމު ފޯރުކޮށްދިނުމަށް ހުޅުވިގެންދިޔަ ބޭނުންތެރި ހިދުމަތެއް ކަމަށެވެ. އެހެންކަމުން އެފަދަ ހިދުމަތެއް ދިނުމަށް ފުރުސަތު ހުޅުވާލުމުން ސްކޫލާއި ބެލެނިވެރިންގެ ނަމުގައި އޭނާ ވަނީ ބްރޯޑްކޮމް އަށް ޝުކުރު އަދާކުރައްވައިފަ އެވެ.

ބްރޯޑްކޮމުން ބުނީ، މި އަޖުމަ ބެލުމުގެ މަޝްރޫއަކީ ކޮމިއުނިޓީ ބްރޯޑްކާސްޓްކުރުމުގެ ހިދުމަތް ރާއްޖޭގައި ދިނުމުގެ ލައިސަންސް ދޫކުރުމުގެ ކުރިން، އެ ހިދުމަތަށް ރައްޔިތުން އަހުލުވެރިކުރުވުމާއި ރާއްޖޭގެ މާހައުލުގައި ހިދުމަތްދިނުމުގައި ހިދުމަތް ދޭ ފަރާތްތަކުން ގެންގުޅެން ޖެހޭ މިންގަނޑުތަކާއި ހަމަތައް ކަނޑައެޅުމާއި ހިދުމަތަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރު ބެލުމަށްޓަކައި ހިންގޭ މަޝްރުއެއް ކަމަށެވެ.

އެ މަޝްރޫއުގައި ބައިވެރިވާ ފަރާތްތަކުން އަމަލުކުރަން ޖެހޭ އުސޫލު ކޮމިޝަނުން އެކުލަވާލައި އާންމުކޮށްފައިވާއިރު އެ އުސޫލުގައި ބުނެފައިވާ ގޮތުން ކޮމިއުނިޓީ ބްރޯޑްކާސްޓިންގެ ވަގުތީ ހިދުމަތް ދިނުމަށް ހުޅުވާލެވޭ ދާއިރާއަކީ ތައުލީމީ ދާއިރާއެވެ. އެ ހުއްދަ ދޫކުރާނީ ހަ މަސް ދުވަހުގެ މުއްދަތަށެވެ.