ކޮވިޑް-19އާ ގުޅިގެން ރާއްޖެ އަށް ބޭނުންވާ ވެންޓިލޭޓަރުތައް ގަތުމަށް ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންއާ ހަވާލުކުރި 75 ވެންޓިލޭޓަރުގެ ތެރެއިން 10 ވެންޓިލޭޓަރު ރާއްޖެ ގެނެސްފި އެވެ.

ހެލްތު މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓަ ޖެނެރަލް ތަސްލީމާ އުސްމާން "ވަން" އަށް ވިދާޅުވީ، ޕޯޓަބަލް 10 ވެންޓިލޭޓަރު ރާއްޖެ އައިސްފައިވާ ކަމަށާއި އަދި ކްލިއާ ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ރާއްޖެއަށް 75 ވެންޓިލޭޓަރު ގެންނަން ދުބާއީ ކުންފުންޏާ ހަވާލު ކުރީ 34 މިލިއަން ރުފިޔާ އަށެވެ.އެ އަގުގެ 90 ޕަސެންޓަށްވާ 30.9 މިލިއަން ރުފިޔާ ސަރުކާރުން ވަނީ ދައްކައިފަ އެވެ.

އެކުންފުންޏާއެކު ސޮއިކުރި އެއްބަސްވުމުގެ ދަށުން މިހާތަނަށް ފޯރުކޮށްދީފައިވަނީ 10 ވެންޓިލޭޓަރެވެ. ނަމަވެސް އެތަކެތީގައި ހުންނަން ޖެހޭނެ ކަމަށް އެއްބަސްވި ފީޗާސްތައް ނެތުމުން އެތަކެތި ހެލްތު މިނިސްޓްރީން ބަލައިގެންފައެއް ނުވެ އެވެ. އެހެންކަމުން މިއަދު ފޮނުވި 10 ވެންޓިލޭޓަރާއެކު އެއްބަސްވުމުގެ ދަށުން ދުބާއީ ކުންފުނިން 65 ވެންޓިލޭޓަރު އަދި ރާއްޖެއަށް ފޮނުވަން ޖެހޭނެ އެވެ.

ތަސްލީމާ ވިދާޅުވީ، ދުބާއީ ކުންފުނިން މިފަހަރު ފޮނުވި 10 ވެންޓިލޭޓަރު ހެލްތު މިނިސްޓްރީއަށް ލިބުމުން އެދުނު ސްޕެސިފިކޭޝަނަށް ފެތޭތޯ ބަލާނެ ކަމަށެވެ. އަދި އިތުރު ވެންޓިލޭޓަރުތައް ލިބޭނެ ދުވަހެއް އަދި ބުނަން ނޭނގޭ ކަމަށް ވިދާޅުވި އެވެ.

ވެންޓިލޭޓަރު ހޯދުމުގައި ގޯސްތަކެއް ހިނގާފައިވާ ކަމަށް ހެލްތު މިނިސްޓްރީން ކޮވިޑާ ގުޅިގެން ކުރި ހަރަދުތަކުގެ ކޮމްޕްލަޔަންސް އޮޑިޓު ރިޕޯޓުގައި ތުހުމަތު ކުރުމުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި ފުލުހުން ގުޅިގެން އަންނަނީ ތަހުގީގެއް ހިންގަމުންނެވެ.

އެ ތަހުގީގު ނިމެންދެން ހެލްތު މިނިސްޓަރު އަބުދުﷲ އަމީން މިއަދު ވަނީ އަމިއްލަފުޅަށް ހެލްތު މިނިސްޓްރީގެ މަސައްކަތްތަކުން އެކަހެރިވެވަޑައިގަންނަވައިފަ އެވެ. އަދި ހެލްތު މިނިސްޓްރީގެ ބިޑް ކޮމެޓީ އާއި ފައިނޭންޝަލް އެގްޒެކެޓިވް އަދި ވެންޓިލޭޓަރުތައް ގެނައުމާ ގުޅޭ އެއްބަސްވުންތަކުގައި ސޮއިކުރެއްވި ވެރިން ވަނީ ސަސްޕެންޑުކޮށްފަ އެވެ.

ވެންޓިލޭޓަރުތަކުގެ މައްސަލަ ބަލަމުން އަންނަ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ހާޒިރުވެ ވާހަކަދައްކަވަމުން މިނިސްޓަރު އަމީން ވިދާޅުވީ، ދުބާއީ ކުންފުންޏާ ހަވާލުކުރި ވެންޓިލޭޓަރުތައް ގެނައުން ލަސްވެފައިވާ ކަމަށް ގަބޫލު ކުރައްވާ ކަމަށާއި ނަމަވެސް އެ ވެންޓިލޭޓަރުތަަކަކީ ނުލިބޭނެ ތަކެތި ކަމަށް ގަބޫލު ނުރައްވާ ކަމަށެވެ.

އެ މައްސަލައާ ގުޅިގެން މާލިއްޔަތު ކޮމިޓީގައި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވެސް ވިދާޅުވީ، ދުބާއީ ކުންފުންޏާއެކު ވެފައިވާ އެއްބަސްވުމަކީ މިހާރު ވެސް ހިނގަމުންދާ ކޮންޓުރެކްޓެއް ކަމަށް ގަބޫލުކުރައްވާ ކަމަށާއި އެތަކެތި ހޯދުމަށް ހެލްތު މިނިސްޓްރީން ވެސް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. ނަމަވެސް އެތަކެތި ނުލިބިއްޖެނަމަ އަނބުރާ ފައިސާ ހޯދުމުގެ މަސައްކަތް ކުރާނެ ކަމަށް ވިދާޅުވި އެވެ.