ކޮވިޑް ތެރޭގައި ރާއްޖެއަށް ބޭނުންވާ ވެންޓިލޭޓަރު ގަންނަން ހަވާލުކުރި ދުބާއީގެ އެގްޒެކިއުޓާސް ކުންފުނިން ފައިސާ ނެގުމަށްފަހު ވެންޓިލޭޓަރުތައް ރާއްޖެއަށް ފޯރުކޮށްދީފައި ނުވާ މައްސަލައިގައި ދިވެހި ސަރުކާރަށް 37 މިލިއަން ރުފިޔާ ދައްކަން ދުބާއީގެ ކޯޓަކުން ހުކުމްކޮށްފިއެވެ.
އޭޖީ އޮފީހުގެ އޮފިޝަލަކު މިއަދު "ވަން"އަށް ވިދާޅުވީ އެ ހުކުމްކޮށްފައިވަނީ އިއްޔެ ކަމަށާއި ހަތް ދުވަހުގެ ތެރޭގައި އެ ފައިސާ ދައްކަންޖެހޭ ކަމަށެވެ. އަދި އެ ފައިސާ ނުދައްކައިފިނަމަ އެގްޒެކިއުޓާސް ކުންފުންޏާއި އެ ކުންފުނީގެ ހިއްސާދާރުންގެ މައްޗަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށެވެ.
އެގްޒެކިއުޓާސް ކުންފުނިން ވެންޓިލޭޓަރުތައް ރާއްޖެއަށް ފޯރުކޮށްދީފައި ނުވާތީ 2.2 މިލިއަން ޑޮލަރު (34.6 މިލިއަން ރުފިޔާ) އަށްވުރެ ބޮޑު އަދަދެއް ދިވެހި ސަރުކާރަށް ދެއްކުމަށް އެ ކުންފުނީގެ މައްޗަށް އާބިޓްރޭޝަނުން އަންގައި މައްސަލަ ވަނީ ކުރިން ނިންމައިފައެވެ. ނަމަވެސް އެ ފައިސާ އެ ކުންފުނިން ދައްކާފައިނުވާތީ ދިވެހި ސަރުކާރުން ވަނީ އެ މައްސަލަ ދުބާއީ ކޯޓަށް ހުށަހަޅައިފައެވެ.
ރާއްޖެއަށް ބޭނުންވާ 75 ވެންޓިލޭޓަރު ގެންނަން ދުބާއީގެ އެގްޒެކިއުޓާސް ކުންފުންޏާ ހަވާލުކޮށް، އެއްބަސްވުމުގައި ސޮއިކުރީ 2 އޭޕްރިލް 2020 ގައެވެ. އެ އެއްބަސްވުމާ އެ ކުންފުނިން ހިލާފުވެފައިވާތީ އެ މައްސަލަ އިންޓަނޭޝަނަލް އާބިޓްރޭޝަން ސެންޓަރަށް ހުށަހެޅީ 19 ފެބްރުއަރީ 2023 ގައެވެ.
އެ މައްސަލައިގައި ދިވެހި ދައުލަތުން އެދުނީ އެގްޒެކިއުޓާސް އިން ފޯރުކޮށް ނުދޭ ވެންޓިލޭޓަރުތަކުގެ އަގަށްވާ ފައިސާ އާއި ވެންޓިލޭޓަރުތައް ގެނެސްދީފައިނުވާތީ ދިވެހި ސަރުކާރަށް ލިބުނު ގެއްލުމުގެ ބަދަލަށްވާ ޖުމުލަ 32.5 މިލިއަން ރުފިޔާ (2.1 މިލިއަން އެމެރިކާ ޑޮލަރު) ހޯދުމަށެވެ. އޭގެ އިތުރުން އިންޓްރެސްޓާއި އާބިޓްރޭޝަންގެ ހަރަދުތައް ހޯދުމަށްވެސް އެދުނެވެ.
އެ މައްސަލައާ ގުޅޭގޮތުން އެޓާނީ ޖެނެރަލްގެ އޮފީހުން މީގެ ކުރިން ބުނެފައިވަނީ، އެ ހުކުމުގައި އެގްޒެކިއުޓާސްގެ ފަރާތުން ފޯރުކޮށްދީފައިނުވާ ވެންޓިލޭޓަރުތަކުގެ އަގަށްވާ 1.9 މިލިއަން އެމެރިކާ ޑޮލަރާއި 2 މެއި 2021 އިން ފެށިގެން އެ ފައިސާ ދެއްކުމާ ހަމައަށް އިންޓަރެސްޓްގެ ގޮތުގައި ކޮންމެ އަހަރަކު ދެ ޕަސެންޓް ދިވެހި ސަރުކާރަށް ދައްކަންޖެހޭ ކަމަށް ކަނޑައަޅާފައިވާ ކަމަށެވެ.
އޭގެ އިތުރުން ގެއްލުމުގެ ބަދަލުގެ ގޮތުގައި 223،750 އެމެރިކާ ޑޮލަރާއި އެ ފައިސާ ދިވެހި ސަރުކާރަށް ދެއްކުމާ ހަމައަށް ހޭދަވާ ކޮންމެ އަހަރަކަށް އިންޓަރެސްޓްގެ ގޮތުގައި ދެ ޕަސެންޓް ދެއްކުމަށްވެސް ހުކުމްގައި ކަނޑައަޅާފައިވާ ކަމަށް ބުންޏެވެ.
އޭޖީ އޮފީހުން ބުނެފައިވަނީ، އެ މައްސަލަ އާބިޓްރޭޝަންގައި ކުރިއަށްދިޔަ އިރު، އެގްޒިކިއުޓާސްގެ ފަރާތުން އެ މައްސަލައިގެ އެއްވެސް އަޑުއެހުމަކަށް ހާޒިރުވެފައި ނުވާ ކަމަށެވެ. އަދި އެ މައްސަލައިގެ އާބިޓްރޭޝަންގެ ހަރަދުގެ ގޮތުގައި އެ ކުންފުނިން ދައްކަންޖެހޭ ފައިސާވެސް ދައްކާފައިނުވާތީ، އެ ހުރިހާ ފައިސާއެއްވެސް ދެއްކީ ދިވެހި ސަރުކާރުން ކަމަށް ބުންޏެވެ.
އެހެންވެ އާބިޓްރޭޝަންގެ ހަރަދުގެ ގޮތުގައި ދައްކަން ޖެހުނު 132،865.56 ޑޮލަރު ހޯދުމަށް ސަރުކާރުން އެދުމުން، އެ ފައިސާ އާއި އެ ފައިސާ ދެއްކުމާ ހަމައަށް އަހަރަކު ދެ ޕަސެންޓުގެ ރޭޓުން އިންޓަރެސްޓްގެ ފައިސާ ދިވެހި ސަރުކާރަށް ދެއްކުމަށް އެގްޒިކިއުޓާސްގެ މައްޗަށް ވަނީ ހުކުމްކޮށްފައެވެ.
އޭޖީ އޮފީހުން ބުނެފައިވަނީ، އެ ހުކުމަކީ ގާނޫނީ ގޮތުން ތަންފީޒުކުރަންޖެހޭނެ ހުކުމަކަށްވާތީ، އެ ހުކުމުގައި ކަނޑައަޅާފައިވާ ފައިސާ ހޯދުމުގެ މަސައްކަތް ދިވެހި ސަރުކާރުން ކުރިއަށް ގެންދާނެ ކަމަށެވެ.
އާއިޝަތު މާހާ
ބޭރު ކުޅިވަރު
ބެލްޖިއަމް
ވިޔަފާރި
ބޭރު ކުޅިވަރު