ކޮވިޑް ތެރޭގައި ރާއްޖެއަށް ބޭނުންވާ ވެންޓިލޭޓަރު ގަންނަން ހަވާލުކުރި ދުބާއީގެ އެގްޒެކިއުޓާސް ކުންފުނިން ފައިސާ ނެގުމަށްފަހު ވެންޓިލޭޓަރުތައް ރާއްޖެއަށް ފޯރުކޮށްދީފައި ނުވާ މައްސަލަ، ޖިނާއީ މައްސަލައެއްގެ ގޮތުގައި ތަހުގީގުކޮށްދިނުމަށް އެދި ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)ގެ ފުލުހުންނަށް ހުށަހެޅުމަށް ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ)އަށް އެންގުމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ފާސްކޮށްފިއެވެ.
މިއަދު ބޭއްވި މާލިއްޔަތު ކޮމިޓީ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މަޖިލީހުގެ ނައިބު ރައީސް، ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް ވަނީ އެ މައްސަލައިގައި އެޓާނީ ޖެނެރަލް (އޭޖީ) އޮފީހުން ފޮނުވި ސިޓީއެއްގެ ބައެއް ވިދާޅުވެދެއްވައިފައެވެ. ނަމަވެސް ވަކި ހިސާބަކުން މައިކު ވަނީ ކަނޑައިލައްވައިފައެވެ.
ނާޒިމް ވިދާޅުވީ އެ މައްސަލަ އާބިޓްރޭޝަނަށް ހުށަހެޅުމުން، އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންގެ ފަރާތުން 1.88 މިލިއަން ރުފިޔާ ދައްކަން އާބިޓްރޭޝަނުން ހުކުމްކޮށްފައިވާ ކަމަށް އޭޖީގެ ސިޓީގައި ފާހަގަކުރައްވާފައިވާ ކަމަށެވެ.
އެއަށްފަހު ނާޒިމް ހުށަހެޅުއްވީ އެ މައްސަލަ މިހާތަނަށް ވެސް ކޮޅެއްގައި ޖެހިފައިނުވާތީ، ޔޫއޭއީގެ ފުލުހުންނަށް ހުށަހަޅައިގެން މައްސަލަ ބެލުމަށް ޕީޖީއަށް އެންގުމަށެވެ.
ނާޒިމްގެ އެ ހުށަހެޅުއްވުމަށް ތާއީދުކުރައްވަމުން ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހުމަދު ޝަމްހީދު ވިދާޅުވީ އެ ކުންފުންޏާ ދެކޮޅަށް ދުބާއީ ނުވަތަ ޔޫއޭއީގައި ކުރެވޭނީ ކޮން ކަމެއްތޯ ބަލަން ޖެހޭ ކަމަށާއި މީގެ ކުރިން ވެސް ޔޫއޭއީގެ ފުލުހަށް އެފަދަ މައްސަލައެއް ހުށަހެޅުމުން ވަގުތުން އެ މައްސަލަ ބަލައި ފައިސާ ދިނުމަށް މަޖުބޫރުކުރާފައިވާ ކަމަށެވެ.
"އެހެންވީމާ ދިވެހި ސަރުކާރުން ކީއްވެހޭ މި މައްސަލަ ދުބާއީގެ ފުލުހުންނަށް ނޫނީ ޔޫއޭއީގެ ފުލުހުންނަށް ހުށަނާޅަނީ. މިގޮތަށް އަޅުގަނޑުމެންނަށް މަކަރެއް ހަދާފައި، އެތަނުގެ ރަށްވެއްސެއް ނުވަތަ އެތަނުގެ ކުންފުންޏެއް ހަދާފައި އޮތީމަ އެގޮތަށް ހުށަހެޅީމާ އަޅުގަނޑަށް ހީވޭ މީގައި ނަތީޖާ ނުކުތުން މާބޮޑަށް ފުރުސަތު އޮތް ކަމަށް، މަޖިލިސް ނައިބު ރައީސް ވިދާޅުވިގޮތަށް،" އޭނާ ވިދާޅުވިއެވެ .
ބައްދަލުވުމުގައި ވާހަކަދައްކަވަމުން ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު އަޒާން ވިދާޅުވީ މައްސަލަ ހުށަހަޅައިގެން ފައިސާ ހޯދޭނީ ސައްހަ ވިޔަފާރިކުރާ ކުންފުނިތަކުން ކުރާ ވިޔަފާރިތަކަށް ކަމަށާއި އެގްޒެކިއުޓާސް ކުންފުންޏަކީ މީގެ ކުރިން ވެސް ހާމަވެފައި ހުރި މައުލޫމާތަށް ބަލާ އިރު، ޕޭޕަރު ކުންފުންޏެއް ކަމަށެވެ. އަދި އެއީ ހަގީގަތުގައި ވިޔަފާރިކުރާ ކުންފުންޏެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.
"އަޅުގަނޑު ހަނދާންވާ ގޮތުން އެއީ ބަހުރެއިން މީހެއް ކަންނޭނގެ މީގެ ފަހަތުގައި މި ހުންނަނީ. އޭނާއަކީ ޔޫއޭއީ ރައްޔިތެއް ވެސް ނޫން. މި ފައިސާ ލިބިގެން މިހާރު އޭނާ އެ ގައުމުގައި އުޅޭ ކަމެއް ވެސް ނޭނގޭ. އެހެންވީމާ އަޅުގަނޑަށް މީގައި އެނގިހުރި މައުލޫމާތަށް ބަލާ އިރު، މީނާ މި ފައިސާ ނަގައިގެން ޔޫއޭއީ ދޫކޮށް ގޮސްފި. އޭރު އަޅުގަނޑުމެން ބެލިބެލުމުން މި ކުންފުނި ރަޖިސްޓާ ކޮށްފައި ވެސް މި އިންނަނީ ޕީއޯ ބޮކްސްއަކަށް، ޕިޒިކަލް އޮފީހެއް ވެސް މި މީހުންގެ ނެތް އޭރު ބެލިބެލުމުން،" އޭނާ ވިދާޅުވިއެވެ.
އަޒާން އިތުރަށް ވިދާޅުވީ އެހެންވުމުން ޔޫއޭއީގައި ވަކީލަކު މެދުވެރިކޮށްގެން އެ ފައިސާ ހޯދަން އުޅުނަސް ހޯދޭނެކަމުގެ އެއްވެސް އުންމީދެއް ނެތް ކަމަށާއި ދެން އެ ފައިސާ ހޯދަންވީ އެކަމުގައި އިހުމާލުވި ފަރާތްތަކުގެ އަތުން ކަމަށެވެ.
ނާޒިމް ހުށަހެޅުއްވި ގޮތަށް، ޖިނާއީ މައްސަލައެއްގެ ގޮތުގައި އެ މައްސަލަ ތަހުގީގުކޮށްދިނުމަށް އެދި ޔޫއޭއީގެ ފުލުހުންނަށް ހުށަހެޅުމަށް ޕީޖީއަށް އެންގުމަށް، މިއަދުގެ ބައްދަލުވުމުގައި ބައިވެރިވި މެންބަރުންގެ އަގުލަބިއްޔަތުން ވަނީ ފާސްކޮށްފައެވެ.
ޚަބަރު
ޚަބަރު