ކޮވިޑް ތެރޭގައި ރާއްޖެއަށް ބޭނުންވާ ވެންޓިލޭޓަރު ގަންނަން ހަވާލުކުރި ދުބާއީގެ އެގްޒެކިއުޓާސް ކުންފުނީގެ ވެރިޔާ ހޯދަން އިންޓަޕޯލް ރެޑް ނޯޓިސް ނެރުމަށް ފުލުހުންގެ ކިބައިން އެދިއްޖެއެވެ.

ވެންޓިލޭޓަރުތަކުގެ މައްސަލަ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ބަލަމުންދާ އިރު، އެ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި، މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް ވިދާޅުވީ އެ ކުންފުނި ގޮވައިގެން އާބިޓްރޭޝަނަށް ދިޔަ ނަމަވެސް، އެ ފައިސާ ހޯދޭނެ ގޮތެއް ވެސް ނުވި ކަމަށާއި، ކުންފުނީގެ ވެރިމީހާ ވެސް އައިޑެންޓިފައިނުވި ކަމަށެވެ.

"ހަމަގައިމުވެސް ޖިނާއީ މައްސަލައެއްގެ ގޮތުގައި ނެރެފައި އޭގެ އޯނަރު ހޯދާފައި ރެޑް ނޯޓިސް ނެރޭ ހިސާބުން އަޅުގަނޑުމެންނަށް އޭނާ އަތުވާނެ،" ނާޒިމް ވިދާޅުވިއެވެ.

ނާޒިމް ވިދާޅުވީ އޭނާ ހޯދިއްޖެ ނަމަ، އެ ފައިސާއިން ކުރި ކަންކަން އޮޅުންފިލައި، ރިޝްވަތުގެ ގޮތުގައި އިތުރު ބަޔަކަށް ފައިސާ ދިންކަން ނުވަތަ ނޫންކަން ސާފުވާނެ ކަމަށެވެ.

އެކަމާ ގުޅިގެން ފުލުހުން ބުނީ ދުބާއީ ކުންފުނީގެ ވެރިޔާ ހޯދުމަށް އިންޓަޕޯލް ރެޑް ނޯޓިސް ނެރުމާ ގުޅޭގޮތުން ޕީޖީ އާއެކު މަޝްވަރާކުރަމުންދާ ކަމަށެވެ.

ވެންޓިލޭޓަރުތައް ނުލިބުނު މައްސަލައިގައި ދިވެހި ސަރުކާރަށް ދުބާއީ ކުންފުނިން ދައްކަންޖެހޭ 32 މިލިއަން ރުފިޔާ ދައްކާފައި ނުވާތީ އެ ކުންފުންޏާ ދެކޮޅަށް ޖިނާއީ ތަހުގީގެއް ކޮށްދިނުމަށް މާލިއްޔަތު ކޮމިޓީން މިދިޔަ މާޗް މަހު ވަނީ ފުލުހުންނަށް ވެސް ހުށަހަޅައިފައެވެ.