ރިޕޯޓް

އާ އިސްލާހު: ޕީޖީ މަގާމުން ވަކިވިޔަސް މަސްލަހަތު ފުށުއަަރާ އެއްވެސް ކަމެއް އަހަރެއް ވަންދެން ނުކުރެވޭނެ

އިބްރާހިމް ޒަކީ

ޕްރޮސިކިއުޓާޖެނެރަލްގެ ގާނޫނަށް މިދިޔަ ހޯމަ ދުވަހު ރައްޔިތުންގެ މަޖިލީހުން ވަނީ އިސްލާހުތަކެއް ގެނެސް އެކަމާބެހޭ ބިލް ފާސް ކޮށްފައެވެ.

ގާނޫނުގައި މިހާރު ހިމެނޭ ބައެއް ކަންތައްތަކަށް އެ އިސްލާހުތަކުން ބޮޑެތި ބަދަލުތަކެއް ވަނީ އައިސްފައެވެ.

މަޖިލީހުން ގެނައި އިސްލާހުން ފާހަގަވާ ކަންތައްތަކަށް ބަލައިލާއިރު އެންމެ ބޮޑަށް ފާހަގަވާ އެއް މާއްދާއަކީ ޕްރޮސިކިއުޓާ ޖެނެރަލް، ވަޒީފާ އަދާ ނުކުރުމާއި މަސްލަހަތު ފުށުއަރާ ވިޔަފާރި ނުކުރުމަށް ކަނޑައަޅާފައިވާ މާއްދާއެވެ.

އެ މާއްދާގެ (ހ) ގައި ބުނެފައިވަނީ އާމްދަނީއެއް ލިބޭ އިތުރު ވަޒީފާއެއް ޕީިޖީ އާދާކޮށް ނުވަތަ މަގާމެއް ފުރައިގެން ނުވާނެ ކަމަށާއި އާމްދަނީ ލިބޭފަދަ އެއްވެސް މަސައްކަތެއް ވެސް ކޮށްގެން ނުވާނެ ކަމަށެވެ. (ށ) ގައި ބުނެފައިވަނީ، ޕީޖީ އޭނާއަށް އެއްވެސް ފައިދާއެއް ނުވަތަ މަންފާއެއް ލިބޭގޮތަށް ނުވަތަ އެހެން ފަރާތަކަށް ފައިދާއެއް ނުވަތަ މަންފާއެއް ހޯދައިދިނުމުގެ ގޮތުން ހިލޭސާބަހަށް ވިޔަސް އަމިއްލަ ފަރާތަކަށް ގާނޫނީ ހިދުމަތް ދީގެން ނުވާނެ ކަމަށެވެ. (ނ) ގައި ބުނެފައިވަނީ، ޕީޖީ އެއްވެސް ބާވަތެއްގެ ވިޔަފާރިއެއް ކޮށްގެން ނުވާނެ ކަމަށެވެ. ވިޔަފާރީގެ އުސޫލުން އެއްވެސް ކަމެއް ކޮށްގެން ނުވާނެ ކަމަށާއި ދައުލަތުގެ މުދަލާއި ބިން ގަނެ ނުވަތަ ކުއްޔަށް ހިފައިގެން އަދި ދައުލަތާއި އެހެން އެއްވެސް ފަރާތަކާ ދެމެދު ކުރެވޭ މުއާމަލާތެއްގައި ސިދާގޮތުން ވިޔަސް، ނުވަތަ ނުސީދާގޮތުން ވިޔަސް ޕީޖީގެ މާލީ އެއްވެސް މަސްލަހަތެއް ބާއްވައިގެން ނުވާނެ ކަމަށެވެ.

ނަމަވެސް މި މާއްދާގެ (ރ) ގައި ބުނެފައިވަނީ މި މާއްދާގެ (ށ)ގައި އެހެން އޮތް ނަމަަވެސް ރާއްޖޭގެ ހިއްސާ ވިއްކާ ޕަބްލިކު ކުންފުނިތަކުގެ ސިގްނިފިކެންޓް ޝެއާ ހޯލްޑަރެއްކަމުގައި ނުވާގޮތުން އެފަދަ ކުންފުންޏެއްގެ ހިއްސާ މިލްކު ކުރުމަކީ މިމާއްދާގެ ބޭނުމަށްޓަކައި ވިޔަފާރި ކުރުންކަމުގައި ނުބެލެވޭނެ ކަމަށެވެ.

ޕީޖީގެ ހައިސިއްޔަތުން ނޫންގޮތަކަށް ދައުލަތުގެ އެއްވެސް ކަމެއްގައި ބައިވެރި ނުވެވޭނެ ކަމަށް މި މާއްދާގައި ވަނީ ކަނޑައަޅައިފައެވެ.

އެގޮތުން މި މާއްދާގެ (ބ) ގައި ބުނެފައިވަނީ ޕީޖީގެ ހައިސިއްޔަތުން މެނުވީ ދައުލަތުގެ އެހެން އެއްވެސް ކޮމިޝަނެއް، ނުވަތަ ކައުންސިލެއް ނުވަތަ މަޖިލީހެއް ނުވަތަ ކޮމިޓީއެއް ނުވަތަ ބޯޑެއް ނުވަތަ އެނޫންވެސް ތަނެއްގައި އުޖޫރައަކަށްވިޔަސް ނުވަތަ އުޖޫރައަކާ ނުލައިވެސް ބައިވެރިވެގެން ނުވާނެ ކަމަށެވެ. ކޮންސަލްޓެންޓެއްގެ ހައިސިއްޔަތުން އެއްވެސް ފަރާތަކަށް ޕީޖީ މަސައްކަތްކޮށްދީގެންނުވާނެ ކަމަށް (ބ)ގައި ބުނެފައިވާއިރު، (ކ) ބުނެފައިވަނީ، ޕީޖީ އަދާކުރަން ޖެހޭ މަސްއޫލިއްޔަތާ ފުށުއަރައިފާނެ ބާވަތުގެ މަދަނީ ޖަމިއްޔާއެއްގެ މެންބަރަކަށް ވެގެން ނުވާނެ ކަމަށެވެ.

ނަމަވެސް މި މާއްދާގެ (އ) ގައި ބުނެފައިވަނީ މި މާއްދާގެ (ނ)ގެ ބޭނުމަށް ޕީޖީގެ ނަމުގައި އޮތް ގޯއްޗެއް ނުވަތަ ގެއެއް ނުވަތަ މުދަލެއް ބާޒާރުގައި އެފަދަ ގޯއްޗެއް ނުވަތަ ގެއެއް ނުވަތަ މުދަލެއްގެ އަގު އާއްމުކޮށް ހުރި އަގަށްވުރެ ބޮޑުނޫން އަގަކަށް ވިއްކާލުމާއި އެފަދަ ގޯއްޗެއް ނުވަތަ ގެއެއް ނުވަތަ މުދަލެއް ބާޒާރުގައި އާއްމުކޮށް ކުއްޔަށްދޭ އަގަށްވުރެ ބޮޑުނޫން އަގެއްގައި ކުއްޔަށްދީގެން އާމްދަނީ ހޯދުމަކީ ޕީޖީ އެއްވެސް ބާވަތެއްގެ ވިޔަފާރިއެއް ކޮށްގެން ނުވާނެ ކަމަށް މި މާއްދާގެ (ނ) ގައި ބަޔާން ކޮށްފައިވާ ވިޔަފާރިއާ އަދި މަސައްކަތްތެރޭގައި ހިމެނިގެންވާ ކަމެއް ނޫން ކަމަށެވެ.

ގާނޫނަށް އެއްމެ ބޮޑު ބަދަލެއް ގެނެސްފައި ވަނީ، މި މާއްދާގެ (ވ) އިންނެވެ.

މި މާއްދާގެ (ވ) ގައި ބުނެފައިވަނީ، ޕްރޮސެކިއުޓާ ޖެެނަލް މާގާމުން ވަކިވުމަށްފަހު ފުރަތަމަ ހިނގާ 12 މަސްދުވަހުގެ މުއްދަތު ފާއިތުވަންދެން ޕީޖީގެ ހައިސިއްޔަތުން އެމީހަކު އަދާކުރި މަސްލަހަތާ ފުށުއަރާ ވަޒީފާއެއް އަދާކޮށްގެން ނުވާނެ ކަމަށާއި އެފަދަ މަސައްކަތެއް ވެސް ކޮށްގެން ނުވާނެ ކަމަށެވެ.

ޕީޖީގެ މާލީ ހިސާބު ހުށަހެޅުމަށް މިހާރު އޮތް ގޮތަށްވެސް މި ބިލުން ވަނީ އިސްލާހުތަކެއް ގެނެސްފައެވެ.

އެގޮތުން ޕީޖީ ކަމަށް އައްޔަން ކުރެވޭ މީހާ މަގާމާ ހަވާލުވިއިރު އޭނާއަށް ލިބިފައިވާ އާމްދަނީއާއި އޭނާގެ ނަމުގައި ހުރި މުދަލާއި އޭނާ އަދާކުރަން ޖެހޭ ދަރަނީގެ ޒިންމާ އެނގޭނެ މާލީ ހިސާބު، މަގާމާ އޭނާ ހަވާލުވާތާ ތިން މަސްދުވަހުގެ ތެރޭގައި، އޮޑިޓަރ ޖެނެރަލަށް ހުށަހަޅަންވާނެ ކަމަށް ބުނެފައި ވެއެވެ. މީގެ އިތުރުން، ޕީޖީ މަގާމުން ވަކިވުމަށްފަހު ނުވަތަ އިސްތިއުފާ ދިނުމަށްފަހު ހިނގާ ފުރަތަމަ ތިންމަސް ދުވަހުގެ ތެރޭގައި އޭނާ އެ މަގާމުން ވަކިވިއިރު އޭނާއަށް ލިބިފައިވާ އާމްދަނީ އާއި، އާމްދަނީ ލިބޭ ގޮތްތަކާއި، އޭނާގެ ނަމުގައި ހުރި މުދަލާއި، އޭނާ އަދާކުރަން ޖެހޭ ދަރަނީގެ ޒިންމާ އެނގޭނެ މާލީ ހިސާބު އޮޑިޓަރ ޖެނެރަލަށް ހުށަހަޅަންވާނެ ކަމަށްވެސް ބުނެފައި ވެއެވެ.

ސުލޫކީ ހަމަތަކާ ޕީޖީ ހިލާފު ވުމާބެހޭ މާއްދާވެސް މި ބިލުން ފާހަގަ ކޮށްލެވެއެވެ.

އެ މާއްދާގެ (ހ)ގައި ވާގޮތުން ޕްރޮސެކިއުޓާ ޖެނެރަލްގެ މަގާމުގައި ހުންނަ މީހަކު ސުލޫކީ ހަމައަކާ ހިލާފުވެއްޖެ ނަމަ ޕީޖީގެ މަގާމުގައި ހުރެ ކުރުން އެކަށީގެންނުވާ ކަމެއް ކުރީކަމަށް ބަލައި އޭނާ މަގާމުން ވަކިކުރެވިދާނެ ހާލަތެއް އުފަންވީ ކަމުގައި ބެލެވޭނެ އެވެ.

މީގެ އިތުރުން ސުލޫކީ ހަމަތަކާ ހިލާފަށް ޕީޖީ ކުރި ކަމަކުން އޭނާގެ މައްޗަށް މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފިޔަވަޅު އެޅިކަމުގައިވިޔަސް އެކަމުގައި ޖިނާއީ ކުށެއްގެ އަމަލު ހިމެނިގެންވާ ކަމެއްނަމަ އޭނާގެ މައްޗަށް ޖިނާއީ ދައުވާއެއް ކުރުމަށް އޮތް ހުރަހެއް ނޫން ކަމަށް އެ މާއްދާގެ (ށ) ގައި ބުނެފައިވެއެވެ.

މި ބިލު މިހާރު ވަނީ މަޖިލީހުން ފާސްކޮށް، ތަސްދީގު ކުރެއްވުމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް ފޮނުއްވައިފައެވެ.