ސަތާރަ ބަދިގެ ހިމެނޭ ގޮތަށް ކާބޯތަކެތީގެ ހިދުމަތްދޭ 1011 ތަން ރަޖިސްޓްރީކޮށްފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ ޑިރެކްޓަރު އަހުމަދު ނާސިރު ވިދާޅުވީ، ކާބޯތަކެތީގެ ހިދުމަތްދޭ 1011 ތަނެެއް މިހާތަނަށް އައިއިރު އެޗްޕީއޭގެ އިންސްޕެކްޝަން ޑިވިސަންގައި ރަޖިސްޓްރީ ކޮށްފައިވާ ކަމަށާއި އޭގެ ތެރޭގައި މާލޭގެ 17 ބަދިގެވެސް ހިމެނޭ ކަމަށެވެ.

"ވިޔަފާރީގެ އުސޫލުން ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަން އަޅުގަނޑުމެން ރަޖިސްޓްރީ ކުރަމުން އައީ. އަޅުގަނޑުމެންގެ ރެކޯޑުތަކަށް ބަލާއިރުގައި ކާބޯތަކެތީގެ ހިދުމަތްދޭ 1011 ތަން އަޅުގަނޑުމެން ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ އިންސްޕެކްޝަން ޑިވިސަންގައި ރަޖިސްޓްރީ ކޮށްފައިވޭ. އަދި ހަމައެހެންމެ 17 ބަދިގެ މީގެ ތެރޭގައި ހިމެނޭ،" ނާސިރު ވިދާޅުވިއެވެ.

ނާސިރު ވިދާޅުވީ، ގަވައިދާ ހިލާފަށް ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަން ދެނެގަތުމަށް އެޗްޕީއޭއިން މާސް އިންސްޕެކްޝަނެއް ވެސް ކުރިއަށް ގެންގޮސްފައިވާ ކަމަށާއި އެ އިންސްޕެކްޝަނުގައި ވެސް ގަވައިދާ ހިލާފަށް ކާބޯތަކެތީގެ ހިދުމަތްދޭ ގިނަ ތަންތަން ފާހަގަވި ކަމަށެވެ.

"ފިހާރައެއްގެ ތެރޭގައި ގޮނޑިމޭޒު ޖަހައިގެން ކާބޯތަކެތީގެ ހިދުމަތް ދޭ ތަނެއްވެސް އަޅުގަނޑުމެން ބަންދުކޮށްފައިވާނެ،" ނާސިރު ވިދާޅުވިއެވެ.

ހުއްދަތައް ނުނަގައި ގަވައިދާ ހިލާފަށް ރަޖިސްޓްރީ ނުކޮށް ވިޔަފާރި އުސޫލުން ކާބޯތަކެތީގެ ހިދުމަތްދޭނަމަ ފިޔަވަޅު އަޅަން އެޗްޕީއޭ އިން ވަނީ މިހާރު ނިންމައިފައެވެ.

އެޗްޕީއޭ އިން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ ރަޖިސްޓްރީ ނުކުރާ ބަދިގެ ފަދަ ތަންތަނުގައި ކާބޯތަކެތި ތައްޔާރުކޮށް ވިއްކުމާއި ފިހާރަތަކާއި ގޭގޭގައިި ކާބޯތަކެތީގެ ބާވަތްތަކާއި ދުންފަތުގެ ބާވަތްތައް އޮންލައިން ޕްލެޓްފޯމްތަކުގައި އިސްތިހާރުކޮށް ވިއްކާކަމުގެ ޝަކުވާ އެ އޭޖެންސީއަށް ލިބޭ ކަމަށާއި އެހެންކަމުން ރަޖިސްޓްރީ ނުކޮށް ކާބޯތަކެތީގެ ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކާއެކު ގަވައިދުގައިވާ ގޮތުގެ މަތިން ފިޔަވަޅު އަޅާނެ ކަމަށެވެ.

އެޗްޕީއޭ އިން ވަނީ މިފަދަ ތަންތަނުން ވިޔަފާރީގެ އުސޫލުން ކާބޯތަކެތީގެ ހިދުމަތްދޭނަމަ، ކާބޯތަކެތީގެ ހިދުމަތްދިނުމުގައި ހުންނަން ޖެހޭ ސާފުތާހިރުކަމުގެ މިންގަނޑު ބަޔާންކުރާ ގަވައިދާއި ކަމާގުޅޭ އެހެން ގަވައިދުތަކާ އެއްގޮތްވާނެ ގޮތުގެ މަތިން ހުއްދަ ނެގުމަށް އެދިފައެވެ. އަދި މިފަދަ ތަންތަނުގެ ހިދުމަތް ނުހޯދުމަށް އާންމުންނަށް ވަނީ އިލްތިމާސްކޮށްފައެވެ.

ވިޔަފާރީގެ އުސޫލުން ކާބޯތަކެތީގެ ހިދުމަތް ފޯރުކޮށްދޭން ބޭނުން ނަމަ އެކަމަށް ރަޖިސްޓްރީ ކުރުމަށް ހެލްތުގެ ޕޯޓަލް، https://counter.health.gov.mv މެދުވެރިކޮށް ހުށަހެޅޭނެއެވެ.