Close
ކްރިމިނަލް ކޯޓް

ކްރިމިނަލް ކޯޓަށް ފުރަތަމަ ފަހަރަށް އަންހެން ފަނޑިޔާރަކު އައްޔަނުކޮށްފި

އަލީ ޔާމިން

ކްރިމިނަލް ކޯޓުގެ ފަނޑިޔާރު ކަމަށް މ. ގުލްޝަން ދީބަނާޒް ފަހުމީ އާއި، ސ. ހުޅުދޫ، ހެޕީ ޑްރީމް މުހައްމަދު މިސްބާހު މިއަދު އައްޔަން ކުރައްވައި، އެ ދެ ބޭފުޅުން މަގާމުގެ ހުވާކުރައްވައިފިއެވެ.

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ދެ ބޭފުޅުންނަށް ވެސް ފަނޑިޔާރު ކަމުގެ ހުވާލައިދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދެވެ. އެ ދެ ބޭފުޅުންނަށް މަގާމުގެ ފަތްކޮޅު ހަވާލުކޮށްދެއްވީ ޖޭއެސްސީގެ ރައީސް، ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިންއެވެ.

ޖޭއެސްސީން ނެރުނު ބަޔާނުގައި ބުނީ، ކްރިމިނަލް ކޯޓުގެ ފަނޑިޔާރު އައްޔަން ކުރެއްވުމަށް ކޮމިޝަނަށް ލަފާދޭ ކޮމިޓީން ލަފާދީފައިވަނީ ދީބަނާޒް އާއި މިސްބާހުގެ ފަނޑިޔާރު ކަމަށް އައްޔަނުކުރުމަށް ކަމަށެވެ.

ދީބަނާޒްއަކީ ކްރިމިނަލް ކޯޓަށް އައްޔަންކުރެއްވި ފުރަތަމަ އަންހެން ފަނޑިޔާރަށެވެ. ދީބަނާޒް އަކީ މެލޭޝިއާގެ އިސްލާމިކް ޔުނިވާސިޓީން ގާނޫނީ ދާއިރާގެ ފުރަތަމަ ޑިގްރީ ހާސިލުކުރައްވާފައިވޭ ބޭފުޅެކެވެ. އަދި އޭނާ ވަނީ ނިއުޒިލެންޑްގައި ހުންނަ ޔުނިވާސިޓީ އޮފް ކެންޑަބަރީން މާސްޓާސް ޑިގްރީވެސް ހާސިލްކުރައްވައިފައެވެ. ދީބަނާޒްއަކީ ޖިނާއީ އަދުލުގެ ނިޒާމުގެ 17 އަހަރު ދުވަހުގެ ތަޖުރިބާ ހުންނެވި ބޭފުޅެކެވެ.

މިސްބާހަކީ މިސްރުގެ އަލްއަޒްހަރު ޔުނިވާސިޓީން ގާނޫނާއި ޝަރީއަތުގެ ދާއިރާއިން ފުރަތަމަ ޑިގްރީ ހާސިލުކުރައްވާފައިވާ، ޝަރުއީ ދާއިރާގައި ހަ އަހަރުގެ ތަޖުރިބާ ހުރި ބޭފުޅެކެވެ. އެގޮތުން އޭނާ ވަނީ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުގައި ޕަބްލިކް ޕްރޮސެކިއުޓަރެއްގެ ގޮތުގައި ވެސް މަސައްކަތް ކުރައްވައިފައެވެ.

ކްރިމިނަލް ކޯޓަށް މިއަދު އައްޔަން ކުރެއްވި ދެ ފަނޑިޔާރުންނާއެކު ޖުމުލަ 11 ފަނޑިޔާރުން އެ ކޯޓުގައި ތިބޭނެއެވެ.