މިދިޔަ 24 ގަޑިއިރު ތެރޭގައި ރާއްޖޭގެ ރަށްތަކާއި ރިސޯޓުތަކުން 31 މީހަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ މިދިޔަ 24 ގަޑިއިރު ތެރޭގައި 31 ރަށަކާއި ރިސޯޓުން ކޮވިޑަށް ބަޔަކު ޕޮޒިޓިވްވެފައިވާ ކަމަށެވެ. އެގޮތުން މިއަދު ވަނީ އައްޑޫ ސިޓީގައި ހޯމް ކަރަންޓީނުގައި ހުރި ދެ މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައެވެ.

ޅ. ނައިފަރުން ވެސް ހަތަރު މީހަކު މިއަދު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ. އަދި ދ. ކުޑަހުވަދޫން ވެސް ހަތަރު މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ.

ރ. އިނގުރައިދޫގައި ހޯމް ކަރަންޓީނުގައި ހުރި ހަތަރު މީހަކު ޕޮޒިޓިވްވެފައިވާ އިރު، އެ އަތޮޅު ރަސްމާދޫންވެސް މިއަދު ވަނީ މީހަކު ޕޮޒިޓިވްވެފައެވެ. އަދި ގދ. ދާންދޫގައި ހޯމް ކަރަންޓީނުގައި ހުރި ދެ މީހަކު ޕޮޒިޓިވްވެފައިވާ އިރު، ބ. އޭދަފުށިން ހަތަރު މީހަކު އަދި ށ. ފީވަކުންވެސް ވަނީ މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައެވެ.

އެޗްޕީއޭ އިން ބުނީ ރާއްޖޭގެ 41 އެއް ރަށެއްގައި ކޮވިޑަށް ޕޮޒިޓިވް މީހުން އެބަތިބި ކަމަށެވެ. އަދި 16 ރިސޯޓެއްގައި ވެސް ކޮވިޑަށް ޕޮޒިޓިވް މީހުން އެބަތިބި ކަމަށާއި އޭގެ ތެރޭގައި 16 ފަތުރުވެރިންނާއި 29 ސްޓާފުން ހިމެނޭ ކަމަށެވެ.

ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ފަހަކަށް އައިސް ވަނީ ވަރަށް ގިނަވެފައެވެ. އެގޮތުން މިއަދުވެސް ވަނީ 199 މީހަކު ޕޮޒިޓިވްވެފައެވެ. އޭގެ ތެރޭގައި 145 ދިވެހިން ހިމެނެއެވެ.

ހޯމް ކަރަންޓީނަށް ރަށްރަށަށް ދާ މީހުން ކޮވިޑަށް ޕޮޒިޓިވްވާ އަދަދުވެސް ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. އެކަމާ ގުޅިގެން އެޗްޕީއޭއިން ވަނީ ރަށަށް ކޮންމެހެން ދާންޖެހޭ މީހުން ފިޔަވައި އިތުރު މީހުން ނުފޮނުވަން ނިންމައިފައެވެ.