އަންހެން މުވައްޒަފުންގެ ފުރިހަމަ ގާބިލުކަން ދެއްކުމަށްޓަކައި މަސައްކަތުގެ މާހައުލަކީ އަންހެން މުވައްޒަފުންނަށް ހަމަހަމަ ތަނަކަށް ހެދުން މުހިންމު ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ފަޒްނާ އަހުމަދު ވިދާޅުވެއްޖެއެވެ.

ފަސްޓްލޭޑީ ފަޒްނާ މިހެން ވިދާޅުވީ، "މޯލްޑިވްސް ވިމެން އިން ޕޮލިސިން" އަދި "ޕްރޮޖެކްޓް ގާޑިއަން" އިފްތިތާހުކުރުމަށް މިއަދި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

ރަސްމިއްޔާތުގައި ފަސްޓް ލޭޑީ ފަޒްނާ ވަނީ، "މޯލްޑިވްސް ވިމެން އިން ޕޮލިސިން" ފަދަ ކޮމިޓީއެއް އުފެއްދުމަކީ އަންހެނުން ބާރުވެރިކޮށް، ވަޒީފާގެ މާހައުލުގައި އަންހެނުންގެ ހަމަހަމަކަން ގާއިމުކުރުމަށް ކުރާ މަސައްކަތަށް އިތުރުވި ބޮޅެއްގެ ގޮތުގައި ސިފަކުރައްވައިފައެވެ.

ފަޒްނާ ވިދާޅުވީ، ފުލުހުންގެ މުއައްސަސާއަކީ އަންހެނުން މަސައްކަތް ކުރުމަށް އެކަށީގެންވާ ތަނަކަށް ހެދުމަށް އަންހެނުން މުޖުތަމައާއި އާއިލާގައި އަދާކުރާ ދައުރު ބަލައިގަނެ، މަސައްކަތުގެ މާހައުލުންނާއި ސިޔާސަތުތަކުން އެކަންކަމަށް ޖާގަ ދޭންވާނެ ކަމަށެވެ. އަދި އަންހެން މުވައްޒަފުންގެ ފުރިހަމަ ގާބިލުކަން ދެއްކުމަށްޓަކައި މަސައްކަތުގެ މާހައުލަކީ އަންހެން މުވައްޒަފުންނަށް ހަމަހަމަ އަދި ރައްކާތެރި ތަނަކަށް ހެދުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ.

"ފުލުހުންގެ މުއައްސަސާގެ ތަފާތު އެކި ދާއިރާތަކުން އަންހެން އޮފިސަރުން ކުރިއެރުމަށް ހިތްވަރު ދިނުމާއި، ތަމްރީނުގެ ހާއްސަ ފުރުސަތުތައް ފަހިކޮށްދިނުމަކީ މުހިންމުކަމެއް،" ފަސްޓް ލޭޑީ ވިދާޅުވިއެވެ.

މީގެ އިތުރުން ފަސްޓް ލޭޑީ ފަޒްނާ ވިދާޅުވީ، އަންހެންނުންނާއި ކުޑަކުދިންނަށް ކުރާ އަނިޔާގެ މައްސަލަތައް ރިޕޯޓު ކުރާ މިންވަރު އިތުރުވެފައިވާ ކަމަށާއި އެކަމުން އެނގިގެން ދަނީ އެފަދަ ކަންކަމަށް ރައްޔިތުން ހޭލުންތެރިވެފައިވާ މިންވަރު ކަމަށެވެ. އަދި އަންހެނުންނާއި ކުޑަކުދިންނަށް ކުރާ ގޯނާގެ މައްސަލަތައް ހުއްޓުވޭނީ އެންމެން ގުޅިގެން މަސައްކަތް ކޮށްގެން ކަމަށް އެކަމަނާ ވިދާޅުވިއެވެ.