ދިވެހި ގައުމު ވިއްކާލަނީ ކަމަށް ބުނެ އިދިކޮޅުން އަޅުވަމުން ދަނީ ދޮގު އިލްޒާމުތަކެއް ކަމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު މިރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ކުރީގެ ރައީސް އަބުދުﷲ ޔާމީންގެ ސަރުކާރުގައި ޗައިނާއާއެކު ޑީލް ހަދައިގެން ނަގާފައިވާ ލޯނުތަކުގެ ސަބަބުން މުޅި ގައުމު ދަރަނިވެރިވެފައިވާ ކަމަށެވެ. އިދިކޮޅުން މަސައްކަތް ކުރަނީ އެކަން އަނބުރާލައި، މި ސަރުކާރުން ގައުމު ވިއްކާލާ ކަމަށް ބުނެ ދޮގު ތުހުމަތުތަކެއް އަޅުވަމުން ކަމަށެވެ.
"ރައީސް ޔާމީން ހެއްދިވި ޑީލްތަކުގެ ސަބަބުން ރާއްޖެ މިވަނީ ޗައިނާގެ ދަނަރީގެ މަޅީގައި ޖެހިފައި،" ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދު މީގެ ކުރިންވެސް ވަނީ ޗައިނާއިން ނަގާފައިވާ ލޯންތަކާ ގުޅިގެން ކުރީ ސަރުކާރަށާއި ޗައިނާއަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.
މި ސަރުކާރުން ރާއްޖެ އިންޑިއާއަށް ވިއްކާލާފައިވާ ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން އަންނަނީ ވަރަށް ބޮޑަށް އަޑުއުފުލަމުންނެވެ. އެގޮތުން މިދިޔަ ހުކުރު ދުވަހުވެސް ވަނީ ރާއްޖެ ވިއްކާލުމާ ދެކޮޅަށް އިދިކޮޅު ފަރާތްތަކުން މުޒާހަރާވެސް ކޮށްފައެވެ.
މީގެ އިތުރުން އިދިކޮޅު ފަރާތްތަކުން ވަނީ "އިންޑިއާ އައުޓް" ގެ ނަމުގައި ހާއްސަ ކެންޕެއިނެއްވެސް ސޯޝަލް މީޑިއާގައި ފަށައިފައެވެ. މި ސަރުކާރުން އަންނަނީ އިންޑިއާއާ ވަރަށް ގާތް ގުޅުމެއް ބާއްވަމުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު