އިލެކްޝަންސް ކޮމިޝަނުން ޕީޕީއެމް އާއި ޕީއެންސީ ޖޫރިމަނާ ކުރި މައްސަލަ ކޯޓުގައި އިސްތިއުނާފު ކުރާނެ ކަމަށް ކުރީގެ ޑިފެންސް މިނިސްޓަރު އަދި މިހާރު ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

އާދަމް ޝަރީފު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ސަރުކާރު ޒިންމާދާރު ކުރުމަށް ހިންގާ ސުލްހަވެރި އިހުތިޖާޖުތަކާ ގުޅިގެން އިލެކްޝަންސް އިން ޕާޓީތައް ޖޫރިމަނާ ކުރުމަކީ ކަންބޮޑުވާ ކަމެއް ކަމަށް އާދަމް ޝަރީފު ވިދާޅުވިއެވެ. އަދި މި މައްސަލަ ކޯޓުގައި އިސްތިއުނާފު ކުރާނެ ކަމަށް އާދަމް ޝަރީފު ވިދާޅުވިއެވެ.

މީގެ އިތުރުން ސަރުކާރުން ދައްކާ ބިރަށް މިނިވަން މުއައްސަސާތަކުން ބިރުގަންގަން ނުޖެހޭ ކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.

އިލެކްޝަންސް އިން އިއްޔެ ޕީޕީއެމް އާއި ޕީއެންސީ 75،000 ރުފިޔާ އިން ޖޫރިމަނާކޮށްފައިވަނީ ސިޔާސީ ޕާޓީގެ ގާނޫނާއި، އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނާއި، އާންމު ސިއްހަތު ރައްކާތެރި ކުރުމުގެ ގާނޫނުގެ އިތުރުން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)ގެ ގައިޑުލައިނާއި ތަކުރާރުކޮށް ހިލާފުވުމުން ކަމަށް އިލެކްޝަންސް އިން ވަނީ ބުނެފައެވެ.

މި ދުވަސްވަރު އިދިކޮޅު ކޯލިޝަނުން ކުރިއަށްގެންދާ އެއްވުންތަކާ ގުޅިގެން އެ ކޯލިޝަނުގެ އިސްވެރިން ވަނީ ފުލުހަށް ވެސް ހާޒިރުކޮށްފައެވެ. އަދި އެޗްޕީއޭގެ ގައިޑްލައިނާ ހިލާފުވުމުން ބައެއް ބޭފުޅުން ޖޫރިމަނާ ވެސް ކޮށްފައިވެއެވެ.