ގަވައިދާ ހިލާފަށް ކުރިއަށްގެންދާ ސިޔާސީ ހަރަކާތްތަކުގައި ބައިވެރިނުވުމަށް އިލެކްޝަންސް ކޮމިޝަނުން އިދިކޮޅު ޕީޕީއެމް އަދި ޕީއެންސީއަށް ނަސޭހަތް ދީފިއެވެ.
އިލެކްޝަން ކޮމިޝަނުން މިއަދު އާންމު ކުރި ޓުވީޓެއްގައި ބުނެފައިވަނީ ގާނޫނާއި ގަވައިދާ ހިލާފަށް ކުރިއަށްގެންދާ ސިޔާސީ ހަރަކާތްތަކުގައި ޕީޕީއެމް އަދި ޕީއެންސީގެ އިސް ބޭފުޅުން ތަކުރާރުކޮށް ބައިވެރިވެފައިވާ ކަމަށެވެ.
އެގޮތުން މިފަދަ ކަންކަން އިތުރަށް ތަކުރާރު ނުކުރުމަށް އެދި ޕީޕީއެމް އަދި ޕީއެންސީގެ އިސް ބޭފުޅުންނަށް ނަސޭހަތްދީފައިވާނެ ކަމަށް އިލެކްޝަނުން ވަނީ ބުނެފައެވެ.
ސިޔާސީ ޕާޓީގެ ގާނޫނާއި، އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނާއި، އާންމު ސިއްހަތު ރައްކާތެރި ކުރުމުގެ ގާނޫނުގެ ދަށުން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ނެރެފައިވާ ގައިޑުލައިނާ ތަކުރާރުކޮށް ހިލާފުވެފައިވުމުން އިލެކްޝަންސްއިން ވަނީ އިއްޔެ ޕީޕީއެމް އާއި ޕީއެންސީ 75000 ރުފިޔާއިން ޖޫރިމަނާކޮށްފައެވެ.
ފަހަކަށް އައިސް އިދިކޮޅު ފަރާތްތަކުން ވަނީ އެކި ސިޔާސީ ހަރަކާތްތައް ކުރިއަށް ގެންގޮސްފައެވެ. އެގޮތުން މިދިޔަ ހުކުރު ދުވަހުގެ ހަވީރު އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުގެ ފަރާތުން މާލޭގައި "ރާއްޖެ ވިއްކާލުމާ ދެކޮޅަށް"ގެ ނަމުގައި ސައިކަލު ބުރެއް ބާއްވާފައިވެއެވެ. އަދި ހުކުރު ދުވަހު މާލޭގެ އިތުރުން ރާއްޖޭގެ ބައެއް ރަށްރަށުގައި ވެސް އިދިކޮޅު ކޯލިޝަނުން އިހުތިޖާޖު ކޮށްފައިވެއެވެ. މީގެ އިތުރުން މިދިޔަ ހަފުތާގައި އިދިކޮޅު ކޯލިޝަނުން ވަނީ މާފުށީ ކައިރީ ކަނޑުމަތީވެސް އިހުތިޖާޖުކޮށްފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު