ޅ. ނައިފަރުގައި ހޯމް ކަރަންޓީނުގައި ހުރި ދެ މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ.

ނައިފަރު ކައުންސިލްގެ ރައީސް ވިދާދު އަބްދުﷲ "ވަން" އަށް ވިދާޅުވީ، ޕޮޒިޓިވްވެފައި ވަނީ އަންހެނަކާއި ކުޑަ ކުއްޖެއް ކަމަށާއި އެމީހުންގެ ފުށުން ކޮވިޑުގެ އެއްވެސް އަލާމާތެއް ނުފެންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

ވިދާދު ވިދާޅުވީ، ޕޮޒިޓިވްވި އަންހެން މީހާ ހޯމް ކަރަންޓީނުގައި ހުރީ އޭނާގެ މާމާ ދަރިފުޅާއެކު ކަމަށާއި އެ ކުއްޖާގެ ކޮވިޑް ސާމްޕަލްގެ ނަތީޖާ އަދި ނުލިބޭ ކަމަށެވެ.

މީގެ ކުރިންވެސް ނައިފަރުން މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފަ އެވެ. އެއީ އެރަށުން މާލެ ދަތުރުކުރާ "މެގަ އާރު" ބޯޓުގައި މަސައްކަތްކުރާ ބަންގްލަދޭޝްގެ ރައްޔިތެކެވެ. އެމީހާ ކޮވިޑަށް ޕޮޒިޓިވްވިކަން އެނގުނީ އޭނާ މާލެ އައިސް އަނބުރާ ނައިފަރަށް ދިޔަ ފަހުން ބަލީގެ އަލާމާތްތަކެއް ހުރެގެން ހެދި ޓެސްޓުން ނެވެ.