އަންނަ މަހުގެ 15 ވަނަ ދުވަހުން ފެށިގެން ރާއްޖޭގެ ގެސްޓްހައުސްތައް ހުޅުވަން ހުއްދަ ދޭން ސަރުކާރުން ނިންމައިފި އެވެ.
"ވަން" އަށް އެނގިފައިވާ ގޮތުގައި، ގެސްޓްހައުސްތައް ހުޅުވުމުގައި އަމަލު ކުރާނެ އިންތިޒާމުތައް ޓޫރިޒަމް މިނިސްޓްރީން މިއަދު އިއުލާން ކުރާނެ އެވެ. ނަމަވެސް އެކަމުގެ ތަފްސީލެއް އަދި ނުލިބެ އެވެ.
ކޮވިޑް-19 އާ ގުޅިގެން ބަންދުކުރި ރާއްޖޭގެ ބޯޑަރު ޖުލައި މަހުގެ 15 ގައި އަލުން ހުޅުވާލި އިރު، ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މީގެ ކުރިން ނެރެފައިވާ "ސޭފް ޓުއަރިޒަމް ގައިޑްލައިން" ގައިވާ ގޮތުން ގެސްޓްހައުސްތައް ހުޅުވަން ނިންމާފައި އޮތީ އޮގަސްޓް 15 ގަ އެވެ.
ނަމަވެސް ހަލުވި ކަމާއެކު ފެތުރެމުންދާ ކޮވިޑް އިތުރަށް ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި، ގެސްޓްހައުސްތައް ހުޅުވޭނެ ކަމަށް ސަރުކާރުން އޭރު ލަފާކޮށްފައިވަނީ މިމަހުގެ ކުރީކޮޅަށެވެ. ނަމަވެސް އޭރު ވެސް ސީދާ ތާރީހެއް ނުދެ އެވެ.
އެކަމާ ގުޅިގެން ގެސްޓްހައުސްތަކުގެ ކަންބޮޑުވުން ވަނީ ބޮޑުވެފަ އެވެ. ގެސްޓްހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ގޭމް) އިން ބުނި ގޮތުގައި، ގެސްޓް ހައުސްތައް ހުޅުވުން ލަސްވެ ގެސްޓް އަލުން ހައުސްތައް ހުޅުވާނެ ތާރީހެއް ނޭނގި ތިބެން ޖެހުމަކީ އެ ވިޔަފާރި އެއްކޮށް ހަލާކުވެ، ނެތި ދިއުމުގެ ބިރު އޮތް ކަމެކެވެ.
ރާއްޖޭގެ ބޯޑަރުތައް އަލުން ހުޅުވުމާއެކު ރިސޯޓްތަކާއި ސަފާރީތައް އަދި ޓްރާންސިޓް ފެސިލިޓީތަކުގެ ހިދުމަތް ވަނީ ފަށައިފަ އެވެ. އެ ހުއްދަ ދެނީ ޓޫރިޒަމް މިނިސްޓްރީންނެވެ.
މިނިސްޓްރީ އޮފް ޓުއަރިޒަމް
މިނިސްޓްރީ އޮފް ޓުއަރިޒަމް
މިނިސްޓްރީ އޮފް ޓުއަރިޒަމް