މިނިސްޓަރު އިމްރާން އަބްދުﷲ

ރައްޔިތުންގެ އިތުބާރަށްޓަކައި ފުލުހުންގެ ފަރުދީ ޒިންމާ ފުރިހަމައަށް އަދާކުރަން މިނިސްޓަރު އިމްރާން ގޮވާލައްވައިފި

ރައްޔިތުންގެ ފުރިހަމަ ލޯތްބާއި އިހްތިރާމަށްޓަކައި ކޮންމެ ފުލުހަކު ވެސް އެ ފުލުހެއްގެ ފަރުދީ ޒިންމާ ފުރިހަމައަށް އަދާކުރުމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އިލްތިމާސް ކުރައްވައިފި އެވެ.

ހުޅުމާލޭގައި ހަދާފައިވާ ފުލުހުންގެ އާ އިމާރާތް ހުޅުވުމަށް މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު އިމްރާން ވިދާޅުވީ، ފުލުހުންނަކީ ރައްޔިތުން އެދޭ ފަދަ ހިދުމަތެއް ކުރާ، ފުރިހަމަ ލޯތްބާއި އިހުތިރާމު ލިބިގެންވާ ބަޔަކަށްވުމަކީ މި ސަރުކާރުގެ އެދުމެއް ކަމަށެވެ.

އެގޮތުން އެ ސިފަ ފުރިހަމަކުރުމަށްޓަކައި ފުލުހުންގެ މުއައްސަސާގެ ޝަރަފާއި ކަރާމާތް ހިމާޔަތްކުރުމަކީ ކޮންމެ ފުލުހެއްގެ ބޮލުގައި އެޅިފައިވާ ފަރުދީ ޒިންމާއެއް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"ފުލުހުންގެ ތެރެއިން އެއް ފަރުދަކު ނުވަތަ މަދު އަދަދެއްގެ ފުލުހުންކޮޅެއް ކުރާ ކަމެއްގެ ނަތީޖާއެއްގެ ގޮތުން ރައްޔިތުންގެ ހިތުގައި ފުލުހުންނާމެދު ނުތަނަވަސްކަމާއި ހިތްހަމަނުޖެހުން އުފެދިގެން ދިއުން އެއީ އެންމެން ހިތާމަކުރާނެ ކަމެއް. ހުރިހާ ފުލުހުންނަށް އިލްތިމާސް ކުރަން ރައްޔިތުންގެ ފުރިހަމަ ލޯތްބާއި އިހްތިރާމާއި އިތުބާރަށްޓަކައި، މި މުއައްސަސާގެ ކަރާމާތާއި ޝަރަފަށްޓަކައި ކޮންމެ ފަރުދެއްމެ އެ ފަރުދެއްގެ ފުރިހަމަ ޒިންމާ އަދާކުރާށޭ،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު އިމްރާން އިތުރަށް ވިދާޅުވީ، މި ސަރުކާރުން ފުލުހުންނާމެދު ވަރަށް މަތީ އުންމީދުތަކެއް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން ފުލުހުންގެ ހިދުމަތް ފުރިހަމަކޮށް ގާއިމްކޮށްދޭން ޖެހޭ ވަސީލަތްތައް ގާއިމްކޮށްދިނުމަކީ ސަރުކާރުގެ މުހިންމު ޒިންމާއެއްގެ ގޮތުގައި ދެކި، އެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ.