ގދ. ތިނަދޫން އިތުރު މިހަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެއެވެ.

ތިނަދޫ ކައުންސިލުގެ ރައީސް އަލީ އަމްޖަދު މިއަދު "ވަން" އަށް ވިދާޅުވީ، ޕޮޒިޓިވްވެފައިވަނީ ކުރިންވެސް އެރަށުން ޕޮޒިޓިވްވި މީހާ މަސައްކަތް ކުރާ "ދެރަހަ" ބޯޓުގައި މަސައްކަތް ކުރާ ބަނގުލަދޭޝްގެ މީހެއް ކަމަށެވެ. އެމީހާގެ ނަތީޖާ ލިބިފައިވަނީ މިއަދު ކަމަށްވެސް ވިދާޅުވިއެވެ.

އަމްޖަދު ވިދާޅުވީ އެމީހާ މިވަގުތު ހުރީ ދެރަހަ ބޯޓުގައި ކަމަށާއި އެމީހާ އިތުރު ތަނަކަށް ބަދަލުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެމީހާގެ ހާލު ރަނގަޅު ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"ގއ. ވިލިނގިލި ކޮވިޑް ފެސިލިޓީއަށް ކޮވިޑް ޕޭޝަންޓުން ގެންދަން ދެކޮޅު ހަދާތީވެ، އިތުރު އެހެން ގޮތެއް ހޯދުމަށް މިދަނީ މަސައްކަތް ކުރަމުން،" އަމްޖަދު ވިދާޅުވިއެވެ.

އަމްޖަދު ވިދާޅުވީ އެ ކޭސްއާ ގުޅިގެން ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތްތައް މިހާރު ފަށާފައިވާ ކަމަށެވެ.

އެރަށުން މީގެ ކުރިން ޕޮޒިޓިވްވި މީހާގެ ކޭސްއާ ގުޅިގެން މިހާތަނަށް 41 މީހަކު ގޭގައި އެކަހެރިވުމަށް އަންގާފައިވެއެވެ. އަދި ދެރަހަ ބޯޓުގެ ނުވަ ފަޅުވެރިންވެސް އެ ބޯޓުގައި ވަނީ ކަރަންޓީންކޮށްފައެވެ.

އެމީހާ މިއަދު ވިލިނގިލި ކޮވިޑް ސެންޓަރަށް ގެންދިއުމުން، އެރަށު ބައެއް ރައްޔިތުން ނުކުމެ ވަނީ މުޒާހަރާ ކޮށްފައެވެ. އަދި ބަލީ މީހާ ލޯންޗްގައި ގިނަ އިރުތަކެއް ވަންދެން އިނުމަށްފަހު އަލުން އަނބުރާ ތިނަދުއަށް ގެންދިޔައެވެ. އެމީހާ މިހާރު ވަނީ މޯލްޑިވިއަންގެ ސީޕްލޭނެއްގައި މާލެ ގެނެސްފައެވެ.

އެ މައްސަލައާ ގުޅިގެން ރިޕޯޓެއް އެކުލަވާލައި ފިޔަވަޅު އަޅާނެ ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ)ގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު މިރޭ ވަނީ ވިދާޅުވެފައެވެ.