ކޮވިޑާ ގުޅިގެން 2600 މީހަކަށް ނަފުސާނީ އެހީތެރިކަން ފޯރުކޮށްދީފައިވާނެ ކަމަށާއި އޭގެ ތެރެއިން 40 މީހަކަށް އިތުރު ފަރުވާ ބޭނުންވާ ކަމަށް މޯލްޑިވްސް ރެޑް ކްރެސެންޓް (އެމްއާރުސީ) އިން ބުނެފިއެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެމްއާރްސީގެ ސެކްރެޓަރީ ޖެނެރަލް ފާތިމަތު ހިމްޔާ ވިދާޅުވީ، ކޮވިޑާ ގުޅިގެން އެމްއާރުސީން ވަނީ ގިނަ މަސައްކަތްތަކެއް ކޮށްފައި ކަމަށެވެ. އެގޮތުން އެމްއާރުސީން އެންމެ ހާއްސަ އިސްކަމެއް ދީގެން ކުރި އެއް މަސައްކަތަކީ ކޮވިޑުގެ ސަބަބުން އެކި ގޮތްގޮތުން އެހީތެރިކަން ބޭނުންވެފައިވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމަށް ވިދާޅުވިއެވެ.

ހިމްޔާ ވިދާޅުވީ، ނަފުސާނީ އިޖުތިމާއީ އެހީތެރިކަން ބޭނުންވާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށްވެސް އެމްއާރުސީން ހާއްސަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށާއި އެގޮތުން ކޯލް ސެންޓަރެއް ގާއިމުކޮށް އަދި އަމިއްލަ އިސްނެގުމަށްވެސް އެފަދަ އެހީތެރިކަން ބޭނުންވާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ކަމަށެވެ.

"މިހާތަނަށް 900 ކޯލަށް ވަނީ ޖަވާބު ދެވިފައި. އޭގެ ތެރޭގައި މި ހިމެނެނީ 48 އިންސައްތަ ފިރިހެނުން އަދި 52 އިންސައްތަ އަންހެނުން. އޭޖް ގްރޫޕަށް ބަލާއިރު އެހީތެރިކަމަށް އެދި ގިނައިން ގުޅައިފައިވަނީ 19 އަހަރާއި 35 އަހަރާ ދެމެދުގެ މީހުން،" ހިމްޔާ ވިދާޅުވިއެވެ.

ހިމްޔާ ވިދާޅުވީ، އެމްއާރުސީން އަމިއްލަ އިސްނެގުމުގެ މަތިން 1،800 މީހަކަށް ގުޅައި ނަފުސާނީ އިޖުތިމާއީ އެހީތެރިކަން ފޯރުކޮށްދީފައިވާނެ ކަމަށާއި މިހާތަނަށް 44 ސަޕޯޓް ސެޝަންވެސް ކުރިއަށް ގެންގޮސްފައިވާނެ ކަމަށެވެ. އަދި މިހާތަނަށް ޖުމްލަ 2،600 މީހަކަށް ނަފުސާނީ އިޖުތިމާއީ އެހީތެރިކަން ފޯރުކޮށްދީފައިވާނެ ކަމަށް ވިދާޅުވިއެވެ.

"މީގެ ތެރެއިން 2،600 މީހުންނަށް ނަފުސާނީ އިޖުތިމާއީ އެހީތެރިކަން ފޯރުކޮށްދެވިފައިވާ ކަމަށް އަޅުގަނޑުމެންނަށް ހިސާބުތަކުން ފެންނަނީ. އަދި އޭގެ ތެރެއިން 40 މީހެއް އައިޖީއެމްއެޗުގައި ހުންނަ ސެންޓާ ފޯ މެންޓަލް ހެލްތަށް އަޅުގަނޑުމެންވާނީ ރެފާކޮށްފައި،" ހިމްޔާ ވިދާޅުވިއެވެ.

މީގެ އިތުރުން ހިމްޔާ ވިދާޅުވީ، މާޗު މަހުން ފެށިގެން 259 މީހަކު ނަފްސާނީ އިޖުތިމާއީ ފަސްޓްއެއިޑަށް ތަމްރީން ކުރެވިފައިވާ ކަމަށާއި ސްކޫލުތަކުގެ ޓީޗަރުން ހިމެނޭހެން 6،300 މީހަކަށް އޮންލައިންކޮށް ތަމްރީންތައް ދެވިފައިވާ ކަމަށެވެ.

ހިމްޔާ ވިދާޅުވީ، ނަފުސާނީ އިޖުތިމާއީ އެހީތެރިކަން ފޯރުކޮށްދޭ، ކޯލް ސެންޓަރުގެ މަސައްކަތް 24 ގަޑިއިރަށް ބަދަލުކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެ ކޯލް ސެންޓަރުގެ ހިދުމަތް މިހާރު ހުކުރު ދުވަސް ނޫން ކޮންމެ ދުވަހެއްގެ މެންދުރު 12:00އިން ހަވީރު 5:00 އަކަށް އަދި ރޭގަނޑު 8:00 އިން މެންދަމު 12:00 އަށް ލިބެން ހުރެއެވެ.