ހުއްދަތައް ނުނަގާ ގަވާއިދާ ހިލާފަށް ރަޖިސްޓްރީ ނުކޮށް ވިޔަފާރި އުސޫލުން ކާބޯތަކެތީގެ ހިދުމަތްދޭނަމަ ފިޔަވަޅު އަޅަން އެޗްޕީއޭ އިން ނިންމައިފިއެވެ.
އެޗްޕީއޭ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ރަޖިސްޓްރީ ނުކުރާ ބަދިގެ ފަދަ ތަންތަނުގައި ކާބޯތަކެތި ތައްޔާރުކޮށް ވިއްކުމާއި ފިހާރަތަކާއި ގޭގޭގައިި ކާބޯތަކެތީގެ ބާވަތްތަކާއި ދުންފަތުގެ ބާވަތްތައް އޮންލައިން ޕްލެޓްފޯމްތަކުގައި އިސްތިހާރުކޮށް ވިއްކާކަމުގެ ޝަކުވާ އެ އޭޖެންސީއަށް ލިބޭ ކަމަށެވެ.
އެހެންކަމުން ރަޖިސްޓްރީ ނުކޮށް ކާބޯތަކެތީގެ ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކާއެކު ގަވާއިދުގައިވާ ގޮތުގެ މަތިން ފިޔަވަޅު އަޅާނެ ކަމަށްވެސް ބުނެފައިވެއެވެ.
އެޗްޕީއޭ އިން ވަނީ މިފަދަ ތަންތަނުން ވިޔަފާރީގެ އުސޫލުން ކާބޯތަކެތީގެ ހިދުމަތްދޭނަމަ، ކާބޯތަކެތީގެ ހިދުމަތްދިނުމުގައި ހުންނަން ޖެހޭ ސާފުތާހިރުކަމުގެ މިންގަނޑު ބަޔާންކުރާ ގަވާއިދާއި ކަމާގުޅޭ އެހެން ގަވާއިދުތަކާ އެއްގޮތްވާނެ ގޮތުގެ މަތިން ހުއްދަ ނެގުމަށް އެދިފައެވެ. އަދި މިފަދަ ތަންތަނުގެ ހިދުމަތް ނުހޯދުމަށް އާންމުންނަށް ވަނީ އިލްތިމާސް ކޮށްފައެވެ.
ވިޔަފާރީގެ އުސޫލުން ކާބޯތަކެތީގެ ހިދުމަތް ފޯރުކޮށްދޭން ބޭނުން ނަމަ އެކަމަށް ރަޖިސްޓްރީ ކުރުމަށް، ހެލްތުގެ ޕޯޓަލް، https://counter.health.gov.mv މެދުވެރިކޮށް ހުށަހެޅޭނެއެވެ.
ކޮވިޑް 19ގެ ސަބަބުން ގިނަ ބައެއްގެ މާލީ ހާލަތު ދަށްވުމުގެ ސަބަބުން އޮންލައިން ޕްލެޓްފޯމުތަކުގައި ދަނީ ކާބޯތަކެތި ވިއްކަމުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު