ގއ. ވިލިނގިލީގައި ހުންނަ ކޮވިޑް ފެސިލިޓީ އަށް ގެންދިޔަ ކޮވިޑްގެ ބަލި މީހަކު އެ ރަށަށް އަރުވަން ރައްޔިތުން ދެކޮޅު ހެދުމުން އެމީހާ އެއާޓެކްސީގައި މާލެ އަށް ގެނެސްފިއެވެ.
ވިލިނގިލި ފެސިލިޓީއަށް ގެންދިއުމަށް މަސައްކަތް ކޮށްފައިވަނީ ގދ. ތިނަދޫ އިން މިދިޔަ ހޮނިހިރު ދުވަހު "ދެރަހަ" ބޯޓުން ކޮވިޑަށް ޕޮޒިޓިވްވި ފަޅުވެރިޔާއެވެ.
ވިލިނގިލީގައި ގާއިމްކޮށްފައިވާ ކޮވިޑް ފެސިލިޓީއަށް އެމީހާ ގެންދިޔުމުން އެރަށަށް އެރުވުމާ ދެކޮޅަށް ރައްޔިތުންގެ ބަޔަކު ނުކުމެ ވަނީ އިހުތިޖާޖު ކޮށްފައެވެ. އަދި ބަލީ މީހާ ލޯންޗްގައި ގިނަ އިރުތަކެއް ވަންދެން އިނުމަށްފަހު އަލުން އަނބުރާ ތިނަދޫއަށް ވަނީ ގެންގޮސްފައެވެ.
ތިނަދޫ ކައުންސިލުގެ ރައީސް އަލީ އަމްޖަދު މިއަދު "ވަން" އަށް ވިދާޅުވީ ވިލިނގިއްޔަށް ބަލި މީހާ ނޭރުވުމުން ވީ އެންމެ އަވަހަކަށް މާލެ ފޮނުވާލުމުގެ މަސައްކަތް ފެށި ކަމަށާއި އެގޮތުން އެމީހާ މިއަދު ހަވީރު 5:30 ހާއިރު އެއާޓެކްސީގައި މާލެ ފުރާފައިވާ ކަމަށެވެ.
އެ ކޭސްއާ ގުޅިގެން މިހާތަނަށް 41 މީހަކު ގޭގައި އެކަހެރިވުމަށް އަންގާފައިވެއެވެ. އަދި ދެރަހަ ބޯޓުގެ ނުވަ ފަޅުވެރިންވެސް އެ ބޯޓުގައި ވަނީ ކަރަންޓީންކޮށްފައެވެ.
އަމްޖަދު މީގެ ކުރިން ވިދާޅުވީ އޭނާ މާލެއިން ރަށަށް އައިސް ކަރަންޓީންވާން ނުޖެހޭތީވެ، ރަށުގެ އެކި ސަރަހައްދުތަކަށް ގޮސްފައިވާ ކަމަށާއި އޭނާ ހުކުރަށް މިސްކިތަށް ވެސް ގޮސްފައިވާ ކަމަށެވެ. އަދި އެ ބޯޓު އެއަތޮޅު ހަތް ރަށަކަށް ގޮސްފައިވާ ކަމަށާއި އޭގެ ތެރެއިން ހަތަރު ރަށަކަށް އޭނާ ފައިބާފައިވާ ކަމަށް ވެސް އަމްޖަދު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، އެމީހާ ކޮންޓެކްޓުވި މީހުން އަދިވެސް ހޯދަމުން އަންނަ ކަމަށާއި ސީދާ ކޮންޓެކްޓްވެފައިވާ އަދަދު އަދިވެސް ޔަގީންނުވާ ކަމަށެވެ. އަދި ބޯޓުގައި ތިބި ނުވަ މީހެއްގެ ކޮވިޑް ޓެސްޓް ހަދާފައިވާ ކަމަށާއި އެމީހުންގެ ނަތީޖާ އަދި ލިބިފައިނުވާ ކަމަށްވެސް ވިދާޅުވިއެވެ.
އަމްޖަދު ވިދާޅުވީ ކޮންޓެކްޓް ވެފައިވާ މީހުންގެ ތެރެއިން ހޯމް ކަރަންޓީނުގައި ތިބި ފަރާތްތަކުގެ ތެރެއިން އަލާމާތް ފެންނަ ފަރާތްތަކުގެ ޓެސްޓް ކުރެވޭނެ ކަމަށެވެ. އަދި މިހާތަނަށް އެފަދަ އަލާމާތެއް އެއްވެސް ފަރާތަކުން ފެނިފައިނުވާ ކަމަށެވެ.
އޭނާ ވިދާޅުވީ ކޭސް ފެނުމާ ގުޅިގެން ރަށުގެ ސުކޫލުތައް ބަންދުކޮށް، އެއްވެ އުޅުން މިހާރު މަނާކުރެވިފައިވާ ކަމަށާއި އޮފީސްތަކަށްވެސް ވީހާވެސް މަދުން މީހުން ނެރުމަށް އިލްތިމާސްކޮށްފައިވާ ކަމަށެވެ. އަދި މާސްކު އަޅައިގެން އުޅުމަށާއި ފިހާރަތަކާއި ކެފޭތަކުގައިވެސް ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ އެންގުންތަކާ އެއްގޮތަށް އަމަލު ކުރުމަށް އަންގާފައިވާނެ ކަަމަށް އަމްޖަދު ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު