މަނީ ލޯންޑަރިންގެ ކުށުގައި ފަސް އަހަރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ އިދިކޮޅު މައި ލީޑަރު އަދި ކުރީގެ ރައިސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ފަރާތުން ހައިކޯޓަށް ހުށަހެޅި އިސްތިއުނާފު މައްސަލައިގެ އަޑުއެހުމެއް މާދަމާއަށް ތާވަލު ކޮށްފިއެވެ.

މާދަމާގެ އަޑުއެހުން ތާވަލުކޮށްފައިވަނީ މާދަމާ މެންދުރުފަހު 1:00 ޖަހާއިރަށެވެ.

ރައީސް ޔާމީންގެ އިސްތިއުނާފުގެ އަޑުއެހުމެއް މިމަހުގެ ފަސް ވަނަ ދުވަހަށް ވެސް ތާވަލުކުރި އެވެ. ނަމަވެސް ރައީސް ޔާމީންގެ އެދިވަޑައިގެން އެ އަޑުއެހުން ކެންސަލް ކުރި އެވެ.

މަނީ ލޯންޑާ ކުރުމުގެ ކުށް ސާބިތުވެ ފަސް މިލިޔަން ޑޮލަރުން ޖޫރިމަނާކޮށް، ފަސް އަހަރު ދުވަހަށް ޖަލަށް ލުމަށް ރައީސް ޔާމީންގެ މައްޗަށް ދަށު ކޯޓުން ވަނީ ހުކުމް ކޮށްފައެވެ. މިހާރު އެމަނިކުފާނު ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވަނީ، މާފުށީ ޖަލުގައެވެ.

ރައީސް ޔާމީންގެ އިސްތިއުނާފުގެ އަޑުއެހުމެއް މާދަމާއަށް ތާވަލުކުރި އިރު، މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) މެދުވެރިކޮށް ޓޫރިސްޓު ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރުމަށްޓަކައި ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން އެމަނިކުފާނުގެ މައްޗަށް ކުރާ ހިޔާނާތުގެ ދެ ދައުވާގެ ޝަރީއަތެއް މިމަހުގެ 16 ވަނަ ދުވަހު ވަނީ ބާއްވައިފަ އެވެ.

އެ އަޑުއެހުމުގައި ރައީސް ޔާމީނަށް އެމަނިކުފާނުގެ ވަކީލުންނާ ބައްދަލު ކުރުމުގެ ފުރުސަތު ނުލިބޭތީ އާއި މައްސަލައާބެހޭ ލިޔުންތައް ވެސް ނުލިބޭކަން ތަކުރާރުކޮށް ފާހަގަކުރުމުން، ވަކީލުންނާ އެކަހެރި ކޮށް ބައްދަލުވުމުގެ ފުރުސަތު ރައީސް ޔާމީނަށް ދިނުމަށް ވަނީ އަމުރުކޮށްފަ އެވެ.